ޚަބަރު

ފޭދޫން ދެއްކީ ނަމޫނާއެއް، ކަނޑިތީމަށާއި ގޮއިދުއަށް އެހީތެރިކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މޮނިޓަރިންްގެ ހާލަތަށް ލެވިފައިވާ ށ.ކަނޑިތީމާއި ގޮއިދޫގެ ރައްޔިތުނަށް އެހީވުމަށް އެ އަތޮޅު ފޭދޫން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by STELCO

ށ.ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަނޑިތީމާއި ގޮއިދޫއަކީ ފޭދޫ ހިމެނޭ ދާއިރާގެ ދެ ރަށް ކަމަށާއި އެ ދެރަށް މޮނިޓަރިންގެ ހާލަތަށް ލެވިފައި އޮންނަތާ ދުވަސްކޮޅެއް ވެެއްޖެ ކަމަށެވެ.

" މި ދާއިރާގަ މާލެ ދަތުރުކުރާ އޮންނަނީ ދެ ބޯޓު، އެއީ ފޭދޫ ބޯޓާ ކަނޑިތީމު ބޯޓު،އެ ދެބޯޓު ވެސް އޮތީ މިހާރު ކަރަންޓީނުގައި. ފޭދޫ ބޯޓު މިހާރު އޮތީ ދޫކޮށްލާ، އެކަމު މާލެއަށް ދަތުރު ނުކުރާތާ ދުވަސް ކޮޅެއް ވެއްޖެ" ރައިސަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަބަބުތަކަށް ޓަކައި ގޮއިދޫއާއި ކަނޑިތީމުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ހޯދުމުގައި ވެސް ދަތިވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެ ރަށަށް އެހީވުމަށް ފޭދޫ ކައުންސިލާއި ރައްޔިތުން ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި ފޭދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ރައިސަމް ފާހަގަ ކުރެއްވިއެވެ.

" އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން މިކަމުގަ ފޭދޫގެ މަސްވެރިންނާއި އޮޑިވެރިން، މޫސުން ގޯސް ދުވަސް ކޮޅެއް ކަނޑުވަރަށް ގަދަ،  އަޅުގަނޑުމެން މިކޮޅުން އެހީ ހިފައިގެން ދިޔައިރު ވެސް ވަރަށް ކަނޑުގަދަ، ފޭދޫ މަސްވެރިން ވެސް ވަރަށް ހިތްވަރާއެކީ މަސްބޭނުމުގައި ހަރަކާތްތެރިވީ" މަސްވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ރައިސަމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައިސަމް ވިދާޅުވީ ފޭދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ އެހީގެ ސާމާނު ފޯރު ކޮށްދެވުނު ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި މަސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދެ ރަށަށް ފޭދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ފޮނުވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ހަރަކާތުގައި ދެ ޖިންސުގެ ރައްޔިތުން ވެސް ބައިވެރިވި، ފިރިހެނުން މަހަށް ދިޔައިރު އަންހެނުން ފިރިހެނުންނަށް ކޮއްތު ފޯރުކޮށްދިން" ރައިސަމް ފާހަގަ ކުރެއްވިއެވެ.

ރައިސަމް ވަނީ މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ފޭދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކޮށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެެވެ.

"ވަރަށް ފުރިހަމަ އިވެންޓެއް މިއަދު މި ކުރިއަށް ގެންދެވުނީ، އަޅުގަނޑުގެ ވެސް ފޭދޫ ރައްޔިތުންގެ ވެސް ދުއާއަކީ އެ ދެރަށުގެ ރައްޔިތުންނަށް އަވަސް ޝިފާއެއް ދެއްވާ، އާންމު ހާލަތަށް އެ ދެ ރަށް ރުޖޫޢަވުން" ރައިސަމް ވިދާޅުވިއެވެ.

ށ.ގޮއިދޫން މިހާތަނަށް 27 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު ކަނޑިތީމުން 107 މީހުން ވަނީ ފައްސިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!