ޚަބަރު

އައްސޭރި ޖަލުގައި ކޮވިޑް ފެތުރި 94 ގައިދީއަކު ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ 94 ގައިދީއަކު ކޮވިޑް-19އަށް ފައްސިވެ އެ ޖަލު ތެރޭގައި ކޮވިޑް ފެތުރިއްޖެއެވެ.

Ads by MWSC

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްސޭރި ޖަލުގެ 122 ގައިދީއެއްގެ ސާމްޕަލް ނެގިފައިވާ އިރު އޭގެ ތެރެއިން 94 ގައިދީއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

122 ސާމްޕަލްގެ ތެރެއިން 03 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށާއި 25 ސާމްޕަލެއް ނައްސިވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފައްސިވީ ހުރިހާ ގައިދީން ވެސް މިހާރު ތިބީ އެކަހެރި ކޮށްފައެވެ،

"އަޅުގަނޑުމެންނަށް އަދި މައުލޫމާތު ލިބިފައެއް ނެތް އެއްވެސް ގައިދީއަކު ހާލު ގޯސް ކަމަކަށް، އެފަދަ ކަމެއް ވަންޏާ އަޅުގަނޑުމެން ފެސިލިޓީއަށް ވެސް އެ ގައިދީއަކު ގެންދާނަން" އޮފިޝަލް ވިދާޅުވިއެވެ.

ކަރެކްޝަނުން ބަލަހައްޓަމުންދާ ހުޅުމާލެ އަދި މާފުށީ ޖަލުގައި އެއްވެސް ގައިދީއަކު ކޮވީޑަށް ފައްސިވެފައެއް ނުވެއެވެ. ނަމަވެސް ޖަލުގައި 12 ގައިދީއަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށާއި އަދި 66 ގައިދީއަކު ކަރަންޓީނު ކޮށްފައި އެބަ ތިބިކަމަށް އޮފިޝަލް ވިދާޅުވިއެވެ

އައްސޭރި ޖަލުގައި އެހެން ޖަލުތަކާ ޚިލާފަށް ގައިދީން ތިބޭނީ ޖަލު ގޮޅިތަކުގައެއް ނޫނެވެ. އެހެންކަމުން އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުސަތު އޮންނާނެއެވެ. ބޮޑަށް ބެލެވެނީ އެހާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވީ އެއްތާވުމުގެ ސަބަބުން ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން 55 ޕަސަންޓް ގައިދީން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒް ޖަހަން ޖެހޭ މުއްދަތުގައި މާފުށި ޖަލުގެ ހާލަތު ރަނގަޅު ނަމަ ދެވަނަ ޑޯޒް ޖަހަން ފަށާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!