އެމެރިކާއިން ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން އެމެރިކާއިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ސަރުކާރުން އިއުލާން ކުރައްވައިފައިވާ ގޮތުގައި އެ ގައުމުން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ސަރުކާރަށާއި ސެކެޓްރީ އެންޓޮނީ ބްލިންކެންއަށް ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ފާހަގަ ކުރައްވައި، އެ ގައުމުގެ ރައީސް ބައިޑެން އަށާއި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާއިން ވަނީ ރާއްޖެއަށް އިމަޖަންސީ މެޑިކަލް އިކުއިޕްމަންޓް ވެސް ފޯރުކޮށްދޭން ނިންމައިފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ހަދިޔާ ކުރާ ޕަލްސް އޮކްސިމިޓާ އަދި ޕީޕީއީ ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މާދަމާ ކަމަށެވެ.