ކަރަންޓީނުގައި ނެތް މީހަކު ފައްސިވެ، އުކުޅަހަށް އަރައި ފޭބުން މަނާ ކޮށްފި

އއ.އުކުޅަހުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.
އުކުޅަހު ކައުންސިލު ރައީސް ޝައުކަތު އިބްރާހިމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ރަށުން ފައްސި ވެފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
އުކުޅަހުން ފައްސި ވެފައިވަނީ ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޝައުކަތު ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ.
"އެއީ ދޮގު މައުލޫމާތެއް. ފައްސި ވެފައިވަނީ ސިއްޙީ މަރުކަޒުގައި ވޮޗަރެއްގެ ވަޒީފާގައި މަސައްކަތް ކުރާ ފަރާތެއް." ޝައުކަތު ވިދާޅުވެފައިވެއެވެ.
އުކުޅަސް މޮނީޓަރިންގެ ހާލަތަށް ލެވިފައި މިވަނީ ކަރަންޓީނުގައި ނެތް މީހެއް ފައްސިވުމާ ގުޅިގެން ކަމަށާއި ރަށް ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާތީ ކަމަށް ވެސް ޝައުކަތު ވިދާޅުވިއެވެ. އަދި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.