ލައިފްސްޓައިލް

މީސްމީޑިއާގައި ތިބާއަށް ތައުރީފް ކުރާ ކޮންމެ މީހަކީ ތިބާއަށް ހެޔޮއެދޭ މީހަކަށް ނުވެދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފޭސްބުކްގައި އެތައް ހާސް ފުރެންޑުންނެވެ. އިންސްޓަގްރާމްގައި އެތައް ހާސް ފޮލޯވަރުންނެކެވެ. ޓިކްޓޮކްގައި އެތައް ހާސް ފޭނުންނެކެވެ. ސްނެޕްޗެޓުގައި އެތައް ހާސް ރަހުމަތްތެރިންތަކެކެވެ. އަހަރެން ހިއްސާ ކޮށްލާ ފޮޓޯއަކަށް މާ ގިނަ އިރުތަކެއް ނުވެ އެތައް ލައިކެއް ލިބެއެވެ. އެތައް ބަޔަކު އެ ފޮޓޯއެއް ޝެއަރ ކުރެއެވެ. ނަމަވެސް އަހަންނަށް ދަސްވި އެއް ކަމެއް އެބައޮތެވެ.

Ads by MWSC

އެ ފޮޓޯއަށް ލައިކް ދޭ ކޮންމެ މީހަކީ ނުވަތަ އެ ފޮޓޯއަށް ކޮމެންޓްކޮށް ޝެއަރ ކުރާ ކޮންމެ މީހަކީ އަަހަންނަށް މާ ހެޔޮއެދޭ މީހެއް ނޫން ކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ހިތާމަވެރިކަމެއް މީސްމީޑިއާގައި ހިއްސާކޮށްގެން އެކަމާ ކޮމެންޓު ކުރާ ކޮންމެ މީހަކީ އަހަންނަށް ޓަކައި ހިތާމަ ކުރާ މީހުން ނޫން ކަމެވެ. އަހަރެންގެ ހިތާމައަކީ އެމީހުންގެ އުފާ ކަމުގައި ވެސް ބައެއް ފަހަރުތަކުގައި ވެއެވެ. ނަމަވެސް މީސްމީޑިއާގައި އެމީހުން ދައްކަނީ މުޅިން އެހެން "ކެރެކްޓާ" އެކެވެ. ހަގީގީ ދިރިއުޅުމުގައި މުޅިން އެހެން މަންޒަރެކެެވެ.

ދުވަހަކު އަނގައިން ނުބުނާ މީހުން ވެސް ފޮޓޯއަކަށް ކޮމެންޓު ކޮށްލަފާނެއެވެ. އަހަރެން ލައިފައިވާ ފޮޓޯއެއް ޝެއަރ ކޮށްލަފާނެއެވެެ. އަހަންނަށް ލިބޭ ކާމިޔާބީއަކަށް މަރުހަބާ ކިޔާފާނެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހިތް އަހަންނަށް ޓަކައި ވަރަށް ހެޔޮއިރު މަދު ބައެއްގެ ނަމަވެސް ހިތުގައި އަހަންނަށް ޓަކައި ވަނީ ހަސަދައިގެ ހުޅު ރޯވެފައެވެ. އަނެކާ ކުރި އަރައިގެން ދިއުމަކީ އެމީހުންނަށް މާ ހަޖަމު ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ދިރިއުޅުމުގައި މީސްމީޑިއާގެ މަސްނޫއީ ދަޅަތަކަށް ހެއްލުމަކީ އަހަރެމެންނަށް ބުއްދި ސަލާމަތުން ތިބެ ކުރެވޭނެ އެންމެ ކޮސް ކަންތަކެވެ. ހަގީގީ އެކުވެރިން ދެނެގަންނާނީ މީސްމީޑިއާގައި ކުރާ ކޮމެންޓަކުން ނުވަތަ ކޮށްލާ ޝެއަރއަކުން ނޫނެވެ. ކުރާ ރިއެކްޓަކުން ނުވަތަ ލައިކަކުން ވެސް ނުމެ ނޫންމެއެވެ. ހަގީގީ ރަހުމަތްތެރިން ދެނެގަންނާނެ އެތައް ގޮތެއް އޮންނާނެއެވެ.

މީސްމީޑިއާގައި ތިބާގެ މޮޅުކަމުގެ ވާހަކަ އާއި ތިބާ ރަނގަޅުކަމުގެ ވާހަކަ ދައްކާ އެންމެންނަކީ ތިބާގެ ސަޕޯޓަރުންނެއް ނޫނެވެ. އެމީހުންގެ ހިތުގައި ތިބާއަށްވަނީ ހަސަދައިގެ އަލިފާން ނޫން ކަމެއް ވެސް ނޭނގެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!