ދީން

ތިބާގެ ގެއަށް ތިބާ ކޮންމެ ކޮންމެ މީހަކު ނުވައްދާނެ، ﷲގެ ގެކޮޅަށް ވައްދަވަނީ ވެސް އެއިލާހުގެ ޚާއްޞަ އަޅުން

ދެން އެމްވީ ، ދެން އޮންލައިން

އެންމެ މާތް ، އެންމެ މަތިވެރި އަޅުކަން އަދާކުރުމަށް ﷲ ތަޢާލާގެ ގެކޮޅަށް ކޮންމެ ދުވަހަކު ފަސްފަހަރަށް ގޮސް ޙާޟިރީ ދިނުމަކީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. އަދި ކިއެއްތަ! އެއީ މަތިވެރިވެގެންވާ ދެއްވުމެކެވެ. ﷲގެ ދީލަތިވަންތަކަމުގެ ސަބަބުން އެއިލާހު ތިބާއަށް ދެއްވާފައިވާ ޚާއްޞަ އިނާޔަތެކެވެ.

Ads by STELCO

ވިސްނަވާލައްވާށެވެ! ތިބާގެ ގެއަށް އައިސް މީހަކު ބެލް ޖަހާލުމުން ތިބާ ބަލާލަނީ އެއީ ކާކުތޯއެވެ؟ ތިބާގެ ގެއަށް ތިބާ ވައްދަނީ ތިބާ ބޭނުންވާ ތިބާ ހިތް އެދޭ މީހުންނެވެ. މި ނަޒަރުން ފިކުރުކޮށްލައްވާށެވެ. ﷲގެ ގެކޮޅަށް އެއިލާހު ވައްދަވަނީ ވެސް އެއިލާހު ރުއްސަވާ އަޅުތަކުންނެވެ. އެއިލާހުގެ މަދަދުވެރިކަން އޮތް މީހުންނެވެ. އެހެނީ ، ކާމިޔާބާއި ފަލާޙް ހޯދުމަށް އެކަން މިންވަރު ކުރައްވާ އިލާހުގެ ޙަޟްރަތަށް ކުއްތަށް ވުމަށް ގޮވާލުމުން ވެސް ޚިޔާލެއް ފިކުރެއް ނެތި ، ކޮފީތަކުގަޔާއި ކުޅޭ ދަނޑުތަކާއި ، ގޭގެ ޓީވީތައް ދޮށުގައި އެތިބެނީ ކިތައް މީހުން ހެއްޔެވެ؟ އެފަދަ މީހުންގެ ތެރެއިން ވެސް ފުރޭނިގެން،ޚާއްޞަކުރެވިގެން ﷲގެ ދަރުބާރަށް ތިބާ ގެންދިޔުމަށް ، ﷲ ތިބާ އިޚްތިޔާރު ކުރެއްވިކަމީ ޔަގީނުން ވެސް އެއިލާހު ދެއްވި މަތިވެރި ނިޢުމަތެކެވެ.

އަޅުގަނޑުމެންގެ ތެރެއިން މަދު ނޫން ބަޔަކީ ހަމައެކަނި ހުކުރު ނަމާދު ކޮށްލާ މީހުންނެވެ. އޭގެ ތެރެއިން ވެސް މަދު ނޫން އަދަދަކީ މިސްކިތަށް ނާރާ ، ހަމައެކަނި ގޯތި ތެރޭގައި ނުވަތަ މިސްކިތުގެ ސަރަހައްދާއި މަގުމަތީގައި ނަމާދުކޮށްލާފައި ދާ މީހުންނެވެ. އަޚުންނާއި އުޚުތުންނެވެ. ވިސްނާލުން ކީއްތޯއެވެ؟ ހަފްތާގައި ކޮށްލާ ހަމައެކަނި ނަމާދަށް ވެސް ﷲގެ ގެކޮޅަށް ވަދެލުމުގެ ތައުފީގު އޭނާއަކަށް ނުލިބެއެވެ.ހިތްދަތި ކަމެއް ނޫންތޯއެވެ.

ބަންގީގެ ނިދާއަށް އަޅުގަނޑުމެން ދޭ ޖަވާބާއި މެދު ވެސް ފިކުރެއް ހިންގާލަމާތޯއެވެ. ބަންގި ގޮވަމުންދާއިރު ، ބަންގީގެ ލަފްޒުތައް އަހަރެމެން ތަކުރާރުކުރަމުން ގެންދަމުއެވެ. އަދި ނަމާދަށް އަވަސްވެގަތުމަށާއި ، ކާމިޔާބު ހޯދުމަށް އަވަސްވެ ގަތުމަށް ގޮވާލުމުން އަހަރެމެން ތަފާތު ޖަވާބެއް އެބަދެމުއެވެ. އެއީ لا حَوْلَ وَلا قُوَّةَ إِلا بِالله، އަހަރެމެންގެ އެއްވެސް އާރެއް ބާރެއް ނެތްކަމަށާއި ﷲގެ ޙަޟްރަތުން ލިބުނު ބާރެއް ނޫނީ ނެތްކަމަށް ވާ އިޢުތިރާފެވެ. ގެއިން ނިކުމެގެން މިސްކިތަށް ދެވުމަކީ ވެސް ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު ބާރެއް ކަމަށްވާ އިޢުތިރާފެވެ. ކިހާ ބޮޑު ތެދެއްތޯއެވެ. 70 އަހަރު ނުވަތަ 80 އަހަރުގެ މުސްކުޅިން ގެއިން ނިކުމެގެން މިސްކިތަށް ދިޔުމުގެ ބާރު ﷲ ދެއްވިއިރު އެންމެ ވަރުގަދަ ޒުވާނުންގެ ގައިގައި އެބާރު ނެތްކަން އަހަރެމެން މިދަނީ ދެކެމުންނެވެ. ގައިގައި ވަރުހުރި ނަމަވެސް ﷲގެ ގެކޮޅަށް ޙާޟިރުވުމަށް އެއުރެންގެ ދެފައި ހަރަކާތެއް ނުކުރެއެވެ. ހިތެއް އެކަމަކަށް ނޭދެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ތިބާއަކީ ﷲގެ ދަރުބާރަށް ބަރާބަރަށް ޙާޟިރުވާ މީހެއް ނަމައީ ވެސް އެއީ ތިބާ މޮޅު ކަމަކުން ތިބާގެ މާތްކަމަކުން ވީ ކަމެއް ނޫނެވެ. އެއީ މަތިވެރި ﷲ ތަޢާލާގެ ޚާއްޞަ ދެއްވުމެކެވެ. ޚާއްޞަ އިނާޔަތެކެވެ. އެކަމަށްޓަކައި އެއިލާހަށް ޙަމްދާއި ޝުކުރު ދެންނެވުން މަތީ ދެމި ހުންނާށެވެ. ހަމައެހެންމެ ، ﷲގެ ގެކޮޅަށް ދިޔުމުގައި ކަންނެތްވާ މީހެއްނަމަ ﷲގެ ޚާއްޞަ އަޅުތަކުންގެ ތެރޭގައި ވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އެކަމަށްޓަކައި މި ލަފްޒުތައް ގިނަގިނައިން ކިޔާ ، ހިތްވަރާއެކު މަސައްކަތް ކުރާށެވެ.

لا حَوْلَ وَلا قُوَّةَ إِلا بِالله

އިންޝާﷲ ، ތިބާއަށް ﷲގެ ނަޞްރާއި މަދަދު ލިބިގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!