ޚަބަރު

އެމްޑީޕީގެ މަގާމުތަކުން އީސަ ސަސްޕެންޑް ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމިޓީތަކުގެ މުގަައްރިރުކަމުން އޭނާ އެކަހެރި ކުރުމަށް އެމްޑީޕީން މިއަދު ނިންމައިފިއެވެ.

Ads by MWSC

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

“ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މި ޕާރޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ ޢަމަލުތަކެއް ނޫން.” އެމްޑީޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމައިފައެވެ.

އީސައާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ.އެ މައްސަލައިގެ ބަޔާން ފުލުހުންނަށް ދެއްވުމަށްފަހު އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަ 24 ގަޑިއިރަކީ އޭނާއަށާއި ތުއްތު ދަރިފުޅު ލޫތުއަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތުތަކެއް ކަމަށާއި ކުރިމަތިވާނެ ކަމަށް ދުވަހަކު ވެސް ހީކޮށްފައި ނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ.

އީސަގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައެއް ކުރިމަތި މިވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓް އާންމުކޮށް އެ ރިޕޯޓްގައި ވެސް އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ. އެ ކަމާ ގުޅިގެން އީސަ ވިދާޅުވީ ޚިޔާނާތުގައި ކުޑަ މިންވަރަކަށް ވެސް ބައިވެރިވެފައި ނުވާނެ ކަމަށާއި ނަމަވެސް އީސަގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނައިބު ރައީސް އަހުމަދު އަދީބު ދޭން ޖެހޭ ފައިސާއަކާ ހަވާލުވި ކަމަށެވެ. އަހުމަދު އަދީބުގެ ފަރާތުން ފަސްލައްކަ ރުފިޔާ އީސައަށް ލިބުނު ކަމަށް ޚިޔާނާތުގެ ރިޕޯޓްގައި އޮތެވެ.

  1. ބަނގު ރަލަކީ ހާދަހާވާ ނުބައި އެއްޗެކޭ ! އޭގެ ނުބައި ކަމާއި ސުމްޕާކަން ދިމާވާނީ ބުނެފަކާ ނުން !