އީސަ އެދެނީ އަސްރާއަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އީސަ އެދިވަޑައިގެންފިއެވެ.
އީސަގެ ފޭސްބުކް ޕޭޖުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިފުޅު ލޫތުގެ މަންމަ އަސްރާއަށް ކުޑައިމީސް ބަހެއް ނުބުނުމަށް އެދޭ ކަމަށެވެ. އަދި އޭނާ އާއި ލޫތުގެ ފޮޓޯއެއް ހިއްސާ ކުރައްވައި އޭނާއަށް އިތުބާރުކޮށް ހިތްވަރު ދިން އެންމެންނަށް އީސަ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އީސަ މިގޮތަށް އެދިވަޑައިގެންފައި މިވަނީ އޭނާގެ މައްޗަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލަ ހުށަހަޅާފައިވާ އޭނާގެ ކުރީގެ އަނބިމީހާ އަސްރާ އެ މައްސަލަ ނަގައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށެވެ. އެކަމުގެ ސަބަބުން އަސްރާއަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ލިބެމުންނެވެ.
އީސަ ވަނީ އޭނާގެ ދިފާއުގައި ފުރަތަމަ ފަހަރަށް މިއަދު ވާހަކަ ދައްކަވައިފައެވެ. އެގޮތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާއަކީ ސިޔާސީ މީހަކަށް ވާތީ ސިޔާސީ ބޭނުމަށް ކޮންމެ ފަދަ ތުހުމަތެއް ވެސް އަމާޒުވެދާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމުގައި އީސަ ވިދާޅުވިއެވެ.
އީސަގެ މައްސަލަ ނަގައިދޭން އަސްރާ އެދިވަޑައިގަތީ ދަރިފުޅުގެ މަސްލަހަތަށް ޓަކައި ކަމުގައި ވިދާޅުވެއެވެ. އެހެން ނަމަވެސް ޖިނާއީ މައްސަލަ ތަހުގީގު ކުރަމުން ދާނެ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ. ކުރިން އަސްރާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެެވެ.
ތިޔައީ ދެމީހުން ރާވައިގެން ކުރިކަމެއް ކަމަށް ބެލެވެނީ. އަޅާނުލާ.