ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކަމަދޫން ގިނަ މަސައްކަތްތަކެއް!

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް ހާލުގައި ޖެހެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކަމަދޫ ކައުންސިލާއި ރައްޔިތުން މަސައްކަތްތަކެއް ފަށައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލްގެ މެމްބަރު މުޙައްމަދު ޝަރީފް ވިދާޅުވީ އެ ރަށުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ރައްޔިތުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލުމުގެ އިވެންޓެއް މިއަދު އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓައިފައި ވެއެވެ.އަދި ކަމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ހެދިކާ ތައްޔާރުކޮށް ލިބޭ ފައިސާ ވެސް ފަންޑު ފޮއްޓަށް ހަދިޔާ ކުރުމަށް ނިންމާފައި ވެއެވެ.
ޝަރީފް ވިދާޅުވީ ފަލަސްތީނަށް ލިބެމުންދާ ނިކަމެތިކަމަކީ މުސްލިމް ކޮންމެ ރައްޔިތަކަށް ވެސް ލިބޭ ނިކަމެތި ކަމެއް ކަމަށާއި މި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ އެ ނިކަމެތި ކަމުގައި ބައިވެރިވެ ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުން ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކުގައި މިހާތަނަށް 200ވުރެ ގިނަ އާންމުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި މައުސޫމު އެތައް ކުދީންނެއް ހިމެނެއެވެ. މި ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވީ މީހުންގެ އަދަދު ވެސް އުޅެނީ ހާހަކާ ގާތުގައެވެ.