ތ. ގުރައިދޫން ކޮވިޑް-19 ކޭސްތަކެއް ފެނި ރަށް މޮނިޓަރިންއަށް

ތ.ގުރައިދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ރަށަށް އަރައި ފޭބުން މަނާކޮށް ، ރަށް މޮނިޓަރިންއަށް ލައިފިއެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ފައްސިވެފައި ވަނީ ލ. އަތޮޅުން ޑޮކްޓަރަށް ދައްކައިގެން އައި ބައެކެވެ. އަދި އެރަށުގައި އޮތް ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއެއް ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއާއެކު ފައްސިވި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ޒަރޫރީ ބޭނުމެއް ފިޔަވައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.
ކޮވިޑްގެ ހާލަތު މުޅި ރާއްޖޭގައި ވެސް ގޯސްވެ ، މިހާރު ވެސް 40އަށް ވުރެ ގިނަ ރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ.