ޚަބަރު

ތަހުގީގު ނިމެންދެން މާރިޔާ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުން މުހިންމު: ތޯރިގް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ނިމެންދެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުން މުހިންމު ކަމަށް މަޖިލީހުގެ މަހިނބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ތޯރިގް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިފައިވާތީ އެ މައުލޫމާތު އެމަނިކުފާނަށާއި ޑިފެންސް މިނިސްޓަރަށް ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ތޯރިގް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްޤީޤް ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރުމަކީ ދެފުުށް ފެންނަ ތަހްޤީޤަކަށް މުހިއްމު ކަމެއްކަމަށެވެ.

“ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްޤީޤް ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރުމަކީ ދެފުުށް ފެންނަ ތަހްޤީޤަކަށް މުހިއްމު ކަމެއް. މިހާރު ތިލަވާ މަޢުލޫމާތާއި، ޕްރެސްގައި ދެއްކިވާހަކައަށް ބަލާއިރު މިނޫން ގޮތެއް ނުފެނޭ” ތޯރިގް ވިދާޅުވިއެވެ.

އިލްޔާސް ލަބީބް ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާ ގުޅިގެން އެ މައުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރަށް ގުޅައި ރައީސް ނަޝީދުގެ އިރުޝާދާއެކު އެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް އަރުވަނީ ކަމަށް ދަންނަވައި ލިބިފައި ހުރި މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!