އުދައިގެ އަަސަރު ކުނަހަންދުއަށް: 1000 ފޫޓު އެއްގަމަށް ވެސް ރާޅުގެ އަސަރު

ދިޔަވަރު ބޮޑުވެ ލ.ކުނަހަންދުއަށް އުދައިގެ އަސަރުކޮށް ރަށުތެރޭގައި ފެން ބޮޑުވެއްޖެއެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބް ވިދާޅުވި ގޮތުގައި އެ ރަށުގެ ހުޅަނގު ފަރާތުން 1000 ފޫޓު އެއްގަމަށް އުދަ އަރާފައިވެއެވެ. އެކަމުގެ ރަށުގެ ބައެއް މުހިންމު މުއައްސަސާތަކަށް ވެސް ވަނީ އުދައިގެ އަސަރު ކޮށްފައެވެ.
ކުނަހަންދޫ ކައުންސިލް އިދާރާ ހުންނަނީ މޫދުން ފެށިގެން 200 ފޫޓް އެއްގަމުގައެވެ. މޫދާ މިހާ ކައިރީގައި ހުންނަ ކައުންސިލް އޮފީހަށާއި ރަށުގެ ބޯޅަ ދަނޑަށް ވެސް އުދަ އަރާ އެތަންތަނަށް ވެސް ވަނީ ފެން ވަދެފައެވެ.

ކުނަހަންދޫ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ފެން ބޮޑުވެފައި
މީގެ އިތުރުން އެ ރަށު ސުކޫލުގެ ގޯތި ތެރޭގައި ވެސް އޮތީ ފެންބޮޑުވެފައި ކަމަށާއި ފެން ބޮޑުނުވެ ސުކޫލުގައި އޮތީ ޕޭމަންޓެއް ގޮތަށް ހިނގަން ހަދާފައި އޮންނަ ވޯކްވޭ ކަމަށް ޝަކީބު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ސުކޫލްގެ މުވައްޒަފުންނަށް އަދި ދަރިވަރުންނަށް ވެސް އަންނަނީ ގިނަ ދަތިތަކަކާ ކުރިމަތިވަމުންނެވެ.
އުދަ އެރުމުގެ ސަބަބުން ގެތަކަށް މާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވިޔަސް ގޯތި ތެރޭގައި ހައްދާފައި ހުންނަ ތަރުކާރީ ގަސްތަކަށާއި މާ ގަސްތަކަށް ވަނީ ގެއްލުންވެފައެވެ.
ކުނަހަންދުއަށް އުދައިގެ އަސަރު ކޮށްފައިވާއިރު އެ ރަށުގެ ބިންގަނޑަށް ވެސް އެކަމުގެ ސަބަބުން އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން ފަސްގަނޑު ވަރަށް މަޑުވެއްޖެ ކަމަށާއި ވަރަށް ބޮޑަށް ގަނބައިގެން ދާ ކަމުގައި ޝަކީބް ވިދާޅުވިއެވެ.
އެ ރަށު ހުޅަނގު ފަރާތުން އެހާ ބޮޑަށް އުދަ އަރަނީ އެއީ ތިރި ހިސާބަކަށް ވާތީ އާއި އެތަނުން ރާޅު އައުމުގައި އެއްވެސް ހުރަހެއް ނުވާތީއެވެ. އަދި އުދަ އަރާ ވަގުތު ވަރަށް ވައި ބާރުކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އަޅާނުލާ!! އެ ރަށުގަ އުޅޭ ބަޔަކައްނު އުނދަގޫ ވާނީ. އެހެން ބަޔަކަށް ކީއްތަ.
ިމީގެ 2 ދެމަސްކުރީގަ ތިވާހަކަ ނޫހުގަޖެހީމަ ދޮގުކޮށްފަ މިހާރު ކޮންވާހަކައެއްެތޯ ތިދައްކަނީ އޭރުވެސް ރާޅުއަރައޭ