އޭއެފްސީ މެޗުތަކަށް ހާއްސަ ހުއްދައެއް ދީފި
މި މަހު ރާއްޖޭގައި ބޭއްވުމަސް ތާވަލް ކުރެވިފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯއީސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމާ މެދު ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާކުރަމުން އަންނަ ކަމަށާއި އެޗްޕީއޭ އާއި އޭއެފްސީން ހަދާފައިވާ ގައިޑްލައިންތަކެއްގެ ތެރެއިން އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކްލަބު އީގަލްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އޭއެފްސީ ކަޕްގެ ސައުތު ޒޯންގެ ގުރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 އިން 20 އަށެވެ.
މަބްރޫކް ވިދާޅުވީ، މިމުބާރާތަށް ޓީމުތައް ރާއްޖެއަށް އަންނަންޖެހޭނީ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދައިގެން ކަމަށާއި އަދި ޓީމުތައް އައިސް ތިބެން ވެސް ޖެހޭނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެގެން ކަމަށެވެ. އަދި އިތުރު ތަނަކަށް ދިއުމުގެ ހުއްދައެއް ކުޅުންތެރިންނަކަށް ނޯންނާނެ ކަމަށާއި އަދި ޓީމުތަކަށް ހިދުމަތްދޭ ފަރާތްތަކުން ވެސް މުޖުތަމައުގެ ތެރެއަށް ނުކުތުމުގެ ހުއްދައެއް ނޯންނާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ އޭއެފްސީ މުބާރާތަކީ ރާއްޖޭގެ ޓީމުތައް ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތަކަށް ވާތީ ރާއްޖޭގައި ކުޅެންޖެހޭ މެޗުތައް ކުޅުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ ކުޅިވަރުތައް މެދުކަނޑާލަން ރޭ ނިންމުމާ ގުޅިގެން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލަން ވަނީ ނިންމާފައެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މި ވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނީ ހަމައެކަނި އޭއެފްސީ ކަޕްގައި ކުޅޭ ޓީމުތަކަށް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.