ދުނިޔެ

ފޭސްބުކްއިން އަނެއްކާ ވެސް ބައެއް މީހުންގެ ޒާތީ މައުލޫމާތު ލީކްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެތައް ބަޔަކު ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ފޭސްބުކްގައި ހިމެނޭ އެތައް ބައެއްގެ ޒާތީ މައުލޫމާތު އަނެއްކާ ވެސް ލީކްވެއްޖެއެވެ.

Ads by WAMCO

ފޭސްބުކް ބޭނުންކުރާ ބައެއް މީހުންގެ ޒާތީ މައުލޫމާތު އަނެއްކާ ވެސް ލީކު ކޮށްލައިފައި މިވަނީ، އެ ޕްލެޓްފޯމް ބޭނުންކުރާ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުކޮށްލިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

ރިޕޯޓުތަކުން ބުނިގޮތުގައި ފޭސްބުކް ބޭނުންކުރާ އެތައް ހާސް ބައެއްގެ ފޯނު ނަންބަރު ފަދަ ޒާތީ މައުލޫމާތު، މިފަހަރު ވެސް ވަނީ ލީކްވެފައެވެ. އެ މައުލޫމާތުތައް ފެނުނީ އޮންލައިން ޓޫލަކުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މިފަހަރު ގިނައިން ލީކް ވެފައިވަނީ ފޭސްބުކްގެ އެކި ޕޭޖުތަކަށް ލައިކް ދީފައިހުރި ބައެއް މީހުންގެ މައުލޫމާތެވެ.

މީގެއިތުރުން ރިޕޯޓުތަކުން ބުނެފައި ވަނީ، މިފަހަރު ލީކުވީ މައުލޫމާތުތަކުގައި ކުރިން މައުލޫމާތު ލީކުވީ 533 މިލިއަން މީހުން ނުހިމެނޭ ކަމަށެވެ.

"މަދަރބޯޑުން" ބުނެފައިވާ ގޮތުގައި ނަންބަރުތައް ހިމެނިފައިވާ ޓޫލަކީ ޓެލެގްރާމްގައި ބޭނުންކުރާ ބޮޓެކެވެ. އެ ބޮޓާ ބެހޭ މައުލޫމާތުގައި ލިޔެފައި ވަނީ ވެސް އެއީ ފޭސްބުކްގެ ޕޭޖުތަކަށް ލައިކް ދީފައިވާ މީހުންގެ މައުލޫމާތުތައް ކަމަށެވެ.

މީހުންގެ ޒާތީ މައުލޫމާތު ފޭސްބުކްއިން ހަގީގަތުގައި ވެސް ލީކުވެއްޖެކަން މަދަރބޯޑްއަށް ޔަގީން ކުރެވިފައި ވަނީ، ލީކްވި ލިސްޓުގައި ހުރި ބައެއް ނަންބަރުތަކަށް އެމީހުން ގުޅައި ޔަގީން ކުރުމުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!