ލައިފްސްޓައިލް

ރައްޓެހިން ދުނިޔޭގައި ހަތުރުންނަށް ބަދަލުވޭ ދަރިފުޅާ...

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަލީ ރަމީޒްގެ "ބައްޕަ ދޭ ހެޔޮހާ ނަސޭހަތް" މަދަހައަކީ އަހަރެންގެ ކުޑައިރުއްސުރެ ވެސް އަޑު އަހާ ފޭވަރިޓް އެއް މަދަހައެވެ. އެ މަދަހައިގައި ދައްކާފައި ހުންނަ ވާހަކަތަކުގެ މާނަ މާ ބޮޑަށް ކުޑައިރު ފަހުމު ނުވި ކަމުގައި ވިޔަސް މިހާރު އެ މަދަހަ އަޑު އަހާލުމުން ބުނެފައިވާ ވާހަކަތަކުގެ މޮޅުކަމާއި މާނަ ފުންކަން އިހްސާސް ވެއެވެ.

ރައްޓެހިންނަށް މާ ބޮޑަށް އިތުބާރު ނުކުރަން އެ މަަދަހައިގައި ބުނެފައިވެއެވެ. ތެދެކެވެ. ވަކިން ޚާއްސަކޮށް މި ޒަމާނުގައި އެކަކަށް ވެސް އެވަރަށް އިތުބާރު ކުރާކަށް ނުވާނެއެވެ. އަނެކާ ތިމާއަށް ހެޔޮ އެދޭނެ ކަމަށް ހީކޮށްގެން ނުވާނެއެވެ. އޭނާ އިސް ކުރަނީ އޭނާގެ ކާމިޔާބީއެވެ. ތިބާގެ ކާމިޔާބީ ހަގީގަތުގައި އޭނާއަށް "މެޓަރ"އެއް ނުވެއެވެ. އެހެންކަމުން ރައްޓެހިންނަށް މާ ބޮޑަށް އިތުބާރު ކޮށްފި ނަމަ ބައެއް ފަހަރަށް ވާނީ ބޭޒާރެވެ.

ރައްޓެހިން ވެސް ގާތް ކުރަން ވަކި މިންގަނޑެއް ވާ ކަމަށާއި ރައްޓެހިން ދުނިޔޭގައި ހަތުރުންނަށް ބަދަލުވާ ކަމަށް އެ ނަސޭހަތުގައި ބުނެފައިވެއެވެ. އެއީ ވަރަށް ވެސް ބޮޑު ހަގީގަތެކެވެ. ރައްޓެހިންނަކީ ދުނިޔޭގައި ހަތުރުންނަށް ބަދަލުވާ ބައެކެވެ. މިތުރުންގެ މީމު ހާ އަކަށް ބަދަލުވެ އަހަރެމެންނާ އެކުގައި އުޅެ ބޮޑުވި އެތައް ބަޔަކާ އަހަރެމެން މިއަދު ވަނީ މޫނު ޖެހިފައެވެ. އެކި ކަންކަމާ ގުޅިގެންނެވެ. އެމީހުންގެ ފަރާތުން އެކި ކަހަަލަ ލަނޑުތައް ލިބި އިތުބާރު ގެއްލުމުންނެވެ.

އެހެންކަމުން ރައްޓެހިން ވެސް ދިރިއުޅުމުގައި ވަކި ހިސާބެއްގައި ބައިތިއްބާށެވެ. އެމީހުންނަށް ވެސް ނޭނގެން ޖެހޭ ކަންކަން ހުންނާނެއެވެ. އެމީހުންނަށް ވެސް ބާރު ނުފޯރުވޭނެ ކަންކަން ހުންނާނެއެވެ. އެހެން ނޫންނަމަ އާޚިރު ނަތީޖާ މާ ހިތި ވެދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!