ބަހުސް ހޫނު ކޮށްލަމާ: އަންހެނަކާއި ފިރިހެނަކަށް ބެސްޓްފްރެންޑުންގެ ގޮތުގައި ނުތިބެވޭނެ
މިއީ ހޫނު ބަހުސެކެވެ. އެކަމަކު މި ފަހަރު މިއުޅެނީ އަދަމުން ދާ އަލިފާންގަނޑަކަށް ދަރު އަޅައި ބޮޑަށް އަންދައި
ލާށެވެ. އަންހެނަކާ ފިރިހެނަކާ އެންމެ ގާތް އެކުވެރިންގެ ގޮތުގައެއް ނުތިބެވޭނެއެވެ. މަދު ފަހަރެއްގައި ތިބެވުނު ނަމަވެސް ގިނަ ފަހަރަށް އެ ގުޅުން އޮންނާނީ ކޮންމެވެސް ގޮތަކަށް އޮޅުންބޮޅުންވެ އެ ދެެމެދަަށް އިޝްގީ ލޯބި ވެރިވެފައެވެ.
ބެސްޓްފްރެންޑުންގެ ގޮތުގައި އަންހެނަކާ ފިރިހެނަކަށް ނުތިބެވޭނެ އެއް ސަބަބަކަށް ބަލައިލަމާ ހިނގާށެވެ. އެއް ސަބަބަކީ ރައްޓެހިވެގެން އުޅޭއިރު އެ ރައްޓެހިވެގެން އުޅޭ މީހާއާ އެކަމުގެ ސަބަބުން މައްސަލަ ޖެހުމެވެ. މައްސަލަ ނުޖެހޭނެއޭ ބުންޏަސް ޖެހޭނެއެވެ. ތިމާ ލޯބިވާ މީހަކު އަނެކާއާއެކު ގިނަ ވަގުތު ހޭދަކޮށް އަނެކާއަށް ގިނަ އެއްޗެހި ހިއްސާކޮށް އުޅޭތަން ބަލަން ބޭނުން ވާނީ ފަހެ ކާކު ހެއްޔެވެ. އެ ހިސާބުން ދެމީހުންގެ ދޭތެރޭގައި ޝަކުވާތަކާއި މައްސަލަތައް ޖެހި ދެމީހުން ރުޅި ވަނީއެވެ. އެ ހާލަތުގައި ވެސް ހުރިހާ ވާހަކައެއް ހިއްސާ ކުރަނީ އެއްކަލަ ބެސްޓްފްރެންޑާއެވެ. ނަތީޖާއަކަށް ވަނީ އެ ދެމެދަށް މި ކިޔާ އިޝްގީ ލޯބި ވަނުމެވެ.
ކަންކަން ހިއްސާ ކުރުމުގެ ވާހަކަ ދެކެވުމުން އިތުރު ކޮށްލާނަމެވެ. އެންމެ ގާތް ދެ އެކުވެރިންގެ ގޮތުގައި އުޅޭނަމަ ހުރިހާ ކަމެއް ހިއްސާ ކުރާނެއެވެ. ހުރިހާ ކަމެއްގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެކަކު އަނެކަކު ދެރަވުމުން މަސަލަސް ކޮށްދޭން މަސައްކަތް ކުރާނެއެވެ. އެހުރިހާ ކަމެއްގެ ތެރޭގައި ވެސް އެކަކު އަނެކަކަށް ލިބޭނީ ލޯތްބާއި ހަމްދަރުދީއެވެ. އެވަރުން ވެސް ހަމަ ހިތަކަށް އެއްޗެއް ނާރާ ދޯއެވެ. ހިތުގައި ޖަޒުބާތެއް ނުއުފެދޭ ދޯއެވެ. ތިއީ ވަރަށް ނާދިރު ކަމެކެވެ. އިދިކޮޅު ޖިންސުގެ ގާތް މީހެއްގެ ފަރާތުން އަޅާލުމާއި ލޯބި އަބަދާއަބަދު ލިބޭނަމަ އެކަމުގެ ސަބަބުން ހިތުގައި ކޮންމެވެސް ކަހަލަ ލޯތްބެއް އުފެދޭނެއެވެ.
މި ނިމުނީއެއް ނޫނެވެ. އަންހެނަކާއި ފިރިހެނަކު އެގޮތަށް އެކުގައި މާ ގިނައިން އުޅެން ފަށައިފިނަމަ އަޅުވައި ކިޔާ މިންވަރު އިތުރުވާނެއެވެ. އެ ދެމީހުންގެ ރައްޓެހިން ވެސް އެ ދެމީހުންނަށް އަޅުވައި ކިޔާނެއެވެ. ދެމީހުންނަށް އެކި އެއްޗެހި ކިޔާ މަޖާކޮށް ދިމާކޮށް ހަދާނެއެވެ. މިހެން ބުނީމާ ދެން އެއީ އެވަރު ކަމެއް ހެއްޔޭ އަހާނަން ދޯއެވެ. އާނއެކެވެ. އެއީ ވަރަަށް ބޮޑު ކަމެކެވެ.
އަޅުވައި ކިޔުމަކީ މީހާގެ ވިސްނުމަަށް ނުފޫޒު ފޯރުވާ ކަމެކެވެ. މީހާގެ ވިސްނުމަށް ގިނަ ބަދަލުތަކެއް ގެނުވާ ކަމެކެވެ. މިހެން މި ބުނަނީ ސަބަބެއް ނެތިއެއް ބަލަގަ ނޫނެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ. މީހަކު މާ ގިނައިން އެއް ވާހަކައެއް ދައްކާ ކަމުގައި ވަނީ ނަމަ އެކަމަކާ މެދު ވިސްނޭވަރު އިތުރުވާނެއެވެ. ގަސްތުގައެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ.
އެހެންކަމުން މީހަކާ ތިބާއާ އަޅުވާ ކިޔަން ފަށައިފިނަަމަ ތިބާއަށް ވިސްނޭނެއެވެ. އެއީ ހަމަ ޔަގީން ކަމެކެވެ. ނިދަން އޮންނަ ވަގުތުގައި އާއި އެކަނިވާ ވަގުތުތަކުގައި ތި ދެމީހުން ދޭތެރޭގައި ހަގީގަތުގައި ވެސް އެފަދަ ގުޅުމެއް އުފެދިދާނެތޯ ހިތާހިތާ ސުވާލު ކުރެއެވެ.
ގިނަ ފަހަރަށް އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އިދިކޮޅު ޖިންސުގެ މީހުން ގެންގުޅޭ މީހުން އަނެކާ ދެކެ ލޯބިވާނެއެވެ. ނުވަތަ ކޮންމެވެސް ވަރަކަސް ގަޔާ ވާނެއެވެ. އެވާހަކަ ބުނަން ނުކެރެނީއެވެ. ލޯބިވާ ވާހަކަ ބުނެގެން އެެކުވެރިކަން ވެސް ގެއްލެން ބޭނުން ނުވަނީއެވެ.
މިކަމުގައި އެކި މީހުންގެ ޚިޔާލު ތަފާތު ވެދާނެއެވެ. އެކަމަކު ހަގީގަތުގައި އަދި ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ވެސް އަންހެނަކާއި ފިރިހެނަކަށް ބެސްޓްފްރެންޑުން ގޮތުގައި ނުތިބެވޭނެއެވެ.