ޚަބަރު

"ސިޔާސީ ގޮތުން ރައީސް ނަޝީދު ބަލި ނުކުރެވޭނެތީ އެހެން ގޮތްގޮތުން ބަލިކުރަން އުޅޭ"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ރައީސް ނަޝީދާއި ބަޝީރު

ރައީސް ނަޝީދާ ސިޔާސީ ގޮތުން ވާދަ ނުކުރެވޭނެތީވެ އެހެނިހެން ނުފޫޒާއި ބާރު ބޭނުން ކޮށްގެން އެ މަނިކުފާނު ބަލި ކުރަން ޕާޓީތެރޭގައި ތިބި ބަޔަކު މަސައްކަތް ކުރާ ކަމަށް އެމްޑީޕީގެ މެމްބަރު އަދި ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ދެން"އާ ވާހަކަ ދައްކަވަމުން ބަޝީރު ވިދާޅުވީ ރައީސް ނަޝީދު ބަލިކުރަން ސިޔާސީ ގޮތުންނަށް ވުރެ އެހެނިހެން ގޮތް ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

މެއި ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލައާ ގުޅޭ ގޮތުން ބަޝީރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި އަދި ކުރީން ވެސް ހިނގައިފައި ހުރި މިފަދަ ކަންތައްތަކާ ފުލުހުންގެ އިދާރާ ނުވަތަ ސިފައިންގެ އިދާރާގެ ކޮންމެ ވެސް ބަޔަކާ ގުޅުން އޮންނަ ކަމަށް އަބަދުވެސް ދެކޭ ކަމަށެވެ.

"ރާއްޖޭގެ ހިނގައިފައި ހުރި ކޮރަޕްޝަނާ މީހުން މެރުމުގެ ކަންކަމާ ރައީސް ނަޝީދުގެ ކޭސްގެ ބޮން ގޮންވުމާއި މި ހުރިހާ ކަމެއްގަ ފުލުހުންގެ އިދާރާގެ ތެރޭގައި އޮންނަ ނޫނީ އެމްއެންޑީއެފް އިދާރާގެ ތެރޭގައި އޮންނަ ކޮންމެވެސް މިންވަރެއްގެ ނެޓްވޯކިންގެ ބައިވެރިވުން އޮންނަ ކަމެއްގެ ގޮތުގަ އަހަރެން އަބަދުވެސް ގަބޫލު ކުރަނީ" ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ އެފަދަ ބޮޑެތި ކުށްތަކަކީ ވަކި ސިޔާސީ ބަޔަކާ ގުޅިގެން ހިނގާ ކަމެއްކަން ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލައިގެ އެންމެ އަޑި ނުހޯދޭތީ އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިކަމާ ގުޅިގެން ބަޝީރު ވިދާޅުވީ އެ ހަމަލާއަށް ފަންޑު ކުރާ މީހުން ހޯދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ކުރީން ހިނގައިދިޔަ އެފަދަ ކަމަކަށް ފަންޑު ކުރި މީހުން މިހައިތަނަށް ހޯދިފައި ނެތް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް އެމްޑީޕީން ވަނީ މެއި6ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފައެވެ. ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި އެ ކޮމިޓީގައި ތިއްބަވަނީ ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްއާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒެވެ.

Ads by Ooredoo
  1. ގަމު މީހާ

    2013 ގެ އިންތިހާބު ނާކާމިޔާބުވި.. އަދި ކުރިއައް އޮތް 2023 އިންތިހާބުވެސް ވާނީ ހަމަ ނާކާމިޔާބު.. އަންނި އަކީ މިހާރު ގިނަ ބައެއްގެ މެދުގަ ބޮޑު ޖޯކެއް..