ޕީޕީއެމް އަކީ ފުލުހުންގެ އަގު ވަޒަންކުރާ، އިހުތިރާމް ކުރާ ޕާޓީއެއް: ޣައްސާން
ޕީޕިއެމް އަކީ ފުލުހުންގެ އަގުވަޒަންކޮށް، އިހުތިރާމް ކުރާ ޕާޓީއެއް ކަމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ރޭގެ އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.
ހަމީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ދެވޭ ކޮންމެ ހަމަލާއެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ފުލުހުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް، ގާ އުކައި، އަލިފާންބޯޅަ އުކައި، ވަޅިން ހަމަލާދީ ބަޑިން ފުލުހުންނަށް ހަމަލާދޭން އޯޑަރުކޮށް، ސޯޓު ބުރި ލައްވަން އުޅެނީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.
"ޕީޕީއެމް އަކީ ފުލުހުންގެ އަގުވަޒަން ކުރާ، އިހުތިރާމް ކުރާ ޕާޓީއެއް" ޣައްސާން ވިދާޅުވިއެވެ.
Fuluhunnah dhevey komme hamala eh harukashi ibaaraathun kuvveri kuran. Fuluhunnah furassaarakoh, aniyakoh, gaa uka, alifaanboalha uka, valhin hamala dhee, 7/2/12 gai badin fuluhunnah hamala dheyn order koh, short buri lavvan ulhenee kon baehkan dhivehi rayyithunnah olhifaeh neih. pic.twitter.com/2cZqCFLwBh
— Mohamed Ghassan Maumoon (@mgmaumoon) July 29, 2020
މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށާ އެކަން ކުރި މީހާ ހޯދާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށާއި އެ ދެ ޕާޓީން އެފަދަ ކަމަކަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.