ތިލަފުށީގައި މަސައްކަތްކުރާ މުވައްޒަފަކަށް ފަރުވާ ދިނުން ލަސްވެ ނިޔާވި މައްސަލައެއް!
ކ. ތިލަފުށީގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރުވާ ލަސްވެ ނިޔާވި އިރު ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އަޅައިނުލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ ސައިފް "ދެން"އަށް މައުލޫމާތު ދެމުން ބުނީ، އެ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ފަރުވާ ލަސްވެ ނިޔާވި އިރު ވެސް އެޗްޕީއޭއިން އެކަމަށް ފަރުވާ ނުބެހެއްޓި ކަމަށާއި، އެކަމުގައި އެޗްޕީއޭއިން ބޮޑު އިހުމާލެއް ވެފައިވާ ކަމަށެވެ.
ކަން ހިނގައިދިޔަ ގޮތް "ދެން"އަށް ކިޔައިދެމުން ސައިފް ބުނީ، އޭނާގެ ބައްޕައަކީ ވެސް އެ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި، މިވަގުތު ބައްޕަ ވެސް ހުރީ ކޮވިޑަށް ފައްސިވެފައި ކަމަށެވެ. އަދި ބައްޕައަށް އެ ދުވަހު ހެނދުނު ހާލު ބަލައިލަން ގުޅައިލި ކަމަށާއި، އެތަނުގައި ބަނގްލަދޭޝްގެ ފަސް ރައްޔިތުން ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.
"މުޙައްމަދުބެ (ނިޔާވި މީހާ)ވެސް އެ ސައިޓަށް ޖޮއިން ކުރިތާ ދިހަވަރަކަށް ދުވަސްވީ" ހާދިސާ ހިނގައި ދިޔަ ގޮތް ކިޔައިދެމުން ސައިފް ބުންޏެވެ. މުހައްމަދުބެއަކީ ހައިރިސްކު މީހެއް ކަމުން، މުހައްމަދުބެ ވީހާ ވެސް އަވަހަށް މާލެ ގެންދަން ބައްޕައަށް ލަފާ ދިން ކަމަށް ސައިފް ބުންޏެވެ. އަދި އެތަނުގައި ފައްސި މީހުން އުޅޭއިރު، މުހައްމަދުބެ އެތަނުގައި ބަހައްޓަން ނުވާނެ ކަމަށް އޭނާ ބުނި ކަމުގައި ސައިފް ކިޔައިދިނެވެ.
"އެގަޑީ ބައްޕަ މުހައްމަދުބެއަށް ގުޅި. ގުޅިއިރު މުހައްމަދުބޭގެ ހާލަތު ވަރަށް ގޯސް. ވާހަކައެއް ނުދެއްކޭ" ސައިފް ކިޔައިދިނެވެ.
މީގެ އިތުރުން މުހައްމަދުބެއަށް ރަހަ ނުލާ ކަމަށާއި، ބޮލުގައި ރިއްސާ، ނޭވާ ލާން ވެސް އުނދަގޫ ވާކަމަށް އޭނާ ބުނި ކަމުގައި ސައިފް ކިޔައިދިނެވެ. އަދި އެވަގުތުން ފަށައިގެން މުހައްމަދުބެ މާލެ ގެނައުމަށް ސައިފްއާއި އޭނަގެ ބައްޕަ މަސައްކަތް ފެށިއެވެ.
"އެންމެ ފުރަތަމަ ވެސް ގުޅީ އެޗްޕީއޭއަށް އެ ބޭބެ ގެންނަން ވެގެން މިކޮޅަށް .އެވަގުތު ފެރީއެއް ވެސް ނޯންނާތީވެ. ގުޅިމަ އެޗްޕީއޭއިން ބުނީ ސީއެމްބިއުލޭންސްގަ މާލެ ގެންނާށޭ އައިޖީއެމްއެޗަށް. އޭރުން އެކޮޅުން ހަވާލު ވާނޭ" އެހިސާބުން ސައިފް މަސައްކަތް ކުރީ ސީއެމްބިއުލޭންސަށް ގުޅޭތޯއެވެ. ނަމަވެސް އެޗްޕީއޭއިން ވެސް ސީއެމްބިއުލޭންސްގެ ނަމްބަރު "ނޭނގެ" ކަމަށް ބުނިކަމަށް ސައިފް ކިޔައިދިނެވެ.
އެއަށް ފަހު މާލޭގެ ފުލުހުންނަށް ސައިފް ގުޅިއެވެ. އެތަނުން ބުނީ ތިލަފުށީ ފުލުހަށް ގުޅުމަށެވެ. އަދި ތިލަފުށީ ފުލުހުގެ ނަމްބަރު ވެސް ސައިފްއާ ހިއްސާ ކުރިއެވެ.
"1:17 ވަނިކޮށް އަޅުގަނޑު ގުޅިން ޕޮލިހަށް. ގުޅީމަ ބުނީ އެމީހުން އަތަކު ނެތޯ ޕީޕީއީއެއް. އެހެންވީމަ އުނދަގޫ ވާނެޔޯ ދާން. ދެން އެހިން ކިހިނެއްހޭ ހަދަންވީ. ބުނީމަ ބުނީ އެމްއެންޑީއެފަށް ގުޅާށޭ. އެމްއެންޑީއެފަށް ގުޅީމަ ބުނީ ގުޅާށޯ ކޯސްޓް ގާޑަށް. ކޯސްޓް ގާޑުން ފޯނެއް ނުނަގާ" ހާސްކަމާ އެކު ފަހަރަކު ތަނަކަށް ގުޅަމުން ދިޔަ ސައިފް އެދުވަހުގެ ހަނދާންތައް ހިއްސާ ކުރިއެވެ.
އެގޮތުގައި ސައިފް ފަހަރަކު ތަނަކަށް ގުޅަމުން ދަނިކޮށް ތިލަފުށީގައި އުޅޭ ބަނގްލަދޭޝް މީހަކު އޭނާއަށް ގުޅިއެވެ. އަދި އެތަނަށް ފުލުހުން އައިސްފި ކަމަށް ބުންޏެވެ. އޭރު ގަޑިން މެންދުރު 2:30 ވަނީއެވެ. އެވަގުތު ތިލަފުށީގައި ތިބި ތިން ބަނގްލަދޭޝް މީހުންނާއެކު މުހައްމަދުބެ މާލެ ގެނެވުނެވެ.
"ފުލުހުން ބުނީ ޕީޕީއީ ނެތީމަ އެމީހުންނަށް އަތެއް ނުލެވޭނެއޭ. އެހެންވެ ބަނގްލަދޭޝް ތިން މީހުންނާ އެއްކޮށް މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔައީ. މިކޮޅުން ބޭބެގެ އެންމެ ހަގު ދަރި ހަވާލުވީ" ސައިފް ކިޔައިދިނެވެ.
މާލެއަށް ގެނައިއިރު ވެސް މުހައްމަދުބެ ވަނީ ނިޔާވެފައި ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ސައިފް ކިޔައިދިނެވެ.
މީ މިގައުމުގެ މިއަދުގެ ހާލަތު އަބޮއްފުޅާ ދަބޮއްފުޅާ ވާހަކައިގަހެން މިއޮއްދަނީ
ބޭނުންވަނީ މަރަން ސަރުކާރު ބޭނުންވާ ވަރަށް މަރު ނުވަންޏާ މަރުވާން ދޫކޮށްލަން ޖެހޭނެ އެއްނުން
މިހާރު އަބަދު އިވެނީ ފަރުވާ ލަސްވެގެން މަރުވާ ވާހަކަ
ކޮވިޑް މަރު އިތުރު ކުރަން އުޅޭ ބައެކޭ މީ
ރުފިޔާ ވަގު ހައްތަހާވެސް