ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ބުރާސްފަތި ދުވަހު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެރަރިޒަމްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by MWSC

ބުރާސްފަތި ދުވަހާއި، އެ ރޭ ހިންގި އޮޕަރޭޝަންތަކެއްގައި ހަރުކަށި ފިކުރަށް ތަބާވާކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ދެން ހުރި މީހާ ހައްޔަރު ކުރީ އެ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، ބުރާސްފަތި ދުވަހާއި އެ ރޭ ހިންގުނު އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތެއް އިއްޔެ ކޯޓުން ޖަހައިފައިވާ ކަމަށެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ ރާއްޖޭގައި ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވާ އިރު، ޓެރަރިޒަމްގެ ތުހުމަތުގައި ހިންގި އެހެން އޮޕަރޭޝަންތަކެއްގައި ވެސް ވަނީ ބައެއް މީހުން ހައްޔަރު ކޮށްފައެވެ. އެގޮތުން މާލެއިންނާއި ހުޅުމާލެއިން ދެމީހަކު ހައްޔަރު ކޮށްފައިވާ އިރު އައްޑޫއިން މިހާތަނަށް ވަނީ 7 މީހަކު ހައްޔަރު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!