ދެކުނު ކޮރެއާގައި އެއް ޑޯޒަށް ފަހު މާސްކް އެޅުން މަޖުބޫރެއް ނޫން
ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޖުލައި މަހުން ފެށިގެން މާސްކް ނާޅާ ބޭރުގައި އުޅެވޭނެ ކަމަށް ދެކުނު ކޮރެއާއިން ހާމަކޮށްފިއެވެ.
ދެކުނު ކޮރެއާއިން މިގޮތަށް ނިންމައިފައި ވަނީ އެޤައުމުގައި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ވެކްސިންނަށް ތަރުހީބު ބޮޑު ކުރުމަށެވެ. ދެކުނު ކޮރެއާގެ އަމާޒަކީ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެޤައުމުގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ. މިހާތަނަށް އެޤައުމުގައި ވެކްސިން ފުރިހަަމަ ކޮށްފައިވަނީ އާބާދީގެ އެންމެ 7.7 އިންސައްތަކަން ފާހަގަކޮށްލެވެއެވެ.
52 މިލިޔަންގެ އާބާދީއެއް އޮންނަ ދެކުނު ކޮރެއާގެ ބޮޑު ވަޒީރު ކިމް ބޫ ކިޔުމް ވިދާޅުވީ އެއް ޑޯޒް ވެކްސިން ޖަހައިފައިވާ މީހުންނަށް މާސްކު ނާޅާ ބޭރަށް ދެވޭނެ ކަމަށާއި ބޮޑެތި އެއްވުންތަކުގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެއްވުންތަކުގައި ޖޫން މަހުން ފެށިގެން މާސްކް ނާޅާ ބައިވެރިވެވޭއިރު، މަގުމަތީގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރު ނުކުރަން ނިންމާފައި ވަނީ ޖުލައި މަހުން ފެށިގެންނެވެ،
މީގެ އިތުރުން ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު އޮކްޓޯބަރު މަހުން ފެށިގެން ކަރަންޓީން ކުރުމުގެ އުސޫލުތަކަށް ލުއެއް ދޭނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އާބާދީގެ 70 އިންސައްތައަށް ވެކްސިންދީ ނިމުމުންކަމަށް އޭނާ ވިދާޅުވިއެވެ.
އުމުރުން 65 އަހަރުން ފެށިގެން 74 އަހަރުގެ މީހުންނަށް އިއްޔެ އެގައުމުގައި ވަނީ ވެކްސިން ދޭން ފަށައިފައެވެ. މީގެ ކުރިން އެޤައުމުގައި ވެކްސިން ދީފައި ވަނީ ޕްރޮންޓްލައިންގައި ހަރާކާތްތެރިވާ މީހުންނަށެވެ. ދެކުނު ކޮރެއާގެ ސިއްހީ ކަންކަމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި 60 އަހަރާއި 74 އަހަރުގެ މީހުންގެ ތެރެއިން އާބާދީގެ 60 އިންސައްތަ މީހުން ވެކްސިން ޖެހުމަށް ވަނީ ރެޖިސްޓަރކޮށްފައެވެ. އަދި 12،000 ކްލިނިކުން އިއްޔެ ފެށި ވެކްސިން ޕްރޮގްރާމްގައި ވެކްސިން ޖަހާ އުމުރު ފުރާ ވަރަށް އަވަހަށް އިތުރު ކުރާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
އިއްޔެ ދެކުނު ކޮރެއާއިން 707 މީހަކަށް ކޮވިޑް-19 ޖެހުނުއިރު، އެޤައުމުގައި މިބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 137,682 އަށް އަރައެވެ. އަދި މިބަލީގައި 1,940 މީހަކު އެގައުމުން ވަނީ މަރުވެފައެވެ.