ހިދާޔަތް: ރޯދައިން ލިބެނީ ހަމައެކަނި ކަރުހިއްކުން ނޫންކަން ކަށަވަރު ކުރުމަށް މީސްމީޑިއާގައި ބުނާ ބަހާ މެދުވެސް ސަމާލުވޭ
އަޅުގަނޑުމެންނާ ބައްދަލު ކޮށްފައި މިވާ ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހެއްގައި ﷲ ތަޢާލާ ރޯދަ ހިފުން ފަރުޟު ކުރައްވާފައިވާ މަހެވެ. މި ރޯދައަކީ ފަޖްރުއްޞާދިޤްގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް އަޅުގަނޑުމެން ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމެވެ.
ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން މުސްލިމުން ދުރުހެލިވެ ހުންނަންޖެހޭ އިތުރު ކަންތައްތަކެއް އައްޝައިޚް ޝުއައިބު ނާޒިމް މި ވަނީ ކިޔައި ދެއްވައިފައެވެ. މި ރަމަޟާން މަހު "ދެން" އިން ގެނެސްދޭ "ހިދާޔަތު" ޕްރޮގްރާމުގައި ޝައިޚް ޝުއައިބު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން މުސްލިމުން ދުރުވެ ތިބެން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ވާ ކަމަށެވެ.
"ރަމަޟާން މަހުގެ އަޅުކަން ގުޅިފައި މިވަނީ އަޅުގަނޑުމެންގެ އަނގައިގެ ޢަމަލާއި ކެއުމާއި ބުއިމާ ދުރުހެލިވުމުގެ މައްޗަށެވެ. މީގެ އިތުރުން ވެސް ﷲ ތަޢާލާ ރޯދަވެރިޔާގެ ކިބައިން އެދިވަޑައިގަންނަވާ އެހެން ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އެކަލާނގެ ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ 'އޭނާގެ އަނގައިން ބޭކާރު ވާހަކަ ދެއްކުމާއި (ބޭކާރު ވާހަކައިގެ ތެރޭގައި މި ހިމެނެނީ ދޮގު ހެދުމާއި ދެބައޮޑުވުމާއި، ޣީބަ ބުނުމާއި އަދި މިނޫން ވެސް އޭގައި އެއްވެސް ބޭނުމެއް ނެތް ބޭކާރު ކޮންމެ ވާހަކައެއް) އަދި ޖާހިލު ކަމުން އޭނަ ދުރު ނުވާހާ ހިނދަކު ﷲ ތަޢާލާ ކޮންމެހެން އޭނާ ކެއިންބުއިމުން ދުރުހެލިވެ ހުރުމަކަށް އެދިވަޑައެއް ނުގަންނަވައެވެ.' " ޝައިޚް ޝުއައިބު ވިދާޅުވިއެވެ.
މީގެއިތުރުން ޝައިޚް ވިދާޅުވީ މާތް ﷲ ރޯދަ ފަރުޟު ކުރައްވަވާފައި ވަނީ ވަރަށް މަތިވެރި މަޤްސަދެއްގައިކަން މި ޙަދީޘްފުޅުން ވެސް ހާމަވާ ކަމަށެވެ.
މާތް ﷲ ފަރުޟު ކުރައްވަވާފައި މިވާ ރޯދައިގެ ހަގީގީ މަޤްސަދު ހާސިލު ވާނީ ކެއިން ބުއިމާއި، އެމީހެއްގެ ދުލުން ދައްކާ ބޭކާރު ވާހަކަތަކާއި، އަދި ޖާހިލު ކަމުން ވެސް ދުރުވެގެންނެވެ.
ޝެއިޚް ޝުއައިބު ވިދާޅުވީ ހަގީގަތުގައި ތަޤްވާވެރިކަން ހާސިލު ވާނީ ﷲ ތަޢާލާ ޝަރުޢު ކުރައްވާފައިވާ ކަންތައްތައްކޮށް، ނަބިއްޔާ (ޞޢވ) އެންގެވި ގޮތަށް އުޅެގެން ކަމަށާއި އެކަމަކީ ޙަޔާތުގެ މަގުސަދު ކަމުގައި ހަދަން ޖެހޭ ކަމަށެވެ.