ދީން

ޢަރަފާތު ދުވަހު ކުރުމަށް އެންމެ ރަނގަޅީ ކޮން ދުޢާއެއް؟

ދެން އެމްވީ ، ދެން އޮންލައިން

މާދަމާއަކީ މިއަހަރުގެ ޢަރަފާތު ދުވަހެކެވެ. ޢަރަފާތު ދުވަހަކީ އެތައް ހެޔޮކަމެއް ޖަމާވެފައިވާ ދުވަހެކެވެ. އެ ދުވަހަކީ އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެވެ. ހަމައެހެންމެ އެ ދުވަހަކީ ހައްޖުވެރީން ނޫން އެހެން މީހުން ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަހެކެވެ.

Ads by MWSC

ޢަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާނެ ، ސަބަބެއް ކަމަށް ޙަދީޘް ބަސްފުޅުން އެނގެން އެބައޮތެވެ. ހަމަ އެހެންމެ މިއަހަރުގެ ޢަރަފާތު ދުވަސް ދިމާ ވަނީ ބުރާސްފަތި ދުވަހަކަށް ވެފައި ، ހޯމަ ، ބުރާސްފަތި ދެ ދުވަހަކީ ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދަ ހިއްޕެވި ދުވަސްތައް ކަމަށްވުމާއެކު ، ޢަރަފާތު ދުވަހު އާދެ! މާދަމާ ރޯދަ ހިފުން ހެޔޮކަން ބޮޑުވެގެންވެއެވެ. މީގެ އިތުރުން ޒިކުރުކުރުން އިތުރު ކުރުމާއި ދުޢާ ކުރުން އިތުރު ކުރުމަށް ނަސޭހަތްތެރިވަމެވެ. އެހެނީ ޢަރަފާތު ދުވަހުގެ ދުޢާ އަކީ އެންމެ ހެޔޮ ދުޢާ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ» (رواه الترمذي)

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ.“

ޢަރަފާތު ދުވަހު ކުރުން އެންމެ އަޢުލާކަން ބޮޑު އެންމެ ހެޔޮ ދުޢާއަކީ ތިރީގައި ބަޔާންކޮށްފައި އެވާ ދުޢާ އެވެ. މީގެ އިތުރުން ވެސް ސުންނަތުން ވާރިދުވެފައިވާ ދުޢާތަކާއި އެކި މީހުންނަށް ޖެހިފައިވާ އެކި ޙާޖަތްތަކަށް ދުޢާ ދެންނެވުން އިތުރުވެގެންވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» (رواه الترمذي )

މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންވެސް އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިދުޢާއެވެ.“

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!