ޚަބަރު

ކަޅު ފައިސާގައި ޖެހިފައިވާ މީހުން ބޮޑު ދެ ޕާޓީގައި ވެސް ގިނަ: ނިޔާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިއްބެވި ބޭފުޅުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ސަފުގައި ވަރަށް ގިނަ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އެންމެ ފުރަތަމަ ފެންމަތިކޮށް ފަޅައި އަރުވާލީ ވެސް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ނިޔާޒުއެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓެއް ހަދައި އެ ރިޕޯޓް ނެރުމާ އެކު ނިޔާޒު ވަނީ އެ މަގާމުން ދުރުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓްގައި 281 ނަމެއް އޮތެވެ. ނަމަވެސް ކުރިން އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ލިސްޓްގައި އޮތީ 267 ނަމެވެ.

އެ ލިސްޓް އާންމުކުރަން ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ގޮވާލަމުންދާއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ލިސްޓް މިވަގުތު އާންމުކުރުން ރަނގަޅު ނޫން ކަމަށް ވިދާޅުވަމުންނެވެ. ހިޔާނާތުގެ އެ ލިސްޓް އާންމުކުރަން ޖެހޭ ކަމަށް ކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބައެއް ބޭފުޅުން މިހާރު ވިދާޅުވެފައި ވަނީ އެ ލިސްޓް އާންމުކުރަން ގޮވާލުން ޒިންމާދާރު ނޫން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ނިޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެސް އަދި ޕީޕީއެމް އަށް ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އިންސާފުވެރި ކަމާއެކު ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދެވިދާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.

"މި ފައިސާގައި ޖެހިފައި ތިބި މީހުން މި ދެ ޕާޓީ (އެމްޑީޕީ އާއި ޕީޕީއެމް) ގެ އިސް ސަފުގައި އެހާމެ ގިނަ" ނިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގައިފައިވާ ޖޮއިންޓް ކޮމިޓީން ވަނީ އެ މައްސަލަ ބެލުމުގެ މަސައްކަތް ފަށައިފައެވެ. ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ލިސްޓްގައި ހިމެނޭ ބޭފުޅުންގެ މައްސަލަތައް ނިމިފައި ނުވި ނަމަވެސް އެ ބޭފުޅުން މަގާމުތަކުން ވަކިކުރަން ކޮމިޓީން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވެ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!