ޙަޖަރުލް އަސްވަދާ ބެހޭ މަޢުލޫމާތު ކޮޅެއް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ޙަޖަރުލް އަސްވަދާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް މިތަނުގައި ހިމަނާލާނަމެވެ. ދުޢާ އަކީ ﷲ ތަޢާލާގެ ރަޙްމަތުން ފައިދާ އިތުރުކޮށް ދެއްވުމެވެ.
- ހަޖަރުލް އަސްވަދަކީ ސުވަރުގެއިން ބިން މައްޗަށް ފޮނުއްވި ހިލަ އެއް ކަން. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. (نَزَلَ الحجَرُ الأسودُ من الجَنَّةِ)رواه الترمذي ( 877 ) والنسائي ( 2935)،މާނައަކީ: "ޙަޖަރުލް އަސްވަދަކީ ސުވަރުގެ އިން ބާވާލެއްވުނު ހިލައެކެވެ".
- ހަޖަރުލް އަސްވަދި ބިންމައްޗަށް ފޮނުއްވި އިރުގައި އެއީ ކިރަށްވުރެ ހުދުކުލަ ގަދަ އެއްޗެއްކަން، އަދި އެހިލަ ކަޅުވެފައިވަނީ އާދަމްގެ ދަރިންގެ ފާފަ ތަކުގެ ސަބަބުން ކަން. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. (نَزَلَ الحجَرُ الأسودُ من الجَنَّةِ وهو أشَدُّ بَيَاضا من اللَّبَنِ ، وإنما سَوَّدَتْه خَطايا بني آدَمَ) رواه الترمذي ( 877 ) والنسائي ( 2935)، މާނައަކީ: "ޙަޖަރުލް އަސްވަދި ބާވާލެއްވުނީ ސުވަރުގެއިންނެވެ. އެއީ ކިރަށްވުރެ ހުދުކުލަ ގަދަ ހިލައެކެވެ. އެހިލަ ކަޅުވެފައިވަނީ އާދަމްގެ ދަރިންގެ ފާފަތަކުގެ ސަބަބުންނެވެ."
އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ބައެއް މުލްޙިދުން (ދީނަށް ފުރައްސާރަ ކުރާ މީހުން) އިސްވެ ބަޔާން ކުރެވުނު ޙަދީޘަށް އިންކާރުކޮށް ސުވާލު އުފައްދައެވެ. "މުޝްރިކުންގެ ފާފަތަކުން އެހިލަ ކަޅު ކޮށްލި ފަދައިން ﷲގެ އެއްކައުވަންތަކަން ގަބޫލު ކުރާ މީހުންގެ ކިޔަމަންތެރިކަމުގެ ސަބަބުން އެހިލަ ހުދު ނުވީ ކީއްވެ ހެއްޔެވެ؟" މިސުވާލުގެ ޖަވާބުގައި އިބްނު ގުތައިބާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ﷲ އިރާދަ ކުރެއްވިނަމަ އެގޮތަށް އެކަން ވީހެވެ."
މިސުވާލުގެ ޖަވާބުގައި މުޙިއްބުއް ޠަބަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އެހިލަ ކަޅުވުމުގައި ވިސްނާ ފިކުރު ކުރާ މީހަކަށް ޢިބްރަތެއްވެއެވެ. ފާފަތަކުގެ ސަބަބުން ހަރު ހިލަގަނޑެއް ކަޅުކުލައަށް ބަދަލުވީ އިރު އިންސާނާގެ ހިތް ކަޅުވުން މާބޮޑަށް އެކަށީގެންވެއެވެ."
- އިޚްލާޞްތެރި ކަމާ އެކު ޙަޖަރުލް އަސްވަދަށް ސަލާމްކޮށްފި މީހާއަށް ގިޔާމަތް ދުވަހުން ހެކި ވެރިއެއްގެ ގޮތުގައި އެހިލަ އަންނާނެކަން. އެހިލަ އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. (واللهِ لَيَبْعَثَنَّهُ الله يومَ القِيامَةِ له عَيْنانِ يُبْصِرُ بهما ، ولِسَان يَنْطِقُ به، يشهدُ على من اسْتَلَمَهُ بحَقّ)أخرجه الترمذي،މާނައަކީ: "މާތްﷲ ގަންދީ ބުނަމެވެ. ގިޔާމަތް ދުވަހުން ﷲ ތަޢާލާ އެހިލަ މަޙްޝަރު ކުރައްވާނެއެވެ. އެހިނދުގައި އޭގައި ބެލުމަށް ޓަކައި ދެލޯ ލައްވާފައިވާނެއެވެ. އަދި ވާހަކަ ދެއްކުމަށް ޓަކައި ދުލެއް ލައްވާފައިވާނެއެވެ. ހައްގު ގޮތުގައި އެހިލައަށް ސަލާމް ކުރި މީހުންނަށް ހެކި ދޭނެއެވެ."
- ޠަވާފު ކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަމަކީ ޙަޖަރުލް އަސްވަދަށް ސަލާމް ކުރުން ކަމުގައިވުން. އިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައި އައިސްފައިވެއެވެ. (أنَّ رسولَ اللَّه -صلى الله عليه وسلم- لمّا قَدِمَ مَكَّة أتَى الْحَجَر ، فاسْتَلّمَهُ ، ثم مَشَى على يمينه ، فرَملَ ثَلاَثا ، ومَشَى أربعا) މާނައަކީ: ""އަދި ހިލަޔަށް ކުރިމަތި ލައްވައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ކަނާތް ފަރާތަށް ހިންގެވިއެވެ. ފުރަތަމަ ތިންބުރު އަވަސް ހިނގުމެއްގައި ދުވެވަޑައިގަންނަވާ ގޮތަށް ހިންގެވިއެވެ. އަދި އަނެއް ހަތަރު ބުރު އާދައިގެ ހިނގުމެއްގައި ހިންގެވިއެވެ."
- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހިލަ އަށް ބޮސްދެއްވިކަން، އަދި އެކަލޭގެފާނުގެ އުއްމަތުގެ މީހުންވެސް އެހިލަ އަށް ބޮސްދެމުން ދާކަން. މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބު އެހިލައިގައި ބޮސްދެއްވުމަށްފަހު ވިދާޅުވި ކަމަށް ވާރިދުވެފައިވެއެވެ. (إِنِّي أَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ وَلَوْلَا أَنِّي رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ)رواه البخاري ( 1520 ) ومسلم ( 1720.)މާނައަކީ: "ހަމަކަށަވަރުން ތިޔައީ ގެއްލުމެއްވެސް އަދި ފައިދާ އެއްވެސް ނުދެވޭ ހިލައެއްކަން އަހަންނަށް އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތީގައި ބޮސްދެއްވަނިކޮށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަންފައި ނުވީނަމަ ތިއަކަށް ބޮހެއް ނުދިނީމުހެވެ."
- ޙަޖަރުލް އަސްވަދި ގައި ބޮސްދިނުމަށް ނުކުޅެދިއްޖެނަމަ، އަތުން ނުވަތަ އެއްޗަކުން އިޝާރާތް ކުރުމަށްފަހު އެއަށް ބޮސްދިނުން. މާތް ﷲ ރުއްސުންލެއްވި އަބުއްޠުފައިލްގެ ކިބައިން ރިވާވެގެންވެއެވެ. (رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ يَطُوف بِالْبَيْتِ , وَيَسْتَلِم الْحَجَر بِمِحْجَنِ مَعَهُ , وَيُقَبِّل الْمِحْجَن)رواه مسلم ( 1275)، މާނައަކީ: "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެފުޅު ވަށާ ޠަވާފު ކުރެއްވި އިރުގައި އަތްޕުޅުގައި ޢަޞާކޮޅެއް އޮތެވެ. އެޢަޞާކޮޅުން ޙަޖަރުލް އަސްވަދަށް އިޝާރާތް ކުރައްވާ ސަލާމް ކުރައްވައެވެ. އަދި އެއަށްފަހު ޢަޞާކޮޅުގައި ބޮސްދެއްވައެވެ."
- ޠަވާފުކުރާއިރު ޢަޞަ އެއް ގެންގުޅެން ދަތިވެއްޖެނަމަ އަތުން އިޝާރާތް ކުރުމަށްފަހު ﷲ އަކްބަރު ކިޔުން. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. (طَافَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى بَعِيرِهِ فَكُلَّمَا أَتَى عَلَى الرُّكْنِ أَشَارَ إِلَيْهِ وَكَبَّرَ)رواه البخاري،މާނައަކީ: "ޖަމަލެއްގެ މަތީގައި ހުންނަވައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފު ކުރެއްވިއެވެ. ރުކުނާއި އަރާ ހަމަވެވަޑައިގަންނަވާ ކޮންމެ ފަހަރަކު އަތުން އިޝާރާތް ކުރެއްވުމަށްފަހު ތަކްބީރު ކިޔުއްވައެވެ."
- ޙަޖަރުލް އަސްވަދި ގައި ބީހުމަކީ ފާފަތައް ފުއްސަވާ ކަމެއްކަން. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. (إنَّ مَسْحَهما كَفَّارَةٌ لِلّخَطايا)رواه الترمذي،މާނައަކީ: "ހަމަކަށަވަރުން އެހިލާގައި ބީހުމަކީ ފާފަތައް ފޮހެވިގެންދާ ކަމެކެވެ."
އެއްވެސް މުސްލިމަކު އަނެއް މުސްލިމަކަށް ގޯނާ ކުރުމަށްފަހު ޙަޖަރުލް އަސްވަދި ގައި ބީހުމެއް ނެތެވެ. ގިޔާމަތް ދުވަހުން އެހިލަ ހެކިދެނީ ވެސް ޙައްގު ގޮތުގައި ބީހުނު މީހުންނަށެވެ. މީސްތަކުންނަށް ގޯނާކޮށްފައި ބީހުނު މީހުންނަކަށް ނޫނެވެ. والله أعلم