ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް
މަސައްކަތަށް ފަރުވާ ކުޑަކަމަށް ބުނެ ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފެއް ވަކިކުރުމުގައި އެ މިނިސްޓަރީން އަމަލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި މައްސަލަ ބަލައިދިނުމަށް އެދި އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ. މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން މިނިސްޓްރީއަށް އެންގީ އެ މުވައްޒަފުންނަށް އިސްލާހު ވުމަށް ފުރުސަތު ދިނުމަށެވެ.
އެހެންނަމަވެސް އެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓު މިނިސްޓްރީން ކޮމިޝަނަށް ފޮނުވުމާއެކު ކޮމިޝަން އިން ނިންމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެމީހުންނަށް ކޮމިޝަންގެ ނިންމުން މުރާޖައާކޮށް ދިނުމަށާއި، އެގޮތަށް އަމަލުކުރެވެން ނެތް ނަމަ އެމީހުންނަކީ އަމިއްލައަށް ވަޒީފާއިން ވަކިވި ބައެއް ކަމަށް ކަނޑައަޅައިދީ އެއް މަހުގެ ނޯޓިހެއް ދިނުމަށް އެ މުވައްޒަފުން ވަނީ އެދިފައެވެ.
ކޮމިޝަނުން އެގޮތަށް ހަމަޖައްސައިދީފައި ވަނިކޮށް އެ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކުރަން ނިންމީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަލުން ވަޒީފާ ހޯދުމުގެ އަމުރަކަށް އެދި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައެވެ. އަދި ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ދެ މައްސަލަ ނިންމާފައިވާއިރު ބާކީ ނުވަ މައްސަލަ ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޓްރައިބިއުނަލުން ބުނެއެވެ.