ނަމާދު ކުރަންވާނީ އުމުރުން ދުވަސްވުމުން ކަމަށް ޤަބޫލުކުރި ޒުވާނެއްގެ ޚިޔާލު ބަދަލުކޮށްލި މަރު!
ތެދެކެވެ. އަދު ޒުވާނުންގެ ތެރޭގައި ގިނައީ ދީނާއި ދުރު, ދުނިޔަވީ އުފަލާއި ގާތް މީހުންނެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނެތި، އެފަދަ ޒުވާނުން ވަގުތު ހޭދަކުރަނީ އާޚިރަތުގައި ތިމާއާމެދު އަޖަލު ކުރެވިދާނެ ގޮތަކަށް އެއްވެސް ވަރަކަށް ފިކުރު ކުރުމެއް ނެތިއެވެ.
މިއީ ވެސް އެފަދަ ޒުވާނެއްގެ ވާހަކައެވެ. އޭނާ ދުނިޔޭގައި އުޅެމުން ދިޔައީ ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަން ހަނދާން ވެސް ނައްތާލައިގެންނެވެ. އޭނާ ދުށް ގޮތުގައި ނަމާދަކީ ހަމައެކަނި އުމުރުން ދުވަސްވުމުން ކުރަންވާ ކަމެކެވެ. އޭނަގެ އެ ވިސްނުން ބަދަލުކޮށްލީ ގާތް މީހަކަށް ދިމާވި ކުއްލި ހާދިސާއެއްގައި އެ މީހާ މިދުނިޔެ ދޫކޮށް ދިޔުމުންނެވެ.
"ސްކޫލް ދައުރުގައި އުޅުނުއިރު ވެސް އަހަންނަކީ ދީނީ ކަންކަމަށް އެހާ ފަރުވާތެރިވި މީހެއް ނޫނެވެ. އަދި އަހަރެންގެ ގާތުގައި އޭރު އުޅުނު މީހަކު ވެސް އަޅުކަމައިގެން އެވަރަށް އުޅުނު މަންޒަރެއް ފެނިފައެއް ނުވެއެވެ. އަހަރެން ބޮޑުވީ، ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ވެސް ހަމައެކަނި ނުކައި ހުރެގެން ވެސް ކުރެވޭ އަޅުކަމެއްގެ ގޮތުގައި އެނގެމުންނެވެ.
ސްކޫލް ނިމުމަށްފަހު، ވަޒީފާއެއް ހޯދައި، ލިބޭ މުސާރަ މަޖާ ކުރުމުގައި ހޭދަ ކުރަމުން އަހަރެން ދިޔައީމެވެ. އަގުބޮޑެތި ފޯނާ، ގަޑިއާއި، ސައިކަލު ވެސް ގަތީމެވެ. މާލޭގައި މައިންބަފައިންގެ ގެދޮރު ހުރުމުން، އަހަންނަށް ކުލި ދައްކާކަށް ނުޖެހެއެވެ. ހަގީގަތުގައި، އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހުނެވެ. އެހެންކަމުން އަހަންނަށް ލިބޭ މުސާރަައެއް އަހަރެން ބޭނުން ގޮތަކަށް ހޭދަ ކުރަމުން ދިޔައީމެވެ.
އެކުވެރިންގެ ތެރެއިން މަދު ބަޔަކު ނަމާދަށް ދާތަން ފެނެއެވެ. އެމީހުން އަހަރެން ގެންދަން އުޅޭނަމަ، އަހަރެން ބުނީ ނަމާދު ކުރުމާ މާ ބޮޑަށް އަޅުކަން ކުރަން އުޅުމަކީ މުސްކުޅިން ކޮށް އުޅޭކަމެއް ކަމުގައެވެ. އަހަރެން ވެސް މުސްކުޅިވީމަ ނަމާދު ކުރާނަމޭ ބުނީމެވެ.
އަހަންނަށް ނުވިސްނުނު އެއް ކަމަކީ، މަރަކީ ވަކި އުމުރެއް ބަލައިގެން އަންނާނެ އެއްޗެއް ނޫން ކަމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް، އަހަރެންގެ އުމުރުން 20 އަހަރުގައި، އަހަރެންގެ އޭރުގެ އެންމެ ގާތް އެކުވެރިޔާ ނިޔާވިއެވެ. އަހަންނާއި އޭނާއާ ވާނީ އެއް އުމުރެކެވެ. އަހަރެމެން ދެ މީހުން އަބަދުވެސް އުޅުނީ ވެސް އެއްކޮށެވެ. އެހެންކަމުން އޭނާގެ ކުއްލި ވަކިވުން ވެގެންދިޔައީ އަހަންނަށް ފުން އަސަރުތަކެއް ކުރުވި ކަމެއް ކަމުގައެވެ.
އެކުވެރިޔާގެ ފުރާނަ ނެތް މަސްގަނޑު ކައިރިއަށް ގޮސް އަހަރެން އޭނާގެ މޫނަށް ބަލައިލުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. އެކުވެރިޔާއަކީ ހަމުގެ ކުލަ ނުހަނު ދޮން މީހެކެވެ. ނަމަވެސް ނިޔާވެފައި އޮތް އިރު އެ ދޮންކަން ފާޅުވާކަށް ނެތެވެ. މޫނަށް ވެރިވެފައި ވަނީ ފާޑެއްގެ އަޅިކުލައެކެވެ. އޭނާ ހީވަނީ ވެސް އުމުރުން ވަރަށް ދުވަސްވީ މީހެއް ހެންނެވެ. އޭނާގެ މޫނު އަޅަން ދެން ވެސް އަހަންނަށް ހުރެވުނީ ހައިރާންކަމާއެކީ އެކުވެރިޔާގެ މޫނަށް ބަލާށެވެ.
އެކުވެރިޔާ ވަޅުލާ ނިމުމަށްފަހު ވެސް އަހަންނަށް ބޮޑަށް ވިސްނެން ހުރެވުނީ އެކަމާ ދޭތެރޭގައެވެ. އޭނާއަށް އެފަދަ ބަދަލުތަކެއް އަންނަން ޖެހުނު ސަބަބެއް އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އަހަންނަކީ ދީނީ ކަންކަމާ ދުރު މީހެއްކަމުން އެފަދަ ސުވާލެއް އެކުވެރިއެއް ގާތު އަހާކަށް ނުކެރުނެވެ. އެހެންކަމުން އެންމެ ފުރަތަމަ ވެސް އެހީ ހޯދީ 'ޔޫޓިއުބް' މެދުވެރިކޮށެވެ. މަރުވުމަށް ފަހު މޫނު ކަޅު ވަނީ ކީއްވެތޯ ޖަވާބެއް ހޯދަން 'ސާރޗް' ޓެބްގައި ޖެހީމެވެ.
ބައިވަރު ވީޑިއޯތަކަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އުސްތާޛް ބިލާލް އައްސަދުގެ 'ދަ ސޯލްސް ޖަރނީ' ވީޑިއޯއެވެ. އެހެންކަމުން އެ ވީޑިއޯ ބަލައި އަޑު އަހައިލަން އަހަރެން ފެށީމެވެ. ވަރަށް ތަފްސީލުކޮށް އޭގައި، ހެޔޮ ޢަމަލު ކުޅަ އަޅެއްގެ ފުރާނައަށް ވާނެ ގޮތާއި ނުބައި ޢަމަލުކުޅަ މީހެއްގެ ފުރާނައަށް ވާނެ ގޮތް ކިޔައި ދެއްވާފައި ހުއްޓެވެ. އަހަރެންގެ ހިތް ބިރުގަނެ، ހެޔޮ ޢަމަލު ކުޅަ މީހުންގެ ތެރެއިން ވާން ބޭނުންވިއެވެ.
ދެން އަހަރެން ފެށީ ދީނީ ޢިލްމުވެރިންގެ ފަރާތުން އެހީ ހޯދާށެވެ. އެގޮތުން އަހަންނާ ދިމާވީ ރާއްޖޭގެ ކުރީގެ މަޝްހޫރު މީހަކާއެވެ. އޭނާ މިހާރު އެކަންކަން ދޫކޮށްލާފައި، އިސްލާމްދީނުގެ އަޅުކަން އަދާކުރުމަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވެއެވެ.
އަހަރެންގެ ވާހަކަތަށް ކިޔައިދިނުމުން އޭނާ ބުނީ، ނަމާދު ނުކުރާ އަޅަކީ މުސްލިމެއް ކަމުގައި ވެސް ނުބެލެވޭ ކަމަށެވެ. އަދި މަރަކީ ވަކި އުމުރެއް އަންނަންދެން މަޑުކޮށްގެން ހުންނަ އެއްޗެއް ނޫން ކަމަށެވެ.
ދީނީ އަޅުކަން އަދާކުރާ، ސޯލިޙު އަޅަކަށްވުމަށް ޓަކައި އަހަންނަށް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ނަމާދު ކުރަން ފެށުމުން އަހަންނަށް ލިބެން ފެށި އުފަލާއި ހިތްހަމަ ޖެހުމަކީ ޤާފިލު ކަމުގައި ހުރިއިރު އަހަންނަށް ލިބުނު ހިތްހަމަ ޖެހުމަށްވުރެ މާ ތަފާތު، މާ އުފާވެރި ހިތްހަމަ ޖެހުމެކެވެ."