ޚަބަރު

މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ބަޔަކު ދޫކޮށްލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ދެމީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރުމަށް ނިންމައިފިއެވެ.

Ads by STELCO

އަލީ އަބްދުﷲ މަރާލުމުގެ މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ އުފުލައިފައި ވަނީ، ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދުގެ އިތުރުން، ސ. ހިތަދޫ އައްޒާ، މުބާރިކު މުހައްމަދުގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި އެ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމީ އެ ދެ މީހުން ހާދިސާ ހިނގި ތަނުގައި ނެތް ކަމަށް ބުނެ އެމީހުންގެ ފަރާތުން ނަގައިފައިވާ ދިފާއު ، ކޯޓުގައި ސާބިތުކޮށްދީފައި ވާތީއެވެ.

އަލީ އަބްދުﷲ މަރާލުމުގެ ކުށުގައި ދައުލަތުން ވަނީ އަލީ އަބްދުاللهއަށް ބޮޑު ބޭބެ ކިޔާ އަހްމަދު އިބްރާހިމް ދީދީގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަލީ އަބްދުﷲ މަރައިލައިފައިވާ އޮއްވާ ފެނިފައި ވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އެ މައްސަލައިގައި ފުލުހުން ބުނީ އޭނާ މަރައިލައިފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުން ވަނީ ހޯދައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!