ޚަބަރު

މާޅެންދޫގެ ފައްސި އަދަދު 58އަށް، ހުރިހާ ކަމެއް ކުރަން ވެސް ތިބީ ތިން ނަރުހުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނ،މާޅެންދޫން ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު 58އަށް އަރައިފިއެވެ.

Ads by Hajj Corporation

މާޅެންދޫ ކައުންސިލްގެ ނައިބު ރައީސް ނާއިފް އަބްދުﷲ ވިދާޅުވީ މާޅެންދޫން އިއްޔެ ނެގި 17 ސާމްޕަލް ވެސް ނައްސި ނަމަވެސް ފައްސި މީހުންގެ ޖުމުލަ އަދަދު މިހާރު 58އަށް އަރައިފައިވާ ކަމަށެވެ.  އެ ރަށުގައި މިހާރު ހާލުބޮޑު މީހަކު ނެތް ކަމަށް ވެސް ނާއިފް ފާހަގަ ކުރެއްވިއެވެ.

އެރަށުން ހާލަތު ގޯސްވެގެން 3 މީހަކު ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރެވުނެވެ. އެހެން ނަމަވެސް އެ ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.

މީގެ އިތުރުން މާޅެންދޫ ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރު ވެސް ކޮވިޑަށް ފައްސިވެފައިވާތީ މިހާރު އެރަށުގައި މަސައްކަތް ކުރަމުން ދަނީ ނ.އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ފޮނުވާފައި ހުރި ޑޮކްޓަރެކެވެ. އަދި ކައުންސިލްގެ ރައީސް، ޒިންމާދާރު ވެރިޔާ އަދި އިދާރީ ހުރިހާ މުވައްޒަފުން މި ވަގުތު ކަރަންޓީނުގައި ތިބުމުން ވެސް ގިނަ ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ.

މާޅެންދޫން މިހާތަނަށް 256 ސާމްޕަލް ނަގައިފައި ވެއެވެ.

ހުރިހާ ކަމެއްގައި ވެސް 3 ނަރުހުން، ގިނަ ދަތިތަކެއް

މާޅެންދޫއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ނަރުހުންގެ ދަތިކަމެވެ. އެރަށުން އެހާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާ އިރު އަދި ކޮންމެ ދުވަހަކު ވެސް އެތައް ބައެއްގެ ސާމްޕަލް ނަގާއިރު އެކަމުގައި ހަރަކާތްތެރިވާން ތިބީ ހަމަ އެންމެ ތިން ނަރުހުންނެވެ.

އެހެން ބައްޔެއް ވެގެން ވެސް ސިއްހީ މަރުކަޒަށް މީހަކު އައިސްފި ނަމަ ފަރުވާ ދިނުމަށް ތިބެނީ ވެސް އެ ނަރުހުންނެވެ. ނާއިފް ފާހަގަ ކުރެއްވީ އެ ތިން ނަރުހުން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި އެ ތިން ނަރުހުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން އެ ނަރުހުންނަށް ސިއްހީ މަރުކަޒުގެ ސްޓާފުން އަދި ޓާސްކުފޯހުގެ މެންބަރުން ވެސް ވަރަށް ބޮޑަށް އެހީތެރިކަމެއް ދެއްވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒުގެ އެހެން މުވައްޒަފުންގެ އެހީތެރިކަމަށް ވެސް ނާއިފް ވަނީ ޝުކުރު ދަންނަވާފައެވެ.

ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ދިއުން މަނާ

މާޅެންދޫގައި ޒަރޫރީ ބޭނުމަަކަށް ނޫނީ ގެއިން ބޭރަށް ދިއުން ވަނީ މަނާ ކޮށްފައެވެ. އަދި އެރަށު ގޭގެއަށް ފިހާރަތަކުން އެއްޗެހި ޑެލިވަރ ކޮށްދިނުމުގައި ވެސް އެރަށުގައި ހެދިފައިވާ ޓާސްކުފޯހުގެ މެންބަރުން ހަރަކާތްތެރިވެެއެވެ.

ޓާސްކުފޯހުގެ މެންބަރުން ޑިއުޓީ ބަހައިގެން މަސައްކަތް ކުރަމުން އަންނައިރު ކޮންމެ ކުއްޖެއްގެ ވެސް ޑިއުޓީ ވަގުތުގައި ކޮންމެ ގެއަކުން ކޮންމެ ކަމެއްގައި ގުޅައިލި ނަމަވެސް އެކަމަކަށް އެޓެންޑުވާ ކަމުގައި ނާއިފް ވިދާޅުވިއެވެ. އަދި ޓާސްކުފޯހުގެ ކުދިން މަސައްކަތް ކުރައްވަނީ ވަރަށް ބުރަކޮށް ކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ ޓާސްކުފޯހުގެ މެންބަރުންނަށް ތައުރީފް ކުރައްވައިފައެވެ.

މީގެ އިރުން ނާއިފް ވިދާޅުވީ ކޮވިޑްގެ މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަކީ ތިންނަރުހުންނާއި ޑޮކްޓަރާއި ހެލްތު ސެންޓަރުގެ އެންމެހާ މުވައްޒަފުންނާއި ޓާސްކްފޯސްގެ ހުރިހާ މެމްބަރުން އެކުގައި އެއްބައެއްގެ ގޮތުގައި ކުރަމުންދާ ނަމޫނާ މަސައްކަތެއް ކަމަށެވެ. އެގޮތުން މުޅި ހެލްތު ސެންޓަރާއި ޓާސްކުފޯސްގެ މެމްބަރުން ހަމަޖެހިފައިވާ އުޞޫލުގެ ދަށުން 24 ގަޑިއިރު މަސައްކަތުގައި ހޭދަކުރައްވާކަން ޝުކުރުވެރިކަމާއި އެކު ނާއިފް ފާހަގަ ކުރެއްވި އެވެ. މޭމަހުގެ 19 ވަނަ ދުވަހު މާޅެންދޫގައި އިއުލާންކުރި 10 ދުވަހުގެ ފުރަބަންދުގެ މުއްދަތު މިއަދު ހަމަވާއިރު ޓާސްކްފޯސްގެ ރޭގެ ބައްދަލުވުމުގައި ހެލްތު ސެންޓަރުގެ ލަފަޔާ އެކު މި މުއްދަތު ވަނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ 13:30އާ ހަމައަށް ދަންމައިލައިފައެވެ.

ނާއިފް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށާއި އެރަށުގައި އުޅެނީ ވަރަށް ބަސްއަހާ ބަސް ގަބޫލު ކުރާ ރައްޔިތުން ތަކެއް ކަމަށެވެ. އަދި ރަށުން ބަލި ފެނުނު ދުވަސްވަރު ގިނަ ބަޔަކު ފައްސިވަމުން ދިޔަ ކަމަށާއި ނަމަވެސް މިހާރު ، ހާލަތު ރަނގަޅުވަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!