ޚަބަރު

ކެނެޑާއިން ވެސް ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކެނެޑާއިން ވެސް ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

Ads by MWSC

ކެނެޑާއިން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެނެޑާއިން ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކެނެޑާއިން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށް މެކިނޮން ވިދާޅުވިއެވެ. މެކިނޮންގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ކެނެޑާއިން ފޯރުކޮށްދިން އެހީއިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ލިބޭނެ ކަމަށާއި އަދި އެކަމަށް ޓަކައި އުފާ ކުރައްވާ ކަމަށެވެ.

ކެނެޑާއިން ރާއްޖެއަށް ފޯރުކޮށްދެނީ ކިހާ އަދަދެއްގެ އަދި ކޮން ވައްތަރެއްގެ ވެކްސިނެއްކަމެއް މެކިނޮން ހާމައެއް ނުކުރައްވައެވެ. އެހެން ނަމަވެސް ރާއްޖޭގައި މިވަގުތު ހުއްދަދީފައި ވަނީ ފައިޒާ ވެކްސިން، އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިންއަށް އެކަންޏެވެ.

އިންޑިޔާގެ ހާލަތާ އެކު ވެކްސިން ލިބުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ދަނީ ރަޝިޔާއިން ސްޕަޓްނިކް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ މި މަސް ތެރޭ ކޮވިޝީލްޑްގެ ވެކްސިން ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

ކެނެޑާއިން ރާއްޖެއަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާއިރު އެމެރިކާއިން ވެސް ވަނީ ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ މިއަދު ރާއްޖެއަށް ސިއްހީ ސާމާނު ވެސް ހަދިޔާކޮށްފައެވެ.

ކޯވެކްސްގެ ދަށުން މިހާތަނަށް 80 މިލިއަނަށް ވުރެ ގިނަ ކޮވިޑް-19 ވެކްސިން 129 ގައުމަކަށް ފޮނުވައިފައިވެއެވެ. މީގެ ތެރެއިން ރާއްޖެއަށް މިހާތަނަށް ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒްގެ ވަނީ ފޯރުކޮށްދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!