ތިނަދޫން ދެވަނައަށް އެންމެ ގިނަމީހުން ކޮވިޑަށް ފައްސިވީ ދުވަސް؛ އަދަދު 170އަށް

ގދ. ތިނަދޫން އިތުރު 17 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދަކީ ދެވަނައަށް އެންމެ ގިނަ މީހުން އެ ރަށުން ކޮވިޑަށް ފައްސިވީ ދުވަހެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތިނަދޫން 170 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 98 މީހުން އެބަތިއްބެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން އެކަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ލައިފައެވެ.
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގްއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅުނަމަ 9346417 ނަންބަރާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.
ތިނަދޫގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.