ކޯވިޑަށްފަހު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ އެހީއަކަށްވާނެ: ވޯލްޑް ބޭންކް
ކޯވިޑް19އަށް ފަހު ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ރަނގަޅަށް ބައްޓަން ކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އެހީއަކަށް ވާނެކަމަށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
"ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން" ރިޕޯޓްގައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
"ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ދަރަނީގެ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖެ ވެސް އިސްތިސްނާއެއް ނުވޭ،" ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފާނެންޑޯ އިމް އަދި ޕުއި ޝެން ޔޫންގް ވިދާޅުވި \އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާ ކަމަށް 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ކޮވިޑް-19 ދަތި ހާލަތަށް ފަހު މިހާރު ރާއްޖެ އޮތީ އިގްތިސާދީ ރަނގަޅު ހާލަތަކަށް އަނބުރާ އައުމުގެ މަގުމަތީގައި ކަމަށެވެ.
މީގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުން ކުރުމުގައި ދިވެހިންގެ ޤާބިލްކަމާއި ހުނަރު އިތުރު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަތޮޅުތެރޭގައި ޞިއްޙީ އަދި ތަޢުލީމީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދިނުމުގައާއި ކާރިޡާތަކުން އަރައިގަތުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް ގިނަކަމަށް ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތި ވެފައިވާ ކާރިސާއިން ރާއްޖެ އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، މާލީ އަދި ދަރަނީގެ ގޮންޖެހުންތައް ހައްލުކުރުމުގެ މުހިންމުކަން ބޮޑު ކަމަށާއި މިދިޔަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ލަފާކުރެވޭ ޖީޑީޕީގެ ނިޞްބަތުން 20 އިންސައްތަ އަށް އަރާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ޖުމްލަ އަދި ގެރެންޓީ ދީގެން ނަގައިފައިވާ ދަރަނި 5.6 ބިލިއަން ޑޮލަރު ނުވަތަ 2020 ގެ ލަފާކުރެވޭ ޖީޑީޕީގެ ނިޞްބަތުން 140 އިންސައްތަ އަށް އަރާފައިވެއެވެ. އިގްތިސާދު ރަނގަޅުވާން ފަށާފައިވީ ނަމަވެސް ރާއްޖޭގެ ފިސްކަލް ޑެފިސިޓް އަދި ދަރަނީގެ ނިސްބަތް މެދު ރާސްތާގައި މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ހަމައެއާ އެކު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ސަރުކާރުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދުމުގެ މަގުފަހިވެގެން ދާނެ ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.