ޚަބަރު

ގަމުން ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައިޝަތު ރަފާ ، ދެން އޮންލައިން

އަލާމަތްތައް ފެނިގެން ލ.ގަމު ކޮވިޑް ފެސިލިޓީއަށް އައި ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ

Ads by MWSC

ގަމުގެ ހާލަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ގަމު ކައުންސިލުން ކުރިޔަށް ގެންދާ ފޭސްބުކް ލައިވްގައި މަޢުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނިގެން މިއަދު އެ ހޮސްޕިޓަލްގެ ގުރަހަ ކޮވިޑް ފެސިލިޓީއަށް އައި އުމުރުން 15 އަހަރުގެ ކުއްޖަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ.

އަލީ ނަޝީދު އިތުރަށް ވިދާޅުވީ މި ކުއްޖާއަކީ މީގެ ކުރިން ގަމުން ފައްސިވި އެއްވެސް ފަރާތަކާ ގާތުން ދިމާވެފައިވާ ކުއްޖެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިއަދު ގަމު ތުނޑީ އަވަށުން އުމުރުން 5 އަހަރުގެ ކުއްޖަކު ވެސް އަލާމާތްތައް ފެނިގެން ގުރަހަ ކޮވިޑް ފެސިލިޓީއަށް އައިސްފައިވާ ކަމަށް ވެސް އަލީ ނަޝީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ކުއްޖާގެ ޓެސްޓުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށާއި، މިހާރު އެ ކުއްޖާއަށް ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދާ ކަމަށެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 56 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި ކްލަސްޓާއާ ގުޅިގެން ޖުމްލަ 796 މީހެއްގެ ސާމްޕަލް ނަގައިފައިވާ އިރު، މިހާތަނަށް ލިބިފައި ވަނީ އެންމެ 158 ސާމްޕަލްގެ ނަތީޖާއެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާއެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން ގަމުން މި ކްލަސްޓަރއާ ގުޅުންހުރި ކޭސްއެއް ފެނި، ގަން ފޮނަދޫ ވެސް މޮނިޓަރިންއަށް ލައިފައިވެއެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައިވެސް އެބަ ތިއްބެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!