ދީން

ހިދާޔަތު: މާތް ﷲ އަށް ޝުކުރުވެރިވާނަމަ، މައިންބަފައިންނަށް ޝުކުރުވެރި ވާށެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުން މި ބިމުގައި ލެއްވުމުގެ ބޭނުމަކީ އަޅުގަނޑުމެން ހެއްދެވި ފަރާތަށް އަޅުގަނޑުމެން ކިޔަމަންތެރިކަން އަދާ ކުރުމެވެ. އެ އިލާހަށް ކިޔަމަންތެރިކަން އަދާ ކުރުމުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މައިންބަފައިންނަށް ވެސް ކިޔަމަންތެރިކަން އަދާކުރުމެވެ.

Ads by MWSC

"ދެން" އިން މި ރަމަޟާން މަހު ގެނެސްދޭ "ހިދާޔަތު" ޕްރޮގްރާމުގައި ޝައިޚް އިއްޒުއްދީން އަދުނާން ވަނީ މައިންބަފައިންނަށް ކިޔަމަންތެރިވެ ޝުކުރުވެރިވުމާ ބެހޭގޮތުން ވާހަކަ ދައްކަވައި، ނަސޭޙަތް ދެއްވައިފައެވެ.

ޝައިޚް ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ މައިންބަފައިންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރެވިފައި ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ވިދާޅުވަމުން ޝައިޚް އިއްޒުއްދީން އިތުރަށް ވިދާޅުވީ އަޅުގަނޑުމެންނަށް ސުވަރުގެ ވަދެވެން އޮތީ މައިމީހާގެ ފައިތިލަ ދަށުން ކަމަށާއި އަދި އަޅުގަނޑުމެންގެ ބައްޕައަކީ ވެސް އަޅުގަނޑުމެންނަށް ވަރަށް އަގުހުރި މަސައްކަތްތަކަކާއި ހޭދަތަކެއްކޮށް އިރުޝާދުތައް ދެއްވާ ފަރާތެއް ކަމަށެވެ.

"އެއީ ސުވަރުގޭގެ ހެޔޮ ވެގެންވާ ދޮރުތަކުގެ ތެރެއިންވާ ދޮރެކެވެ. އެހެންވީމަ ކީރިތި ރަސޫލާ (ޞޢވ) ޙަދީޘްފުޅެއްގެ މާނައިގައި ވަނީ 'ބައްޕައަކީ ސުވަރުގޭގެ ހެޔޮ ވެގެންވާ ދޮރުތަކުގެ ތެރެއިން ދޮރެކެވެ.' އެހެންވީމަ އަޅުގަނޑުމެންގެ އުމުރު ދިގުވުމާއި، އަޅުގަނޑުމެންގެ ހުރިހާ ހެޔޮ ކަމެއްވުން އޮތީ އަޅުގަނޑުމެންގެ މައިންބަފައިންނަށްޓަކައި އަޅުގަނޑުމެން، އެމީހުންގެ ޙައްޤުތައް އަދާ ކުރުމުގައާއި އިޙްސާންތެރި ވެގެންނެވެ." ޝައިޚް އިއްޒުއްދީން ވިދާޅުވިއެވެ.

ޝައިޚް ވަނީ މައިންބަފައިންނަށް ކިޔަމަންތެރި ވުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ (ޞޢޥ)ގެ ޙަދީޘް ބަސްފުޅުތައް ވެސް ކިޔައިދެއްވައިފައެވެ.

" އަޅުގަނޑުމެންގެ މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު (ޞޢވ) އަރިހަށް މީހަކު ވަޑައިގެން މި ދަންނަވަނީ ތިމަންނާ އެމީހަކަށް އެންމެ ބޮޑަށް އޯގާތެރި ވާން ޖެހޭނީ ކާކަށްތޯއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ 'ތިބާގެ މަންމައެވެ.' ދެން ކާކަކަށްތޯ ތިން ފަހަރަށް ސުވާލު ކުރެއްވުމުން ވެސް އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވީ މަންމައެވެ. ހަތަރު ވަނަ ފަހަރު ޙަދީޘްފުޅު ކުރެއްވީ ބައްޕައޭއެވެ." ޝައިޚް އިއްޒުއްދީން ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންގެ މައްޗަށް ވަސިއްޔަތް ކުރައްވައިފައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!