ޒިނޭކޮށްފައިވާ އަންހެނަކާ ކުރާ ކައިވެނި ސައްޙަވާނެތޯ؟
ސުވާލު: އަޅުގަނޑުގެ އަނބިމީހާ އަކީ އަޅުގަނޑު ކައިވެނި ކުރުމުގެ ކުރިން އެހެން ފިރިހެނަކާ އެކު ޒިނޭ ކޮށްފައިވާ މީހެކެވެ. އަދި ކައިވެނި ކުރުމުގެ ކުރިން އަޅުގަނޑާ އެކު ވެސް އެ ގުޅުން ހިންގުނެވެ. އަޅުގަނޑުގެ ކައިވެނި ސައްޙަ ވާނެތޯއެވެ. އަޅުގަނޑު ކައިވެނި ކުމުގެ ކުރިން ތައުބާވީމެވެ. ނަމަވެސް ދީނީ ގޮތުން މިކަމުގައި އޮތްގޮތް ސީދާ އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް މިކަން ސާފު ކޮށްދެއްވާށެވެ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކައިވެނީގެ ކުރިން ދެމަފިރިންކުރެ މީހާކަށް ޒިނޭ ކުރެވިފައިވާ ނަމަ، ކައިވެނި ކުރުމުގެ ކުރިން ދެމީހުން ވެސް ތައުބާވާން ޖެހޭނެއެވެ. ޒިނޭކުރާ އަންހެނަކާ ކައިވެނި ކުރުމަކީ މުއުމިން ފިރިހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަމަ އެފަދައިން ޒިނޭކުރާ ފިރިހެނަކާ ކައިވެނި ކުރުމަކީ މުއުމިން އަންހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ކައިވެނި ކުރި އިރުގައި އަންހެން މީހާ ބަލިވެ އިންކަމަށް ވަނީ ނަމަ ކައިވެނި ޞައްހަ ވާނެތޯ ނުވަތަ ނޫންތޯ، މިކަމާ މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.
ޙަނަފީ އަދި ޝާފިޢީ މަޛުހަބުގައި ބަލިވެއިން އަންހެން ކުއްޖަކާ އޭނާ ޒިނޭކުރި ފިރިހެނާ ކައިވެނިކުރުން ހުއްދައެވެ. އެހެން ނަމަވެސް އެ ނޫން މީހަކަށް އެކުއްޖަކާ ކައިވެނި ކުރެވޭނީ އޭނާ ވިހެއުމަށް ފަހުގައެވެ.
އެހެން ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަލިވެއިން އަންހެންކުއްޖަކާ ކައިވެނީގެ ޢަޤުދެއް ނުކުރެވޭނެއެވެ.ވުމާއެކު މިކަމުގައި އެންމެ ރައްކާތެރިކަންބޮޑު ގޮތަކީ ވިހެއުމުގެ ކުރިން އަނބިފިރިކަމުގެ ގުޅުން ނުހިންގާ މަޑުކުރުމެވެ. އަދި ވިހެއުމަށް ފަހުގައި ކައިވެނީގެ ޢަގްދު އާ ކުރުމެވެ.
ޒިނޭކުރި އަންހެންމީހާ ކައިވެނި ކުރިތާ ހަމަސްފަހުން ވިހައިފިކަމަށް ވަނީ ނަމަ ފިރިމީހާއަށް ދަރިލައްވާނެއެވެ. ކައިވެނިކުރި އިރުގައި އަންހެންކުއްޖާ އިނީ ބަލެވެ ކަމުގައި ވީނަމަވެސް މެއެވެ. މި ޙާލަތުގައި ފިރިމީހާ އޭނާގެ ދަރިއެއްނޫން ކަމަށް ޘާބިތުކޮށްދޭން ބޭނުންވެއްޖެނަމަ އެކަމަށް އޮތް މަގަކީ ލިޢާނު ކުރުމެވެ. އެނޫންގޮތަކުންނަމަ ދަރިލައްވާނީ ފިރިމީހާއަށެވެ. އެހެންފިރިހެނަކު އަންހެންމީހާ އާއި އެކު އެއްދާންކުރި ކަމަށް ދަޢުވާކުރިކަމުގައިވީނަމަވެސް މެއެވެ.
އަންހެންމީހާ ކައިވެންޏެއް ނުކޮށް ހުއްޓާ ވިހައި، އޭނައާ އެކު ޒިނޭކުރި ފިރިހެންމީހާ އެދަރިފުޅަކީ އޭނާގެ ދަރިފުޅެއްކަމަށް އެއްބަސްވެއްޖެ ކަމަށް ވަނީ ނަމަ ދަރިލައްވާނެތޯ ނުވަތަ ނޫންތޯ، މިކަމާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި ފިރިމީހާއަށް ދަރިއެއް ނުލައްވާނެއެވެ. އެބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅެވެ. (الولدللفراش، وللعاهرالحجر)މާނައަކީ: ދަރިލައްވާނީ ތަންމައްޗަށެވެ.(މަންމައަށެވެ). ޒިނޭކުރި ފިރިހެންމީހާއަށް އޮތީ ހިލަގަނޑެވެ.( އޭނާ އަކަށް އެއްޗެއް ނެތެވެ)." އަދި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޒިނޭގެ ދަރިންގެ މައްސަލަ އެއްގައި އެކުދިންގެ ބައްޕަ އިޢުތިރާފުވެފައި ވަނިކޮށް ވެސް، ބައްޕަ އަށް ދަރިނުލައްވައެވެ.
ނަމަވެސް އަލްއިމާމު ޙަސަނުލް ބަޞްރީ އާއި އިބްނު ސީރީން، ނަޚަޢީ-ރަޙިމަހުމު ﷲ- ދެކިލައްވާ ގޮތުގައި ފިރިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ގާއިމް ކުރެވިއްޖެނަމަ ދަރިލައްވާނެއެވެ، އަދި ފިރިމީހާގެ މުދަލުން ވާރުތަވެސް ކުރާނެއެވެ. އެބޭކަލުންގެ ދަލީލަކީ ޖާހިލިއްޔަ ޒަމާނުގައި ވިހެއި ޒިނޭގެ ކުދިންތަކެއް، ޢުމަރުގެފާނު އެކުދިންގެ ބައްޕަ އަށް ލެއްވި ކަމެވެ.
އަލްއިމާމް އަބޫޙަނީފާ-ރަޙިމަހު ﷲ- ވިދާޅުވަނީ ފިރިހެން މީހާ އޭނާގެ ދަރިއެއްކަމަށް އެއްބަސްވެއްޖެ ކަމަށްވަނީ ނަމަ އޭނާ އަށް ދަރިލައްވާނެ ކަމަށެވެ.
ޖުމްހޫރުންގެ (ގިނަ ޢިލްމުވެރިންގެ) ބަހުން ދޭހަވާގޮތުން ޒިނޭގެ ދަރި ނިސްބަތް ވާނީ މަންމައަށެވެ. މަންމަގެ ފަރާތުން ވާރުތަ ވެސް ކުރާނެއެވެ. އަދި މަންމަގެ އެހެން ކުދިންނަކީ އެކުދިންގެ އެއްބަނޑު ކުދިންނެވެ. އަދި އެކުދިން ބައްޕަ އަށް ނިސްބަތެއް ނުކުރެވޭނެއެވެ. އެކުދިންނަކީ އެފިރިހެންމީހާގެ ދަރިޔެކޭ ވެސް ނުބުނެވޭނެއެވެ. އެފަދަކުދިން ވާނީ އެފިރިހެންމީހާގެ ދޮންދަރިންނަށެވެ. އެހެންނަމަވެސް އެފިރިހެންމީހާއާއި ކައިވެނި ޙަރާމްވާނެއެވެ. އަދި އެފިރިހެންމީހާގެ އެހެން ކުދިންނާ ވެސް ކައިވެނި ޙަރާމްވާނެއެވެ. ކައިވެނި ޙަރާމްވި ނަމަވެސް މަޙްރަމަކަށް ނުވާނެއެވެ. ކައިވެނި ޙަރާމްވާ ކޮންމެ މީހަކީ މަޙްރަމެއް ނޫނެވެ.والله أعلم
ކުރި ސުވާލަކަށް ނޫން ޖަވާބު ދިނީ. ދަރިން ހަވާލު ވާނީ ކާކާ ތޮ އެއް ނޫން ސުވާލް ކުރީ. ސުވާލް ކުރީ ކައިވެނި ހުއްދަ ވާނެތޯ…
ކުރި ސުވާލުގެ ޖަވާބުވެސް އެބަ އޮތެއްނޫންތޯ. ކާވެނި ޞައްޙަވާނެޔޯ
ތުހެން ލިޔެފަ އޮއްވައެއް ނުފެނެ އެ ލިޔުމަކު. ތައުބާ ނުވެ ކައިވެނި ނުކުރާށޭ އޮތީ