ހާލަތު ގޯސްވެފައިވާ އިސްދޫ މަގަތުސަފުގެ އެހީތެރީންނަށް ޖެހިފައި! 2300ގެ އާބާދީގައި ހަ ނަރުހުން!
ލ.އިސްދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ހައްވާ ނައުޝާ، 23 އަހަރު، ޑިއުޓީ ނިންމައިފައި ރޭ ގެއަށް ދިޔައީ ފަތިހު ހަތަރެއް ޖަހައި ބޮޑުވި ފަހުންނެވެ. ގޭގެ މަސައްކަތްތަކާއި ނިންޖާއި އެ ނޫން ވެސް އޭނާގެ އަމިއްލަ ހުރިހައި ކަމަކަށް ފަސް، ހަގަޑިއިރު ހޭދަ ކުރުމަށް ފަހު ހެނދުުނު 10 ޖެހިއިރު އޭނާ އަނެއްކާ ވެސް ނިކުމެ އެހުރީ ޑިއުޓީގައެވެ. ގައުމީ ޚިދުމަތުގައެވެ.
މިއީ ކޮވިޑްގެ ބިރުވެރިކަން އޮތް އިސްދޫ، ކަލައިދޫގައި ބަލި މީހުންނަށް ޚިދުމަތް ކުރުމާއި ސާމްޕަލް ނެގުމުން ފެށިގެން ގޮސް ކަމާ ގުޅުންހުރި އެތައް ކަމެއް ކުރަން މިވަގުތު ތިބި 08 ނަރުހުންގެ ވެސް ހާލަތެވެ. 385 ހެކްޓަރުގެ ބިން ބޮޑު އެ ފަސްގަނޑުގައި ކޮންމެ ދުވަހަކު އެތައް ދުއްވުމެއް ދުއްވަން ޖެހެއެވެ. ޑަބަލް ޑިއުޓީ ނިންމައިލާއިރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ވަރުބަލިވެ އެ ޚިދުމަތްތެރީން ފޫހިކަމެއް ނެތި ކުރައްވާ ގައުމީ ޚިދުމަތަށް ސާބަހެވެ.
ލާމު އަތޮޅުން ކޮވިޑް-19 ކޭސްއެއް ފެނި ފުރަތަމަ ފަހަރަށް ރަށެއް މޮނިޓަރިންގގެ ހާލަތަށް ގެނެވިފައިވަނީ މިދިޔަ މަހު 24 ވަނަ ދުވަހުއެވެ. މާންދޫ ފުރަތަމަ ކޮވިޑް-19 ކްލަސްޓަރއެއް ފެނުނުއިރު، މިއަދު އަތޮޅުގެ ގިނަ ރަށްރަށުގައި ކޮވިޑް-19 ވަނީ ފެތުރިފައެވެ. މިގޮތުން ލާމު އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 8 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގގެ ހާލަތުގައެވެ. އެ އަތޮޅުން ކޮވިޑް-19ގެ ހާލަތު ދެވަނައަށް އެންމެ ބޮޑުވެފައި ވަނީ ލ.އިސްދޫގައެވެ.
އެ އަތޮޅު ދަނބިދޫން ދަތުރު އިސްދޫއަށް ކުރި ފަރާތެއް ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓް ކުރުމުން، އިސްދޫން ކޮވިޑް-19 ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ މިމަހު 5 ވަނަ ދުވަހުއެވެ. އޭގެ 10 ދުވަސް ފަހުން އެރަށާ އެއްފަސްކޮށްފައި އޮތް ކަލައިދޫން ވެސް ކޭސްއެއް ފެނި އެރަށް ވެސް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެވިފައެވެ.
ޖުމްލަ 1,387 މީހުން ދިރިއުޅޭ އިސްދޫން މިހާތަނަށް 125 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު 1,026 މީހުން ދިރިއުޅެމުން އަންނަ ކަލައިދޫން 18 މީހަކު މިބައްޔަށް ފައްސިވެފައިވެއެވެ.
ޞިއްޙީމަރުކަޒުގެ ހާލަތު ގޯސް - ޚިދުމަތް ދޭން ތިބީ 6 ނަރުުހުން
ރާއްޖޭގެ ރަށްރަށުގައި ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރ ނުވަތަ ހެލްތު ޕޯސްޓްތައް ޤާއިމްކޮށްފައި ހުރި ނަމަވެސް، އިދާރީ ގޮތުން ދެ ރަށުގެ ގޮތުގައި ކަނޑައަޅައިފައި އޮންނަ އިސްދޫ އަދި ކަލައިދޫގައި ސިއްޙީ ޚިދުމަތް ދޭން ހުންނަނީ އެންމެ ސިއްހީ މަރުކަޒެކެވެ. އިސްދޫ ސިއްހީ މަރުކަޒުގައި ޖުމްލަ ހަރަކާތްތެރި ވަނީ 8 ނަރުހުންނާއި 2 ޑަކްޓަރުންނެވެ. ކޮވިޑް-19 ޖެހުނު މީހަކާ ގާތުން ބައްދަލުވުމުގެ ސަބަބުން މިވަގުތު ނައުޝާއާއި އެހެން ނަރުހެއް 2 މިވަގުތު ތިބީ ކަރަންޓީންގައެވެ.
"ޑަބަލް ޝިފްޓް ޑިއުޓީ އެބަ އަދާކުރޭ މިހާރު ސިއްހީ މަސައްކަތްތެރިން. އާއްމުކޮށް ކުރަން ހަވާލުވެފައި ހުންނަ ޒިންމާތަކުގެ އިތުރުން ކޮވިޑް-19ގެ ސަބަބުން، ކޮންޓެކްޓް ޓްރޭސިން އަދި ސާންޕަލް ނެގުމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ" އިސްދޫ ސިއްހީ މަރުކަޒުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން "ދެން" އާ ވާހަކަ ދައްކަވަމުން އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު އަޙަމަދު އާސިމް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ ހާލަަތާ ގުޅޭ ގޮތުން އާސިމް އިތުރަށް ވިދާޅުވީ، އިސްދޫ ސިއްހީ މަރުކަޒަކީ އެހެން ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް ވުރެ ބުރަ މަސައްކަތް ކުރަމުން އަންނަ މަރުކަޒެއް ކަމަށެވެ. މިގޮތުން ސިއްހީ މަރުކަޒު ރަށުގެ މެދުގައި ހުރުމުން ކޮންމެ ރަށަކުން ސިއްހީ ޚިދުމަތް ހޯދަން އަންނަ މީހާވެސް ދިގު ދަތުރެއް ކުރަން ޖެހޭ ކަމަށް އާސިމް ކިޔައިދިނެވެ.
ހޮސްޕިޓަލުގެ މަސައްކަތްތަކާ ގުޅޭ ގޮތުން "ދެން" އާ ވާހަކަ ދެއްކި އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ހައްވާ ނައުޝާ ބުނެފައި ވަނީ ނަރުހުންގެ ޑިއުޓީއަށް ވުރެ އެތަށް ގުނައެއް މަސައްކަތް އެމީހުން ކުރަން ޖެހޭ ކަމަށެވެ. މިގޮތުން އެރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ތިން އެޓެންޑެންޓުން ކަރަންޓީން ކުރުމާ ގުޅިގެން މިވަގުތު މަސައްކަތުގައި ހުރީ އެންމެ އެޓެންޑެންޓެއް ކަމަށް ނައުޝާ ބުންޏެވެ. އަދި އެމީހުން ކުރާ މަސައްކަތް ވެސް ކުރަން ޖެހުނީ ނަރުހުން ކަމަށް އޭނާ ބުންޏެވެ.
"މިއަދު ކަަރަންޓީނުން އެނުކުތީ ސިއްހީ މަރުކަޒުގެ ދެ އެޓެންޑެންޓުން. އެކަކު އަދިވެސް ހުރީ ކަރަންޓީންގައި. މިދިޔަ ހުރިހާ ދުވަހަކު ހޮސްޕިޓަލުގައި ހުރީ އެންމެ އެޑެންޑެންޓެއް. އެހެންވެ، އެމީހާއަށް ހުރިހާ ކަމެއް ނުކުރެވޭތީ އަޅުގަނޑުމެންވެސް އެހީވަން އެންބިއުލެންސް ދޮވެ، ވޯޑްތައް ބްލީޗްކޮށް ސްޕްރޭކޮށް ހަދަން ޖެހެނީ ވެސް އަޅުގަނޑުމެން. މިކަންކަން މިކުރަނީ ކަރަންޓީންގައި ތިބި ގޭގޭގައި ތިބި ކުދިން ވެކްސިން ޖަހަން ޕީޕީއީ ކިޓްގައި ގޮސް، އަދި ސާންޕަލްްތައް ނަގަމުން، ހެލްތް ސެންޓަރަށް އަންނަ ބަލިމީހުން ވެސް ބަލަމުން" ޚިދުމަތްކޮށްދެވޭތީ އުފާ ކުރާ ކަމަށާއި ނަމަވެސް ދުވަސް ނިމޭއިރު ހުންނަނީ މުޅި މީހާ ވަރުބަލިވެފައިވާ ކަމަށް ނައުޝާ ބުންޏެވެ.
ކޮވިޑް-19 ޖެހުނު މީހަކާ ގާތުން ބައްދަލުވެ، މިއަދު ނައުޝާގެ އިތުރުން އިތުރު ނަރުހެއް ކަރަންޓީނަށް ލައިފައިވާއިރު، މިހާރު ޑިއުޓީއަށް ނިކުންނަ ނަރުހުންގެ މަސައްކަތް އިތުރަށް ބުރަވާނެކަމަށް އޭނާ ބުންޏެވެ.
ނައުޝާ ކިޔައިދިން ގޮތުގައި ކޮންމެ ދުވަހަކުވެސް 30 މީހުންނަށްވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކާ ކަމަށާއި ގިނަ މީހުން ޑަކްޓަރަށް ދައްކަނީ ހުން އައިސްގެން ކަމަށެވެ. އަދި ރަށުގައި ކޮވިޑް-19 އިތުރު ކޭސްތަކެއް އުޅެފާނެ ކަމަށް ނައުޝާ ބުންޏެވެ.
ނަރުހުންނަށް ފުރިހަމަ ރައްކާތެރިކަމެއް ނެތް
އިސްދޫ ހެލްތް ސެންޓަރުން "ދެން" އާ ވާހަަކަ ދެއްކި ނަރުސް ބުނެފައި ވަނީ އެ މީހުންނަށް މަސައްކަތް ކުރުމުގައި އެކަށީގެންވާ ރައްކާތެރިކަމާއެކު މަސައްކަތް ކުރާ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ލައިގެން މިތިބޭ ގައުންއަކީ ވަރަށް ކޮލިޓީ ދަށް ގައުންތަކެއް. ތަނެއްގައި އަޅައިގަނެފިއްޔާ ވީދައިގެންދޭ. އަނެއްކާ ކަރު އޮންނަނީ މުޅީން ހާޔަށް، ފަހަތް ވެސް. ގިނަ ފަހަރަށް ފަހަތުން ޓޭޕް އޮޅައިގެން މަސައްކަތް މިކުރަނީ." ކޮވިޑް-19 ޕާސަނަލް ޕްރޮޓެކްޓިވް ގިޔާރއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނައުޝާ ބުނެފައިވެއެވެ.
މީގެ އިތުރުން ނައުޝާ ބުނެފައި ވަނީ ސާންޕަލް ނަގަންދާއިރު ލާ ގައުންލައިފައި ހުންނައިރު، ތިރިން ހެދުމުގެ ބައެއް ވެސް ކުޑަކޮށް އެކްޕޯސްވެފައި ހުންނާތީ ކަންބޮޑުވާ ކަަމަށް ނައުޝާ ބުންޏެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލަން ޖެހޭ ފޭސްޝީލްޑް ވެސް ދޮވެގެން ހަފްތާއެއް ދުވަހު ބޭނުން ކުރަން ޖެހޭ ކަމަށް ވެސް ނައުޝާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ހޮސްޕިޓަލުގެ މެނޭޖަރު އާސިމް ވިދާޅުވީ، އަތޮޅުގެ ރަށްތަކުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ކޮވިޑް-19 ސާމާނު ދޫކުރަނީ ރީޖަނަލް ހޮސްޕިޓަލުން ކަމަށާއި މި ވަގުތުތައް ބޭނުންވާ ސާމާނު އެރަށުގައި އެބަހުރި ކަމަށެވެ.
"ނުލިބިގެން އުޅޭ ވަރަށް ނުވޭ، އެކަމަކު މިހާރަށް ވުރެ ގިނައިން ކުރިޔަށް އޮތްތާންގަ ބޭނުންވާނެ, މިޔަށްވުރެ ޑަބަލްކޮށް ބޭނުންވާނެ" ޕީޕީއީ ކިޓް އަދި ފޭސްޝީލްޑާ ގުޅޭ ގޮތުން އާސިމް ވިދާޅުވިއެވެ.
ރަށުގެ ހާލަތު ގޯސް - ގެއިން ބޭރަށް ނުދެވޭތީ ގިނަ ބަޔަކު އާންމުދަނީ ނުލިބިފައި
އިސްދޫ އަދި ކަލައިދޫގައި ކޮވިޑް-19 ޖެހިގެން ގިނަ ގެތަކެއް ކަރަންޓީނަށް ލާފައިވާއިރު، މިއަދު އިސްދޫގެ މަގުމަތިން ފެންނަނީ ހަމަހިމޭން ކަމެވެ. ދަނޑުވެރިކަމަށް ބަރޯސާވެފައިވާ އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ތިބީ އާންމުދަނީ ހޯދޭނެ ގޮތެއް ނެތިފައެވެ. ރޯނުވަށައި ހެދިކާ ހަދައި، ފޯއްކޮށުން ފަދަ ދުވަހުން ދުވަހަށް މަސައްކަތްކޮށްގެން އާންމުދަނީ ހޯދާ ފަރާތްތައް ވެސް މިއަދު ތިބީ އެހާލެއްގައެވެ.
"އަހަރެމެން މިތިބީގޭގައި. އަހަރެމެން ބޭނުންވަނީ ރަށުން ވީހާވެސް އަވަހަށް ކޮވިޑްގެ މުސީބާތް ފިލައިގެންދާން. ވެރިންގެ ބަހަށް ކިޔަމަންވެގެން އަހަރެމެން ގޭގައި މިތިބީ. އާންމުދަނީ ލިބޭނެ ގޮތެއް ނެތް ނަމަވެސް އަހަރެންގެ ފުށުން އިތުރު މީހަކަށް ބަލިޖެހެން ބޭނުން ނުވާތީ މިއޮތީ ގޭގައި." އިސްދޫގައި ދަނޑުވެރިކަން ކުރާ މީހެއް "ދެން" އަށް މައުލޫމާތު ދިނެއެވެ.
އޭނާ ބުނި ގޮތުގައި ދަނޑުތަކަށް ފެން ދެނީ ތިމާގެ މީހެއް ކަމަށާއި މިބަލިން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ އޭނާ ވެސް އެދޭ އެދުމެއް ކަމަށެވެ.
ރަށުގައި ކޮވިޑް-19 ފެތުރިގެން އުޅޭއިރު، އެންމެ ބޮޑު ބިރުވެރިކަމެއް އޮތީ ބިދޭސީންގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވާތީއެވެ. އިސްދޫ އަދި ކަލައިދޫގައި ވެސް ގިނަ އަދަދަކަށް ބިދޭސީން އެކި މަސައްކަތުގައި ދިިރިއުޅޭއިރު، އެމީހުންގެ ދިިރިއުޅުމުގެ ހާލަތު ދަށް ކަމަށް އިސްދޫން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އެއްތަނެއްގައި އެބައުޅޭ ދިހަ ބާރަ ބިދޭސީން. އެކަކު ފައްސިވެއްޖިއްޔާ އެންމެންނަށް ނުރައްކާ އެބައޮވޭ. ގިނަ ފަހަރަށް ކްލަސްޓަރއަކަށް އެބަވޭ އެމީހުންގެ ކޭސްތައް." އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.
އެރަށުން ބަގްލަދޭޝް 11 މީހުންނާއި ޕާކިސްތާނު އެކަކާއި އިންޑިއާ މީހެއްގެ އިތުރުން ސޫދާންގެ އެކަކުވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މި ލިޔުމުގައި ނައުސާގެ އަމިއްލަ އެދުން ވަރަށް ބޮޑުކަން ފާހަގަ ކުރެވޭ.
ކިހިނެއް؟
ނަރުހުންނާ ފްރަންޓްލައިން ސްޓާފުންނަށް ރައްކާތެރިކަން ނުދެވުމަކީ މުޅި ރަށް ރިސްކަށް ވައްޓާލުން.
އެމްބިއުލަންސްވެސް ދޮންނަން ޖެހެނީ ނަރުހުންތަ.. ނަރުހުންގެ އިތުރުން މުވައްޒަފުން އެބަބޭނުންވޭ.. ތިހުރިހާ ކަމެއް ކުރާއިރު އަސްދޫ ކައުންސިލް ކޮބައިބާ؟؟
މީ ކައުންސިލް އަދި ރަށުގެ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހިފަވާ ހާލަތު،
ކޮވިޑުގެ ކުރިން ތިޔަތާ އޮތީ ކޮންކަމެއް