ސޯޝަލް މީޑިޔާތައް ބަލަމުން ދިޔައިރު އަޅައިގަތް ފޮޓޯއެކެވެ. ފޮޓޯގައި ފެންނަނީ ޕީޕީއީ ލައިގެން ހުރި އަންހެން ކުއްޖެއްގެ ޕީޕީއީގެ ފަހަތުގައި "ހާދަ ވަރުބައްޔޭ" ޖަހާފައި އޮއްވައެވެ. ކުރެވުނީ ބުނެދެން ނޭނގޭ ކަހަލަ އިޙުސާސެކެވެ. ހިތަށް އެރިއެވެ. ދުވާލަކު އެތައް ގަޑިއިރުތަކެއް ވަންދެން ޕީޕީއީ ލައިގެން ހޫނު ގައުމެއްގައި އުޅޭއިރު ހާދަ ވަރަކަށް ދާ ހިއްލައި ހާދަ އުނދަގޫ ވާނޭ ހިތަށް އެރުމުން އެރުމުން އަހަރެންގެ ހަށިގަނޑަށް ވެސް އުނދަގޫތަކެއް ވިއެވެ.

Ads by Sosun Fihaara

ކޮވިޑް 19ގެ ބަލިމަޑުކަމާ އަހަރުމެން ހަނގުރާމަ ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއެވެ. އެހެން ނަމަވެސް ބަލިން ސަލާމަތްވެ އާއްމު ދިރިއުޅުމަށް ދެވޭނެ ދުވަހެއް ހިތަށް ވެސް ނުގެނެވެއެވެ. ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަށް ގޯސް ވަމުންދާ މިދަނޑިވަޅުގައި ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަކީ ހަމަ ކޮންމެހެން ވެސް މުހިންމުކަމެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ކޮވިޑްގެ ނުރައްކާ މިހާލަތުގައި ސިއްޙީ ހިދުމަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީ އެމަސައްކަތަކަށް ތައުރީފު ހައްގު މަސައްކަތެއް ކަމެވެ. ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ އެކު ކޮންމެ ދުވަހަކު އެކޮށްދޭ ހިދުމަތަކީ މިހެން ލިޔެލާ ލިޔުމަކުން ސިފަކޮށްދެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް ޕީޕީއީ ލައިގެން ފްރަންޓްލައިނަށް ނުކުމެ އުޅޭ ހިތްވަރުގަދަ ފަހުލަވާނުންގެ މަސައްކަތް ފާހަގަކޮށްލެވޭ އިރު އެމީހުން ވާނެ ވަރުބަލި އިހުސާސް ނުކުރެވުނަސް ހިތަށް ގެންނަން މަސައްކަތް ކޮށްލެވުނީ އެކަމާ ބެހޭ ގޮތުން ފްރަންޓްލައިނުގައި މަސައްކަތް ކުރާ އެކުވެރިއަކާ ވާހަކަ ދައްކާލުމުންނެވެ.

"ދެތިން ގެއަށް ދާއިރު ހުންނަނީ ދާހިއްލާ ފޯވެފަ. ވަރަށް ވަރުބަލިވޭ އެއްދުވަހު އަނބުރައި ވެސް ގަނެއްޖެ. ބޮލަށް ފިނިފެން އަޅާ ހަދަން ޖެހުނު. ސާމްޕަލް ނަގާނަގާ އަތް ތުރުތުރު ވެސް އަޅާ ބައެއް ދުވަސްދުވަހު. ހިތަށް އަރާ އަހަރުމެން މި އަދި މަދުންނޭ ޕީޕީއީ ލައިގެން އުޅެން ޖެހެނީ..މާލޭގައި ސާމްޕަލް ނަގަން އުޅޭ ކުދިންނަށް ހާދަ ވަރެއް ވާނޭ." ރާއްޖޭގެ ރަށެއްގެ ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިއަކު ބުންޏެވެ.

ސާމްޕަލެއް ނަގާއިރު އެސާމްޕަލުގެ ނަތީޖާ އަންނާނެ ގޮތެއް ނޭނގޭ ހާލު ސިއްހީ ހިދުމަތްތެރިން އެނަގާ ރިސްކަކީ ޝުކުރު ހައްގު ރިސްކެކެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި ނުކުމެ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ވަކިވަކިން ވެސް ޝުކުރު އަދާކުރާހާވެއެވެ.

"ސާމްޕަލެއް ނެގުމަށް ފަހު އޭގެ ނަތީޖާ ލިބެންދެން ހަމަޖެހުމެއް ނުލިބޭ. މީހާ ހުންނަނީ މެންޓަލީ ވީކްވެފަ. އެހެން ކަމަކާ ނުވިސްނޭ. ނިދަން ވެސް އުނދަގޫ. ހަމަ ދެން ހުރެވޭނީ." އޭނާ ބުންޏެވެ.

އަހަންނަށް އިހުސާސް ކުރެވުނީ ނަފްސާނީގޮތުން އެމީހުންނަށް ކުރާނެ އަސަރެވެ. މިއީ އަދި ރާއްޖެތެރޭގެ ރަށެށްގައި މަސައްކަތްކުރާ އޮފިޝަލެއްގެ ވާހަކައެވެ. މާލޭގައި ކޮންމެ ދުވަހަކު މެދުކެނޑުމެއްބ ނެތި އެތައް ގަޑިއިރުތަކެށް ވަންދެން ސާމްޕަލް ނެގުމާއި ކޮވިޑް ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ޕްރަންޓްލައިނަށް ނުކުމެ ތިބޭ ކުދިންގެ ހާލަތު އިހުސާސް ކުރަން ވެސް ދައްޗެވެ. އެހެނީ ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް އެތައް ކޭހަކާ ކުރިމަތިލާން ޖެހުމެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިނަމަވެސް އާއިލާއާއި ހުރިހާ ކަމަކާ ދުރުގައި ބޮޑު ބަލިމަޑުކަމަކާ ހަނގުރާމަ ކުރަން ހުންނަ އިރު ނަފްސާނީގޮތުން މީހާއަށް އަންނާނެ ބަދަލުތަކެވެ.

"އަސްލު އަހަރަކަށް ވުރެ ގިނަވީ ދަރިފުޅާ އެކީ ކޮލިޓީ ޓައިމްއެއް ހޭދަ ނުކުރެވި. ގެޔަށް ދެވޭ އިރު ވެސް ހުންނަނީ ލަސްވެފަ ދަރިފުޅު އޮންނަނީ ނިދާފަ. ދެރަވޭ.. މިހާރު ޑިއުޓީގަ ހުންނަ އިރު ވެސް އެވަރު ކުދިން ފެނުނީމަ ހަމަ ރޮވެނީ.." އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

އޭނާގެ ވާހަކަ އަޑު އަހައިފައި މަންމައަކަށް ވެހުރެ އަހަންނަށް ވެސް ހަމަ ރޮވުނީއެވެ. މަންމައިންނާއި ބައްޕައާ ދުރުގައި އެފަދަ ކިތައް ދަރީން އުޅޭނެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހާދަ އަސަރެއް ކުރާނެއެވެ. ހާދަ ދެރައެއް ވާނެއެވެ.

އެހެން ނަމަވެސް އަދިވެސް އެމީހުން ހިތްވަރެއް ދުލެއް ނުކުރެއެވެ. އެކަން އަހަރެންގެ އެކުވެރި ސިއްހީ އެހީތެރިޔާގެ ބަހުން ސާފުވިއެވެ.

"އަސްލު މީދޯ ގައުމަށް އަހަރުމެން ބޭނުންވި ވަގުތަކީ. މިވަގުތު ފްރަންޓްލައިނުގައި މިހެން ނުކުމެ ހުންނައިރު ހަމަ ވަރަށް ފަހުރުވެރިވަން. އަމިއްލަ ނަފްސާ މެދު. ގައުމަށް ބޭނުން ޖެހުނު ވަގުތު އެންމެކުރީގަ ނުކުމެ ހުންނަ އިރު ހާދަ އުފާވެރި އިހުސާސެކޭ ކުރެވެނީ. ފަހުވަގުތާ ހަމައަށް ވެސް މިހެން ހުރުން އަޒުމަކީ" ފަހުރުވެރިކަމާ އެކު އޭނާބުންޏެވެ.

އަހަރެން ހިތަށް އެރިއެވެ. އެއީވެސް އިންސާނުންނެވެ. އާއިލާއާއި ރައްޓެހިން ވެސް ތިބޭނެތާއެވެ. އެހެން ނަމަވެސް އެ  ހުރިހާކަމަކަށް ވުރެ މިއަދު އެމީހުންނަށް މުހިންމީ އެމީހުންގެ ގައުމީ ވާޖިބެވެ. ގައުމީ ހިދުމަތެވެ. ތިޔަ ރައްޔިތުންނެވެ.

Ads by HDC
  1. މުހައްމަދު

    ފިނިކުރި ކޮޓަރިޔެއްގައި ތިބޭބަޔަކު އެހާވަރުބަލިވީ އިރު އަހަރެމެން ގަދައަވީގެ ކިހާވަރުބަލިވާނެ އެކަމަކު އަހަރެމެންގެ ޚަބަރެއް ޖަހާލާނެ ނޫހެއްނުވޭ ދުވާލަކު 4 ނޫނީ3 މީހުން ވަޅުލަމުން ދާއިރުވެސް ހަމަ އަޅާގަންނަ ނޫހެއްވެސް ހަމަ ނެތީބާ!

    • މީހެއް

      ބްރޯ ތަނެއްގަ އުޅޭ މަސައްކަތު މީހާ އާއި ސެކިއުރިޓީ މުވައްޒަފުންނަކީ މިދިވެހިން ބަލައިގަންނަ ބައެއް ނޫން..