ހަގީގީ ހާދިސާ ލައިފްސްޓައިލް

ހާރު ކާން ތެދުވެ "ހާރު" ނެތުމުން ރުއި ކުއްޖެއްގެ ވާހަކަ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއީ ތަފާތު ވާހަކައެކެވެ. ރަހުމަތްތެރިއަކު އަޅުގަނޑާ ހިއްސާ ކުރި ވާހަކައެކެވެ. އެ ވާހަކަ އަޑު އެހުމަށް ފަހު އަޅުގަނޑު ހީހީ ހަލާކު ނުވީ ކިރިޔާއެވެ. އެ ވާހަކަ އޭނާ އަޅުގަނޑަށް ކިޔައިދިނީ 2019 ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާގެ ރަށުގައި ހިނގި ކަމެއް ކަމަށް އޭނާ ކިޔައިދިނެވެ.

Ads by MWSC

އެއީ 10 އަހަރުގެ ކުޑަ ކުއްޖެއްގެ ވާހަކައެވެ. އެ އަހަރަކީ އެ ކުއްޖާ ރޯދަ ހިފަން ފެށި އަހަރެވެ. ކޮންމެއަކަސް، މުލަ ރޯދަ ވިލޭރޭ އާއިލާގެ އެންމެން ހާރުކާން ތެދުވީ 4 ޖަހާއިރުއެވެ. އެހެންކަމުން އެ ކުއްޖާގެ މަންމަ އެ ކުއްޖާއަށް ވެސް ހާރުކާން ގޮވިއެވެ.

ގަދަ ނިދީގައި އޮވެފައި އެ ކުއްޖާ ތެދުވިއެވެ. މަންމައާއެކު ފާހާނާއަށް ވަދެ ދަތް އުނގުޅާލައިގެން އެ ކުއްޖާ ކާގެއަށް ދިޔައިރު ވެސް ނިދީގެ އަސަރު ހުއްޓެވެ. އައިސް ކާ މޭޒު ކައިރީގައި އޭނާ އިށީނެވެ. އަދި ހާރަށް ތައްޔާރު ކޮށްފައި ހުރި އެއްޗިއްސަށް ނަޒަރު ހިންގާލިއެވެ.

ކާނީ ކޯޗެއްތޯ މަންމަ އޭނާގެ ގާތުގައި ސުވާލު ކުރުމުން އޭނާގެ ޖަވާބު ކުރެވެ. "ހާރު ކާނީ" އޭނާ ބުނީ މިހެންނެވެ. އަނެއްކާ ވެސް އެ ކުއްޖާގެ މަންމަ ސުވާލު ކުރިއެވެ. ދަރިފުޅު ކާނީ ބަތްތޯ ނުވަތަ ރޮށި ތޯއެވެ. އަނެއްކާ ވެސް އެކުއްޖާ ބުނީ އެ ކުއްޖާ ކާނީ ހާރު ކަމަށެވެ. މި ވާގޮތެއް އެ ކުއްޖާގެ އާއިލާގެ މީހުންނަށް ރޭކާލީ ދެނެވެ.

ބޭއިޚްތިޔާރުގައި ނަމަވެސް އެންމެންނަށް އެވަގުތު ހޭން ފެށުނެވެ. ހަމަހިލާ އެހެން އެއްޗެއް އޭނާ ނުކެއެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާ ތެދުވީ ހާރު ކާށެވެ. ކާން ތައްޔާރު ކޮށްފައި ހުރި އިރު އެތަނުގައި ހާރެއް ނެތެވެ. ހުރީ ބަތާއި ގަރުދިޔަ އާއި ރޮއްޓާއި ރިހަ ފަދަ ތަކެއްޗެވެ.

އެ ކުއްޖާއަށް އެރޭ ކާން ދެވުނީ ވަރަށް ވަރުން ކަމަށް ވެއެވެ. އަދި އެ ކުއްޖާ އެތައް އިރެއް ވަންދެން ހާރު ނެތުމުން އެކަމާ ޝަކުވާކޮށް ރޯން ވެސް ރުއި ކަމަށް ވެއެވެ.

މިހާރު މި ކުއްޖާއަކީ ނޫކަށި ފުރައިގެ ޒުވާނެއް ކަމަށް އަޅުގަނޑުގެ އެކުވެރިޔާ ކިޔައިދިނެވެ. އަދި އޭނާ ވެސް މި ވާހަކަ ދައްކާފައި މިހާރު މަޖާވެގެން އުޅޭ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެ ރަށުގައި ވެސް ބައެއް މީހުން މަޖަލަކަށް ހަދައި މިވާހަކަ ދައްކައި އުޅެއެވެ.

ނޯޓް: ދިވެހިބަހުގައި "ހާރު" މި ލަފުޒުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ ރޯދައަށް ހުރުމަށް ޓަކައި މެންދަމުގެ ފަހުގައި ކާ ކެއުމެވެ. އަދި އަންހެން ކުދިންގެ ކަރުގައި އަޅާ ގަހަނާއަކަށް ވެސް 'ހާރު' ކިޔައެވެ. 

  1. ރާއްޖެތެރެ.

    ދަމިކެއުން

  2. ޚަޖީޖާ

    މިހާރު އުޅޭ ގޮތެއްފޮތެއް ނެތް ފިރިހެނުން ވެސް ހާރު އަޅާ.