ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތު އުފުލިފައިވާ އީސަ ހައްޔަރު ކުރަން އަމުރެއް ނުދިން

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތު އުފުލިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިންކަން ހާމަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އީސަ ގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ރޭގެ ވަގުތެއްގައެވެ. އެހެންކަމުން ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ އަމުރު ހޯދުމަށް ކޯޓަށް މިއަދު ހުށަހެޅިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިރޭ ބުނެފައި ވަނީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނެފައި ވަނީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައި އިތުރަށް ބުނެފައި ވަނީ، އީސަ ހައްޔަރު ކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން މި ވަގުތު ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާކަމަށް ޕީޖީން ބަޔާންކޮށްފައިވާ ކަމަށާއި އެކަމަކު އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.