ރިޕޯޓް

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުން ކުރީސަފަށް ނިކުމެ ގައުމީ ޚިދުމަތުގައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެ ވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގައި ހޭދަކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެ ދެ އަހަރާ ކައިރިވަމުން ދަނީއެވެ. މި ހައްސާސް ދަނޑިވަޅުގައި އެތައް ބަޔަކު ވަނީ ގައުމަށް ޓަކައި ހިލޭސާބަހަށް އެތައް މަސައްކަތްތަކެއް ކޮށްދީފައެވެ. ރެޔާއި ދުވާލު ލޮލުފިޔައެއް ވެސް ޖަހައި ނުލާ އެތައް ބަޔަކު މަސައްކަތް ކޮށްފައިވެއެވެ. އަދިވެސް ދަނީ ކުރަމުންނެވެ.

Ads by STELCO

މި ނާޒުކު ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން ދެއްކެވީ ލާމަސީލު ނަމޫނާއެކެވެ. ގައުމީ ވާޖިބު އަދާ ކުރުމުގައި އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުން ފަހެއް ނުޖެހެއެވެ. ގައުމަށް ޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް އަތުކުރި އޮޅައިލިއެވެ. އަދި ހިތްވަރާ އެކު ސާބިތުކަމާ އެކު ގައުމީ ވާޖިބު އަދާ ކުރުމަށް ނުކުތީ ފަޚުރުވެރިކަމާއެކުގައެވެ.

ހުޅުމާލެ ފެސިލިޓީއަށް އެމްއެންޔޫގެ ނަރުހުން!

ގައުމީ ޔުނިވާސިޓީގައި ނަރުސްކަން ކިޔަވާ ދަރިވަރުންގެ ޓީމެއް ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ވަނީ މިހާރު ދޫކޮށްފައެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން އެތަނުގައި މަސައްކަތް ކުރަން ފަށައިފައިވާ އިރު އަނެއްބައި ދަރިވަރުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.  އެގޮތުން ޔުނިވާސިޓީގެ ފަރާތުން 170 ދަރިވަރުންނެއް ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރުމަށް ދޫކޮށްފައެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްތަކުގެ ދަރިވަރުން ވެސް ކުރީސަފަށް ނުކުމެ މަަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ދަރިވަރުންނަށް ދަސްވެފައި ހުރި ޢިލްމަކާއި ލިބިފައި ހުރި ހުނަރެއް ބޭނުން ކޮށްގެން ގައުމުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް ވާ ބައިވެރިވާ މިހުރިހާ ކުދީންނަކީ ވެސް ވޮލަންޓިއަރ ކުދީންނެވެ.

އެޗްއީއޯސީގެ އެކި ދާއިރާތަކުގައި އެމްއެންޔޫގެ ދަރިވަރުން

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި ދާއިރާތަކުގައި މިހާރު ވެސް އެމްއެންޔޫގެ ގިނަ ދަރިވަރުންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެެވެ. އެގޮތުން މުޅި ޖުމުލަ 95 ދަރިވަރުން މިހާރު ވެސް އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އެބަދެއެވެ.

މި ވަގުތު އެމްއެންޔޫގެ އެންމެ ގިނަ ދަރިވަރުން މަސައްކަތް ކުރަމުން އަންނަނީ ރެޕިޑް ރެސްޕޯންސް ޓީމް (ޢާރުއާރުޓީ)ގައެވެ. ރައްޔިތުން ކޮވިޑަށް ފައްސިތޯ ނުވަތަ ނޫންތޯ ބަލަން ޓެސްޓު ކުރުމުގައި އެންމެ މަގަތު ސަފުގައި ހަރަކާތްތެރި ވާނީ އެ ޓީމުގެ މެންބަރުންނެވެ. އެގޮތުން އާރުއާރުޓީ ޓީމުގައި އެމްއެންޔޫގެ 25 ދަރިވަަރަކު މިހާރު ވެސް މަސައްކަތް އެބަކުރެއެވެ.

މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގ ޓީމުގައި 15 ދަރިވަރުން މަސައްކަތް ކުރަމުން އަންނައިރު އެއީ ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ޓީމެކެވެ. އަދި މޮނިޓަރިންގ ކްލާސްޓާގައި 4 ދަރިވަރުން، ވެކްސިން ކްލާސްޓާގައި 17 ދަރިވަރުން، ބަޖެޓް އެންޑް ޕްރޮކިއުމަންޓްގައި 2 ދަރިވަރުން އަދި އެޑްމިންގައި އެއް ދަރިވަރަކު މަސައްކަތް ކުރެއެވެ. އަދި މި ނޫން ވެސް ދާއިރާތަކުގައި އެމްއެންޔޫގެ ދަރިވަރުން އަންނަނީ ނަމޫނާ ދައްކަމުންނެވެ.

މާރޗް 2020އިން ފެށިގެން މިހާތަނަށް!

ކޮވިޑް-19ގެ ހާލަތުގައި މިދިޔަ އަަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުން ފަށައިގެން މިއަދާ ހަމައަށް އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭހެން ޖުމުލަ 1300 ދަރިވަރުންނާއި މުވައްޒަފުން ވަނީ އެކި ދާއިރާތަކުގައި ޚިދުމަތް ކޮށްފައެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ އެމަރޖެންސީ ސެންޓަރުތަކާއި ޓާސްކުފޯސްތަކުގައި ޖުމުލަ 402 ދަރިވަރުން ވަނީ މަސައްކަތް ކޮށްފައެވެ.

މި ދަރިވަރުންގެ ތެރޭގައި 80 އިންސައްތައަކީ އަންހެން ދަރިވަރުންކަން ފާހަގަ ކޮށްލެވެއެވެ.

އެމްއެންޔޫއެސްޔޫއަކީ އަބަދުވެސް ނަމޫނާ ދައްކާ ޔުނިވާސިޓީއެއް!

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އަކީ އަބަދުވެސް ގައުމީ ހިދުމަތުގައި ތަފާތު ދައްކަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. 2012 ވަނަ އަހަރު އެމްއެންޔޫއެސްޔޫ އުފެދުނީއްސުރެ މިއަދާ ހަމައަށް އެމްއެންޔޫއެސްޔޫއިން އަންނަނީ ގައުމީ ތަފާތު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ކޮވިޑް-19ގެ ޢާލަމީވަބާއާ އެކު އެމްއެންޔޫއެސްޔޫގެ ހަރަކާތްތައް މިވަގުތު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް އެމްއެންޔޫއެސްޔޫގެ މެމްބަރުން އަންނަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ މަސައްކަތްތަކުގައި ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންނެވެ.
ފުރާނަ އަތްމައްޗަށް ލައިގެން ޖެހިލުމެއް ނެތި މަގަތު ސަފުގައި އެމްއެންޔޫއެސްޔޫގެ މެމްބަރުން ފެންނައިރު އެޗްއީއޯސީގެ މައި މަރުކަޒުގެ ސެކިއުރިޓީއިން ފެށިގެން އެޑްމިންގެ މަސައްކަތްތަކުގައި ވެސް އެމްއެންޔޫއެސްޔޫގެ ދަރިވަރުން (މެންބަރުން) އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ކުރިން ވެސް އެމްއެންޔޫގެ ދަރިވަރުން ވަނީ 2015އިން ފެށިގެން ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާ ގުޅިގެން މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން އެ ޔޫނިއަންގެ ޚިދުމަތްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ހޯމް މިނިސްޓްރީއާ ގުޅިގެން ބައިނަލްއަޤްވާމީ އަހިންސާ ދުވަސް (ނޮން ވަޔަލަންސް ޑޭ) ފާހަގަކުރުމަށް ކޮލެޖް/ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބޭއްވުނު ވާހަކަދެއްކުމުގެ މުބާރާތާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޔޫތު ލީޑަރސް ނެޓްވޯކުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ފޯރަމްތައް އިންތިޒާމުކުރުމުގައި ބައިވެރިވުމާއި، ރަފީ އެންޖީއޯ، ޔޫއެންޑީޕީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކާއެކު ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޔޫތު ކައުންސިލް (އެމްވައިސީ)އާއި ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޕެނަލް ޑިސްކަޝަން އިންތިޒާމު ކުރުމުގައި ވެސް އެމްއެންޔޫ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޓަކައި އެ ޔޫނިއަންއިން "އަހަރެމެން ވެސް ފަލަސްތީނާއެކު" ނަމުގައި ޚާއްސަ ކެމްޕެއިންއެއް ކުރިއަށް އެބަގެންދެއެވެ.

  1. ފަރުހާދު

    ކުރީ ސަފަށް ނިކުންނަންވީ. އެކަމަކު ޕޮސިޓިވް ވެއްޖިއްޔާ އެޗް ޕީ އޭ އިން ކޮންހާލެއްތޯވެސް ބަލައިނުލާނެ. ޕޮސިޓިވް ވެފައޭ ބުނަން ގުޅާލި އޭގަލެފަހުން ބަޚަބަރު. މިންގަނޑުތަކާއި އަސާސްތައް އެކުލަވާލާނެ. އެކަމަކު ބަލިވާ މީހުންނަށް ދޭންޖެހޭ އެއްވެސް އަޅާލުމެއް. ކުލުނެއް ނުދޭ