ދީން

ރަސްކަމެއް ލިބެން އޮތަސް، ދޮގެއް ހަދައިގެން އަޅުވެތިނުވާށެވެ.

މުބީން ޢަލީ ، ދެން އޮންލައިން

ލޮނާ ނުލައި ކާތަކެތި ސުލްޙަ ނުވާ ފަދައިން، ރިވެތި އަދަބާއި ނުލާ ޙަޞީލަތް ސުލްޙަ ނުވާ ހުއްޓެވެ. އަދަބު އަޚުލާޤުގެ އަގުބޮޑު ޒޭވަރުން އެމީހެއްގެ ނަފުސު ޒީނަތްތެރިކޮށްފި މީހަކީ ކާމިޔާބު ލިބިގެންވާ މީހެކެވެ. މި ދެންނެވި ރިވެތި އަޚުލާޤު ފުރިހަމަ ވަނީ ތެދުވެރިކަމާ އެކުގައެވެ. ތެދުވެރިކަން ނުވާ ނަމަ، މީހަކީ ހެޔޮލަފާ، ޚުލްޤުހުރި މީހެކޭ ނުބުނެވޭނެއެވެ.

Ads by STELCO

ދޮގެއް ބުނެގެން ތިބާއަށް ބޮޑު ރަސްކަމެއް ލިބެން އޮތްކަމުގައި ވިޔަސް، ތެދުބަހެއް ނޫނީ ނުބުނާށެވެ. އަދި ތެދެއް ބުނެގެން ތިބާ އަޅުވެތިވާން ޖެހުނުކަމުގައި ވިޔަސް، ތެދުބަސް ބުނުން މަތީގައި ސާބިތުވެ ދެމިހުންނާށެވެ.

މިވާހަކައަކީ ވިސްނައިފި ކަތަކަށް ޢިބުރަތަކަށް ފުދޭނެ ދަރުމަހުރި ވާހަކައެކެވެ. ޢިބުރަތްތެރި ފިލާވަޅެކެވެ. އަގުހުރި ނަޞޭޙަތެކެވެ. މިއީ ރަސޫލު الله ﷺ ގެ މިސްކިތްކޮޅު ސާފުކުރެއްވި އަންހެނާގެ ވާހަކައެވެ.

ޢާއިޝަތުގެފާނު ރަސޫލު الله ﷺ ގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވައި، މި އަންހެންމީހާއާ ބައްދަލުކޮށް ވާހަކަފުޅުދައްކައި އުޅުއްވިއެވެ. މި ގޮތަށް ވާހަކަފުޅު ދައްކަވައި އުޅުއްވުމުގެ ތެރޭގައި، އެ އަންހެންމީހާގެ ކިބައިން ޢާއިޝަތުގެފާނަށް އާންމުކޮށް އިވިވަޑައިގަންނަވާ ޅެންބައިތެއް އޮވެއެވެ. އެއީ މި ލިޔާ ޅެންބައިތެވެ.

‎و يوم الوشاح من أعاجيب ربنا ألا إنه من بلدة الكفر أنجاني

ވިޝާޙުގެ ދުވަހަކީ ކަލާނގެ އަޖައިބުތަކުންކުރެ އަޖައިބެއް އަހަރެންނަށް ފެނިގެންދިޔަ ދުވަހެކެވެ. އެދުވަހަކީ އެކަލާނގެ އަހަރެން ކުފުރުގެ އައްސޭރިއަކުން ސަލާމަތް ކުރެއްވި ދުވަހެވެ.

މި ދެންނެވި ޅެންބައިތު ޢާއިޝަތުގެފާނަށް ތަކުރާރުކޮށް އިވިވަޑައިގަންނަވާތީ، އެކަމަނާގެ ހިތްޕުޅުގައި މި ޅެންބައިތުގެ މާނަކީ ކޮބައިކަން ހޯދުމުގެ ޝަޢުގުވެރިކަން އުފެދުނެވެ. ޅެންބައިތާ މެދު ސުވާލު ކުރެއްވުމުން އަންހެންމީހާ ކިޔައިދިނެވެ.

އަބިސީނިޔާ ( ޙަބުޝްކަރަ )އަށް ނިސްބަތްވާ އަޅު އަންހެނަކު ކަމުގައި އަހަރެން ވީމުއެވެ. އަހަރެންގެ ސާހިބާއަށް ކިޔަމަންތެރިކަމާ އެކު ޚިދުމަތް ކުރުމުގައި ތެދުވެރި އަމާނާތްތެރިޔަކު ކަމުގައި އަހަރެން ވީމުއެވެ. އެއްދުވަހަކު އަހަރެންގެ ސާހިބާގެ އަންހެންދަރިފުޅު ނިދައިފައި އޮއްވައި، އުދުހިފައި އައި ދޫންޏެއް އޭނާގެ ވިޝާޙު ފެނިގެން އެކުއްޖާގެ ކައިރިއަށް ތިރިކޮށްލިއެވެ. އަދި އެސޮރުގެ ތުނބުން އެ ވިޝާޙު ނަގައިގެން އުދުއްސައިގަތެވެ.

އަންހެންކުއްޖާއަށް ނިދިން ހޭލެވުމުން އޭނާގެ ވިޝާޙު ނެތްކަން އެނގިއްޖެއެވެ. ވިޝާޙު ވަގަށް ނަގައިފި ކަމަށް ބުނެ އަންހެންކުއްޖާ ހަޅޭލަވަން ފަށައިފިއެވެ. ހަޅޭކުގެ އަޑަށް ސާހިބާއާއި، ޤަބީލާގެ އިސްމީހުން އަތުވެއްޖެއެވެ. ގަބީލާގެ އިސްމީހުންނާއި، އަހަރެންގެ ސާހިބު، ވިޝާހު ނެގިކަމުގެ ތުހުމަތުކުރީ އަހަރެންނަށެވެ. އެމީހުން ސުވާލުކުރުމުން ކަން ހިގައި ދިޔަގޮތް އަހަރެން ރަނގަޅަށް ކިޔައިދިނީމެވެ.

ދެން އަހަރެންގެ ސާހިބާ އަހަރެންނާ ދިމާއަށް އެބަ ބުނެއެވެ. ދޮގެއް ހަދައިލާން ވެސް ނޭނގޭ، ގަބިޔާކަން ބޮޑު މިހަރަ ހޭނުޖެހޭ އަންހެނާއެވެ. އިންސާނާގެ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ކޮންމެވެސް ޒާތެއްގެ ވާހަކައެއް ދައްކައިގެން، މިކަމުން ބޯދަމައިގަންނަން ވެސް ކަލޭއަށް ނޭނގުނުތާއެވެ ؟ ތިޔަ ދައްކާ ވާހަކަތަކަކީ އަހަރުމެން ޤަބޫލުކުރާނޭ ވާހަކަތަކެއް ނޫނެވެ. ތިޔަ ވާހަކަތައް ޤަބޫލުކުރާނީ ބުއްދި ހަމަނުޖެހޭ މޮޔައިންގެ ތެރެއިން ވެސް ބޮޑު މޮޔައެކެވެ.

ތިމަންނާ އެ ވިޝާޙް ވަގަށް ނަގައި ވިއްކާލީއެވެ. ނުވަތަ ފޮރުވީއެވެ. ނުވަތަ މީހަކަށް ދިނީއެވެ. މިހެން ވެސް ރީތިކޮށް ބުނަންވީ ނޫން ހެއްޔެވެ ؟ ދޮގެއް ހަދަންޏާ ވެސް ދޮގަކަށްވާވަރުގެ ދޮގެއްހަދަން ކަލޭއަށް ނޭނގުނުތާއެވެ ؟

ދެން މި ޤަބީލާގެ އިސްމީހުން، އެމީހުންނަށް ދެއްކުނުހާ ނުބައި އަހުވައެއް އަހަރެންނަށް ދައްކައި، ތަޅާ އަނިޔާކުރަން ފަށައިފިއެވެ. އެމީހުން ހީކޮށްގެން ތިބީ އެމީހުން އެދޭ ފަދަ ޖަވާބެއް އަހަރެންގެ ދުލުން ބޭރުވާނޭ ކަމުގައެވެ. މިތަންވަޅު، އެއްކަލަ ދޫނި އުދުހިފަައި އައިސް އެސޮރު ހިފައިގެން ދިޔަ ވިޝާޙް އެމީހުންނާއި އަހަރެންގެ ދެމެދަށް ވައްޓާލައިފިއެވެ. އެވަގުތު އަހަރެން، ރޮމުން، ގިސްލަމުން، ހަޅޭލަވަމުން، އެމީހުންނާ ދިމާއަށް ބުނީމެވެ.

هذا الذي اتهمتني به و أنا منه بريئة

ކަލޭމެން އަހަރެންނާމެދު ތުހުމަތުކުރި ކަންކަމަކީ މިއީ ހެއްޔެވެ ؟ މިއޮތް ހުރިހާއިރު ވެސް އަހަރެން ވަނީ އެކަންކަމުން ބަރީޢަވެގެންނެވެ.

މިމަންޒަރު ދެކެފައި، އަހަރެންގެ ސާހިބާގެ ހިތުގައި ހަމްދަރުދީގެ ކަންފުޅެއް އުފެދި، ކުރެވުނު ކަންތަކާ މެދު ސަހަރޯ ހީވެގެން، އަހަރެން މިނިވަންކޮށް، މިނިވަންކަމާއެކު އުޅުމަށް ދޫކޮށްލައިފިއެވެ.

‎و يوم الوشاح من أعاجيب ربنا ألا إنه من بلدة الكفر أنجاني
ވިޝާޙުގެ ދުވަހަކީ ކަލާނގެ އަޖައިބުތަކުންކުރެ އަޖައިބެއް އަހަރެންނަށް ފެނިގެންދިއަ ދުވަހެކެވެ. އެދުވަހަކީ އެކަލާނގެ އަހަރެން ކުފުރުގެ އައްސޭރިއަކުން ސަލާމަތްކުރެއްވި ދުވަހެވެ.

މަސްދަރު: ދަ ޑެއިލީ ރިމައިންޑަރ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!