ޚަބަރު

މާބައިދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ ދަމަހައްޓައިފި ، ރައީސަކަށް އެމްޑީޕީގެ ވިޝާމް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ލ.މާބައިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ވިޝާމްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން މިހެން ނިންމި އެ ކޯޓަށް ، ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން އާދިލް ހުށަހެޅި މައްސަލައަށް މިއަދު އިއްވި ހުކުމްގައެވެ.

އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުގައި އެއް ވޯޓްގެ ތަފާތަކުން މާބައިދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން އާދިލެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މާބައިދޫގައި ބެހެއްޓި ވޯޓްފޮއްޓާއި މާބައިދޫ މީހުން ވޯޓްލީ ސްރީލަންކާގައި ބެހެއްޓި ވޯޓް ފޮއްޓެއް ގުނުމަށް ފަހު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ވިޝާމަށް އިތުރު ދެވޯޓް ލިބޭ ކަމަށް ނިންމައި އީސީން ނިންމީ މާބައިދޫ ކައުންސިލް ރައީސްކަމަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓް ކަމަށެވެ.

ވިޝާމަށް ލިބުނު ދެ ވޯޓްގެ ތެރެއިން އެއް ވޯޓަކީ ސްރީލަންކާގައި ބެހެއްޓި ވޯޓް ފޮއްޓަށް ލައިފައިވާ ވޯޓެކެވެ. އެ ފޮއްޓަށް މާބައިދޫ ދެމީހަކު ވޯޓްލައިފައިވާ ކަމަށް ލިޔެކިޔުންތަކުން ދެއްކި ނަމަވެސް ނަތީޖާގައި ވަނީ އެންމެ ވޯޓެކެވެ. އެހެންވުމާއެކު އަލުން ވޯޓް ކަރުދާސްތައް ބެލުމުން އެމްޑީޕީގެ ކެނޑިޑޭޓް ވިޝާމަށް އެއް ވޯޓް ލިބިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަނެއް ވޯޓަކީ މާބައިދޫ ވޯޓް ފޮއްޓަށް ލައިފައިވާ ކުރީން ބާތިލް ކަމަށް ނިންމައިފައިވާ ވޯޓެކެވެ. އެ ވޯޓް ބާތިލްކަމަށް ކަނޑައެޅީ ވޯޓް ކަރުދާހުގައި ފާހަގަ ޖަހަން ޖެހޭ ގޮޅިއެއް ކަނޑައި ނަގައިފައިވާތީއެވެ. އިންތިޚާބުގެ ޤާނޫނުގައި ބުނެފައި ވަނީ ވޯޓް ކަރުދާހުގެ ވޯޓްގެ ފާހަގަ ފިޔަވައި އެހެން އެއްވެސް ފާހަގައެއް ވާނަމަ ވޯޓް ކަރުދާސް ބާތިލް ވާނެ ކަމަށެވެ.

ހައިކޯޓުން އިއްވި ހުކުމްގައި ވިދާޅުވީ ވޯޓް ކަރުދާސް ކަނޑައި ނެގުމަކީ ވޯޓް ކަރުދާސް ބާތިލްވާނެ ކަމެއް ކަމެއް ސީދާ ބަޔާންކޮށްފައި ނުވާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!