"ޕާޓީގެ ފިކުރު ދޫކޮށް، ގައުމީ ވިސްނުމުގައި ހުރިހައި ރައްޔިތުން ވެސް ވޯޓު ދެއްވާ"
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް ވަކި ޕާޓީއެއްގެ ފިކުރަށް ނުބަލައި، ޤައުމީ ވިސްނުމެއްގައި ވޯޓު ދެއްވުމަށް، މާލޭ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ. މުއިއްޒު އެދިވަޑައިގެންފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީގައި މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ތަފާތު ކުރުމެއްނެތި ހަމަހަމަކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ... އެހެންވީމާ، ޕާޓީގެ ފިކުރު ދޫކޮށް، ގައުމީ ވިސްނުމުގައި ހުރިހާ ރައްޔިތުން ވެސް ވޯޓު ދެއްވާ..." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުން މިހާރު ތިބީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާރު ބޮއްސުންލާފައިވާއިރު، މާދަމާ ރައްޔިތުން ނުކުމެލާ ވޯޓު ވާން ވާނީ ޤައުމީ ވޯޓަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ލިބިދީފައެއް ނުވޭ... މާލޭގެ ވެއްޓަކީ ސާފުތާހިރުކަމެއް ނެތް ތަނަކަށް ވަނީ ވެފައި.." ޑރ. މުއިއްޒު ވިދާޅުވިއެވެ.
ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ވާހަކަ ދައްކާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް މިއީ ރައްޔިތުންނަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި ކައުންސިލް އިންތިހާބު މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ހޯދައި ދިނުމަށް ވެސް އެ ބޭފުޅުން ވަނީ އެދިފައެވެ.