ޚަބަރު

"ޝެޓްސް ސުފުރާމަތިން 1442" ތަފާތު ވާނެ، އިންތިޒާރު ކޮށްލައްވާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ގެ ގޮފި، ސޮސައިޓީ ފޯ ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް) އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ވަރަށް ޝައުގުވެރި ޝޯވއެއް ގެނެސްދޭން ނިންމައިފިއެވެ.

Ads by STELCO

”ޝެޓްސް ސުފުރާމަތިން 1442“ ގެ ނަމުގައި މި އަހަރުގެ ރަމަޟާން މަހު ގެނެސްދޭން ނިންމާފައިވާ މި ޝޯ އަކީ އެފް.އެޗް.ޓީ.އެސް އަށް ނިސްބަތްވާ ގިނަ ދަރިވަރުންތަކެއްގެ ހުނަރުތައް ފެނިގެންދާނެ ޝޯއެއް ކަމަށް ޝެޓްސް އިން "ދެން" އަށް މައުލޫމާތު ދެއްވާފައި ވެއެވެ. އަދި މި ޝޯ ގެ މައިގަނޑު މަޤްސަދަކީ، ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފަދަ ތަފާތު ކެއުންތަކެއް ބެލުންތެރިންނާ ހިއްސާ ކުރުން ކަމަށާއި އަދި އެފް.އެޗް.ޓީ.އެސް ދަރިވަރުންގެ ހުނަރުތައް ދައްކާލުމާއެކު، އެ ދަރިވަރުންނަށް ހިތްވަރު ދިނުމާއި އެ ދަރިވަރުންގެ ނަފްސަށް އޮންނަ އިތުބާރު އިތުރު ކުރުން ކަމުގައި ވެސް ޝެޓްސްއިން ބުނެއެވެ.

މި ޝޯ ގައި ހިމެނެނީ މައިގަނޑު 8 އެޕިސޯޑެވެ. އޭގެ ތެރެއިން 4 އެޕިސޯޑަކީ ތަފާތު 4 ވައްތަރެއްގެ ކެއުމެއް ތައްޔާރު ކުރާ 4 އެޕިސޯޑް ކަމަށާއި އަނެއް 4 އެޕިސޯޑުން ގެންނާނީ ހަތަރު ބުއިމެއް ތައްޔާރު ކުރާ ގޮތް ކަމަށް ޝެޓްސް އިން ބުނެއެވެ. ޝެޓްސްއިން ބުނީ މި ޝޯ ގެނެސްދޭނީ އެ ގޮފީގެ ފޭސްބުކުން ޕޭޖުން ކަމަށާއި ކެއުމުގެ ހަތަރު އެޕިސޯޑް ގެންނާނީ ކޮންމެ ހުކުރު ދުވަހުގެ ރޭ ކަމަށެވެ. އަދި ކޮންމެ ހޮނިހިރު ދުވަހުގެ ރޭ ގެނެސްދޭނީ ބުއިންތަކަށް ޚާއްޞަ އެޕިސޯޑްތައް ކަމަށް ވެސް ޝެޓްސްއިން ބުނެއެވެ.

މިއީ ޝެޓްސްގެ ތާރީހުގައި ވެސް ފާހަގަ ކޮށްލެވޭ ހަރަކާތަކަށް ވުމަކީ އެ ގޮފީގެ ހިންގުންތެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ. ތަފާތުވާނޭ މި ޝޯއަށް އިންތިޒާރު ކޮށްލަމާ ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!