ދީން

މިސްކިތް ދުރުނަމަ ގޭގައި ނަމާދު ކުރެވިދާނެތަ؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ސުވާލު: އަޅުގަނޑަކީ ލަންކާގައި ދިރިއުޅޭ މީހަކީމެވެ. އަޅުގަޑު ދިރިއުޅޭ ގެއާއި މިސްކިތާ ވަރަށް ދުރެވެ. ވީމާ، އަޅުގަނޑު ގޭގައި ނަމާދު ކުރުން ޞައްޙަވާނެތޯ؟ ފިރިހެނުން ޖަމާޢަތުގައި ނަމާދު ނުކޮށް ގޭގައި ނުކުރެވޭނެ ވާހަކަ އަޑު އިވިފައި އޮތީމައެވެ.

Ads by MWSC

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންގެ މައްޗަށް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެކެވެ. އެކަމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރޭގައި:

  1. ﷲ ވަޙީ ކުރައްވާފައިވެއެވެ. (وإذاكنتفيهمفأقمتلهمالصلاةفلتقمطائفةمنهممعكوليأخذواأسلحتهم… ) މާނައަކީ: "އެބައިމީހުން (މުސްލިމުން) ގެ ތެރޭގައި ކަލޭގެފާނުން ހުންނަވައި، އެމީހުންނަށްޓަކައި ނަމާދު ގާއިމް ކުރައްވައި، (އެބަހީ ބަންގި އާއި ގަމަތް ދެއްވައި) ފިނަމަ، އެމީހުންގެ ތެރެއިން ބަޔަކު، ކަލޭގެފާނުންގެ އަރިހުގައި ނަމާދަށް ގާއިމްވާހުށި! އަދި، އެބައިމީހުން، އެބައިމީހުންގެ ހަތިޔާރު ހިފާހުށި!....." (ސޫރަތުއް ނިސާ ގެ 102 ވަނަ އާޔަތް).

މިއާޔަތުގެ ވަޖްހުލް އިސްތިދްލާލަކީ: ޖަމާޢަތުގައި ނަމާދު ކުރުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވާކަން، އަދި ދެވަނަ އަށް އަންނަމީހުންވެސް ޖަމާޢަތުގައި ނަމާދުކުރުމަށް އަންގަވާފައިވުން، ހަމަ މިއާޔަތުގެ ފަހަތުބައިގައި ވަޙީކުރައްވަނީ (ولتأتطائفةأخرىلميصلوافليصلوامعك…) މާނައަކީ: "އަދި ނަމާދު ނުކޮށްތިބިބަޔަކު އަންނަހުށި! އަދި، އެބައިމީހުން ކަލޭގެފާނުންގެ އަރިހުގައި ނަމާދުކުރާހުށި!" (މިއާޔަތުގައި މިވަނީ ހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރާނެ ގޮތުގެ ވާހަކައެެވެ).

މިއާޔަތުން ދޭހަވާ ގޮތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ޢައިނިއްޔަ ފަރްޟެކެވެ. (ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމެވެ). އެހެނީ ޖަމާޢަތުގައި ނަމާދު ކުރުމަކީ ސުންނަތެއް ކަމުގައިވީނަމަ ހަނގުރާމައިގެ މައިދާނުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ނުކުރެއްވީހެވެ. އަދި ޖަމާޢަތުގެ ނަމާދަކީ ކިފާޔަތުގެ ފަރްޟެއް (އެއްބަޔަކު ކުރުމުން ދެން ތިބި މީހުންގެ މަތިން ފުދިގެންވާ ފަރުޟު) އެއް ނަމަ، ދެވަނަ ޖަމާޢަތުގެ މީހުންވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރެއް ނުކުރެއްވީހެވެ. ފުރަތަމަ ޖަމާޢަތުގެ މީހުން ޖަމާޢަތުގައި ކުރުމުން ދެންތިބިމީހުން ގެ މަތިން ފުދުނީހެވެ. އަދި ހަނގުރާމައިގެ ބިރުވެރި ޙާލަތުގައިވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވުމުން ދޭހަވަނީ، ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެއް ކަމެވެ.

  1. އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "މުނާފިގުންގެ މައްޗަށް އެންމެ ބަރު އުނދަގޫ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. އެދެނަމާދުގައިވާ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ބަނޑުޖަހައިގެން ނަމަވެސް މިސްކިތަށް އައީހެވެ، ނަމާދަށް ގަމަތް ދިނުމުން މީސްތަކުންގެ ތެރެއިން މީހަކާ އިމާމުވެ ނަމާދު ކުރުމަށް ޙަވާލުކޮށްފައ، ޖަމާޢަތަށް ނައިސް ތިބި މީހުންގެ ގެތަކަށް ގޮސް ހުޅުޖައްސަވައިފާނަމޭ ތިމަން ކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ".
  2. އިމާމް އަޙްމަދު-ރަޙިމަހު ﷲ- ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ގޭގޭގައި އަންހެނުންނާއި ކުޑަކުދިން ނުތިބޭނަމަ، ޢިޝާނަމާދަށް ގަމަތް ދިނުމަށްފަހު މިސްކިތަށް ނައިސް ތިބޭމީހުންގެ ގެތަކުގައި ހުޅުޖެއްސެވުމަށް އަމުރުކުރެއްވީމުހެވެ".
  3. އެއް ދުވަހަކު ލޮލަށް ނުފެންނަ ލޯފަންމީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. އެހެންކަމުން ތިމަންނާ ޖަމާޢަތަށް މިސްކިތަށް ނުގޮސް ހުރުމުގެ ހުއްދަ ދެއްވުން އެދެމެވެ. ދެން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް އެކަމުގެ ހުއްދަ ދެއްވިއެވެ. އެމީހާ ނިކުމެގެން ދާން ހެދުމުން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް ގޮވާލައްވާ ގެންނެވިއެވެ. އަދި ސުވާލު ކުރެއްވިއެވެ. "ތިބާ އަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟"، އެމީހާ ދެންނެވިއެވެ. "އާދޭހެވެ"، ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވެއްެޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ".

ޖަމާޢަތަށް ނަމާދަށް ނުގޮސް ގޭގައި ނަމާދު ކުރުމަކީ ރަގަޅު ގޮތް ކަމުގައިވީނަމަ، ލޯފަންމީހާ އަށް އެހުއްދަ ދެއްވީހެވެ.

  1. އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ބަންގީގެ އަޑު އިވި، ޢުޛުރެއް މެދުވެރިނުވެ، މިސްކިތަށް ނުދިޔަ މީހާ ގެ ނަމާދެއް ނުވެއެވެ". ދެންނެވުނެވެ. "ޢުޛުރަކީ ކޮބައިތޯއެވެ؟، ޙަދީޘް ކުރެއްވިއެވެ. "ބިރުވެރިކަމެއް ނުވަތަ ބަލިމަޑުކަމެކެވެ".

އެހެންކަމުން ބަންގީގެ އަޑު އިވިއްޖެނަމަ މިސްކިތަށް ދާންޖެހޭނެއެވެ. ނަމަވެސް، ބަންގީގެ އަޑު ނީވޭ ކަމަށްވަނީނަމަ، މިސްކިތަށް ޖަމާޢަތަށް ދިޔުން ވާޖިބެެއް ނޫނެވެ.

  1. ޢަބްދުﷲ ބިން މަަސްޢޫދު- ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިން ތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސް މީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެ ކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސްތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާމީހުންނެވެ".

މިޙަދީޘުން ދޭހަވާ ގޮތުގައި މިސްކިތުގެ ޖަމާޢަތަށް ޙާޟިރު ނުވެ ތިބޭނީ ކަނޑަ އެޅިގެން މުނާފިގުންނެވެ. والله أعلم

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!