ކޮވިޑް-19: ތިން ތުއްތުކުއްޖަކު ވެންޓިލޭޓަރުގައި، އެކަށީގެންވާ ވަރަށް ނަރުހުން ނެތް، ހާލަތު ގޯސް!

ކޮވިޑް-19އަށް ފައްސި ވެފައިވާ ތިން މީހެއްގެ ތިން ތުއްތު ކުއްޖަކު ފަރުވާއަށް ވެންޓިލޭޓަރަށް ލައިފައިވާ ކަމަށާއި ނަމަވެސް އެކަށީގެންވާ ވަރަށް ނަރުހުން ނެތް ކަމަށާއި އެހެންކަމުން ހާލަތު ގޯސް ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ފައްސި ވެފައިވާ ތިން މީހެއްގެ ދަރިން ވެސް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދާ ކަމަށެވެ.
"އެކުދިން ނައްސި ވިޔަސް ކޮންޓެކްޓުންނަށް ވާތީ ފަރުވާ ދޭން ޖެހެނީ ވަކި ކޮށްގެން، ވަކި ކިއުބިކަލް ތަކުގައި. އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން އެއްޗެހި ނެތް. ހާލަތު ގޯސް" ޑރ. ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ބައްޔަށް ފައްސި ވީ މީހުންގެ އަދަދު ވަނީ 319އަށް އަރައިފައެވެ. އަދި އިއްޔެ ވެސް 218 މީހުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވެއެވެ.