ރިޕޯޓް

ވޯޓަކީ އަމާނާތެކެވެ. ރުކާއި ތިލަފަތް އިސްނުކޮށް ގާބިލުމީހާ އިސްކުރާށެވެ!

އަލީ ޝިފާޒް ، ދެން އޮންލައިން

"ރުކަށް ވޯޓެއް، ތިލަފަތަށް ވޯޓެއް. ރުކަށް ވޯޓެއް ތިލަފަތަށް ވޯޓެއް." ފެސްބުކްގައި ވެސް ޖަލްސާތަކުގައި ވެސް މި ނޫން އަޑެއް ނީވެއެވެ. ފޭސްބުކްވެސް ޓްވިޓަރ ވެސް ހަމަ މިފަދައެވެ. އެއްބަޔަކަށް ވުރެ ގަަދަޔަށް އަނެއް ބަޔަކު އުފުލާ އަޑަކީ މިއެވެ.

Ads by MWSC

މިއުޅެނީ ގަސް ގަހާ ގެއްސާއި، މަސްމަހާއި މެއްސާއި، ރުއް ރުކާއި، ތިލަފަތާއި، ބަނޑޭރި ގަނޑާއި، ޕޫސް އުދުނާއި، އިންތިޚާބު ކުރާކަށް ނޫނެވެ. އަދި ކިއެއްތަ މިއުޅެނީ، ތެދަށް އޮންނަ ރުކެއް ބަޅުކޮށް، ބަޅަށް އޮންނަ ރުކެއް ތެދުކޮށް، ތިލަފަތަކަށް ނޫރާނީ މަލެއް ލައިގެން އެ ވިއްކާކަށެއް ވެސް ނޫނެވެ.

މިއުޅެނީ ރަށާއި، އަތޮޅާއި، ސިޓީގެ މުސްތަގުބަލަށްޓަކައި ގޮތް ނިންމާށެވެ. ކުރިޔަށް މިއޮތް ފަސް އަހަރަށް އެ ރަށެއްގެ، އަތޮޅެއްގެ، ސިޓީއެއްގެ އިހުތިސާސް ހިމެނޭ ސަރަޙައްދު ބަޔަކަށް އަމާނަތްތެރިކަމާއެކު ބެލެހެއްޓުން ހަވާލު ކުރާށެވެ. މިއުޅެނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު އެ ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލާ، އެ ޕްލޭން ތަންފީޒުކުރުމަށް އިޚުލާސްތެރިކަމާއި، ހިކުމަތްތެރިކަމާއެކު، ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނެ ތޫނުފިލި ސިކުނޑިތަކެއް ހޯދާށެވެ.

މިއުޅެނީ، ރަށުގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން، އާމްދަނީއާއި ނަފާ ހޯދައި، އެ ނަފާއާއި މަންފާތަކުގެ ތެރެއިން ރަށުގެ ރައްޔިތުން އެދޭ ބަދަލުތައް ގެނެސް، އިލްމީ، ދުޅަހެޔޮ ޖީލެއް ބިނާކޮށްދޭނެ ބަޔަކު ހޯދާށެވެ. ރައްޔިތުންނަށް އަމާންވެއްޓެއް ކަށަވަރުކޮށްދީ، ސަރުކާރުގެ ތެރެއިން ރަށަށް ލިބެން ހުރި ފެހި ފުރުސަތުތައް ފަހިކޮށްދީ، އުޖާލާ މުސްތަގުބަލެއް ކަށަވަރު ކޮށްދޭނެ ހެޔޮލަފާ ވެރިންތަކެއް އިންތިޚާބު ކުރުމަށެވެ.

މިއުޅެނީ، ސިޔާސީ މަޖާ ކުރާކަށް ނޫނެވެ. މި އުޅެނީ، ސިޔާސަ ކުދިން އިންތިޚާބު ކޮށްގެން ރަށް މީގެ ދިހަ، ބާރަ އަހަރު ކުރިޔަށް ދުއްވާލާކަށެއް ވެސް ނޫނެވެ. މިއުޅެނީ ކުރިޔަށްދާށެވެ. ކުރިޔަށް ދާނެ މަގުތަށް ކޮށާށެވެ. އެ މަގުން ހިނގާނެ ރަނގަޅު ވެރިން ހޯދާށެވެ.

މިކަމަށް ބެނުންވަނީ، ގާބިލް ކެންޑިޑޭޓުންނެވެ. ކަމަށް އެކަށޭނެ ޢިލްމާއި ޙިލްމު ހުރި ކެންޑިޑޭޓުންނެވެ. ދުނިޔަވީ ތަޖުރިބާއިން މާދަން ބިނާކުރަން ދަންނަ ކެނޑިޑޭޓުންނެވެ. އަމިއްލަ އެދުން އެއްފަރާތްކޮށް މުޅި މުޖުތަމައު އިސްކުރާ ކެންޑިޑޭޓުންނެވެ.

ރައްޔިތުންގެ ހައްގުގައި ބަސްބުނަން ކެރޭ ބަސް އިއްވާނެ، ޙާދިމެއް އިސްކުރާށެވެ. ރުކަކާއި، ތިލަފަތަކުން ވާނެ ކަމެއް ކޮށްދޭނެ ކަމެއްވެސް ނެތެވެ. ވަކި ފިކުރެއްގައި ވަކި ޕާޓީއަކުން، އެއްކޮޅުން، އިދިކޮޅުން ނިކުމެ ރަށާއި ރައްޔިތުންގެ މުސްތަގުބަލު މޮޑެލަން ދޫކޮށް ނުލާށެވެ.

ވޯޓަކީ އަމާނާތެކެވެ. އަމާނަތް އަދާކުރަން ވާނީ ހެޔޮގޮތުގައެވެ. އަމިއްލަ ނަފުސަށް ތެދުވެރިވެ ރަށާއި، އަތޮޅާއި، ސިޓީގެ ހައްގުގައި ގާބިލް މީހާ އިންތިޚާބު ކުރާށެވެ.

Ads by HDC
  1. ޢިންސާފު

    ގާބިލު ވިޔަސް ތިބޭނެ ވަރަށް ނުބައި މީހުން. އެހެންވީމާ، ވޯޓް ދޭންވާނީ ޤައުމަށާ ދީނަށް ވަފާތެރިވާނެ ކަމަށް ބެލެވޭ، އަދި ޤާބލް މީހަކަށް.