ބެންގަލޫރުގެ ކުޅުންތެރިން ވަގުތުން ރާއްޖެ ދޫކޮށް ދިޔުމަށް މަހުލޫފް ގޮވައިލައްވައިފި
އޭއެފްސީ ކަޕްގައި ރާއްޖޭގެ އީގަލްސްއާ ވާދަ ކުރަން އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ކަރަންޓީނު އުސޫލާ ޚިލާފުވެފައިވާތީ ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ގޮވާލައްވައިފިއެވެ.
މިނިސްޓަރު މަހްލޫފް މީގެ ކުރިން ވަނީ ބެންގަލޫރު އެފްސީގެ ކުޅުންތެރިންނަށް ހޮޓަލުން ބޭރަށް ވެސް ނުނިކުމެވޭނެ ކަމަަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ޓީމުގެ ކުޅުންތެރިން މާލޭގެ މަގުމަތީގައި އުޅޭ ފޮޓޯތަކެއް މީޑިއާގައި މިއަދު ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އެޗްޕީއޭ އާއި އޭއެފްސީގެ އުސޫލްތަކާ ޚިލާފުވުން، މިއީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ޓީމުން ޖެހޭނީ ރާއްޖެ ދޫކޮށް ވަގުތުން ދާން ކަމުގައި މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ބެންގަލޫރު ޓީމުގެ ބައެއް ކުޅުންތެރިން ފެނިފައި ވަނީ މިއަދު ހަވީރު އަމީރު އަހްމަދު މަގުން، މަޖީދިއްޔާ ސްކޫލު ކައިރިން މަސްވެރިންގެ ޕާކާ ދިމާލަށް ނުކުންނަނިކޮށެވެ. މަގުމަތިން ފެނުނު ކުޅުންތެރިންގެ ތެރޭގައި ބެންގަލޫރު އެފްސީގެ އެރިކް ޕާޓަލޫ ހިމެނެއެވެ.
އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ރާއްޖެ އައި މި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް ރާއްޖޭގައި އަދި އަވަށްޓެރި އިންޑިއާގައި ވެސް ގިނަވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ބެންގަލޫރު އެފްސީގެ ކުޅުންތެރިން އޭއެފްސީ ކަޕްގެ މެޗަށް ރާއްޖެ އައުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ތިއިންޑިޔައަކާ ހެދި މިގައުމު މިހާލަތަށް ވެއްޓުނީވެސް.
ބޭބެެ ތިހެންް ނުކިޔަބަލަަ އެއީީ ވެސްް ހަމަަ އަހަރެމެންް ފަދހަަ އިންސާާ ނުންް ނޭ!