ޚަބަރު

މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުން ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއް މިރޭ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނާއި، މާސީ ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް ބާއްވާ ހަރަކާތްތަކުގައި ހިމެނޭ ޕެނަލް ޑިސްކަޝަންއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by STELCO

މިރޭ 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފޭސްބުކް ޕޭޖުން މި ޕެނަލް ޑިސްކަޝަން ދައްކުމަށް ވެސް ވަނީީ ހަމަޖެހިފައެވެ.

މި ޕެނަލް ޑިސްކަޝެންގައި ސަލަފް ޖަމިއްޔާގެ ފަރާތުން، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝައިޚް މުޖުޠަބާ ޙަމީދު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ، ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މާސީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދާން ނިންމީ މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި، އާންމުންނަށް ފަލަސްޠީނުގެ ވާހަކަތައް ގެނަސްދިނުމަކީ މުހިންމުކަމަކަށް ވުމާ އެކުގައި ކަމަށެވެ. އަދި މިއީ ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ އެންމެ މުހިންމު އެއް ހަރަކާތް ކަމަށް ވެސް ޝަހުނީޒް ވިދާޅުވިއެވެ.

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި މާސީ ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތުގައި މިހާތަނަށް އެމް.އެން.ޔޫ.އެސް.ޔޫގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރެކްސް ކޮލެޖް، މެޕްސް ކޮލެޖް، އެމްއައި ކޮލެޖް އަދި އެވިޑް ކޮލެޖުން ވަނީ ބައިވެރިވެފައެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮލެޖުތަކުން ބައިވެރިވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.

މިހަރަކާތުގައި ކުރިޔަށް އޮތްތަނުގައި ޓީޝާޓް ވިއްކުމާއި، މާސްކު ވިއްކުމުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ހުއްދަ ލިބިއްޖެ ނަމަ މިސްކިތްތަކުގެ ބޭރުގައި ފަންޑު ފޮށި ބެހެއްޓުމުގެ ހަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް "ދެން" އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މިހަރަކާތުން ލިބޭ ފައިސާ މާސީއިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުގެ ޔަހޫދީން ދިން ހަމަލާތަކުގައި އެތައް ބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީ ކޭމްޕުތަކަށް ބަދަލުވެފައިވާއިރު، މި ހަމަލާތަކުގައި ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ވަނީ ޝަހީދުވެފައެވެ. އަދި އަނިޔާވި މީހުންގެ އަދަދު 1600އަށް ވުރެ މަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!