ލައިފްސްޓައިލް

މާބަނޑު އަންހެނެއް ގާތުގައި ދައްކަން ނުވާ ބައެއް ވާހަކަތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ ވަރަށް ވެސް އުފާވެރި ދުވަސްތަކެކެވެ. އަދި އެހާމެ އުނދަގޫ ވެސް ދުވަސްތަކެކެވެ. އެހެންކަމުން، މާބަނޑު އަންހެނެއްގެ އިހްސާސްތައް ދެނެގަނެ، އޭނާއާ މުއާމަލާތް ކުރުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެއެވެ. އެގޮތުން މާބަނޑު މީހެއް ގާތުގައި ދައްކަން ނުވާ ބައެއް ވާހަކަތައް ވެއެވެ.

Ads by STELCO

ހާދަ ފަލައޭ

މާބަނޑު އަންހެނަކު ފަލަވީ ހަމަ ހުރެފައެއް ނޫނެވެ. އޭނާގެ ބަނޑުގައި އިތުރު އިންސާނެއް އެބައޮތެވެ. އެހެންކަމުން، މާބަނޑު އަންހެނަކާ ދިމާލަށް ހާދަ ފަލައޭ ބުނެ، އޭނާ ހިތުގައި ޖައްސައި ނުލާށެވެ. މަޖަލަކަށް އެހެން ބުނެވިގެން ވެސް މާބަނޑު އަންހެންމީހާއަށް އަސަރު ކޮށްފާނެއެވެ.

ބަނޑު ބޮޑުހެން ހީވެސް ނުވޭ

މިއީ ވަރަށް ގިނަ މީހުންނަށް ބުނެވޭ އެއްޗެކެވެ. ހަގީގަތުގައި މި ބަސް މާބަނޑު އަންހެނަކަށް އިއްވައިގެން ނުވާނެއެވެ. ބަނޑުގެ ކުޑަމިނާއި ބޮޑުމިނަކީ ދަރިފުޅުގެ ސިއްހަތާ ގުޅުން ހުރި ކަމަކަށް ނުވާއިރު، އެވާހަކަ ބުނުމުގެ ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟

ތީ ބޭނުންވެގެން ހޯދާ ކުއްޖެއްތަ؟

އެ ސުވާލަކީވެސް ބައެއް މީހުން މާބަނޑު އަންހެނުން ކައިރީގައި އަހާ ސުވާލެކެވެ. އެއީ ނުބެހޭ ކަންކަމާ ބެހޭ ހިތްވާ މީހުން އަހާނެ ފަދަ ސުވާލެކެވެ. މާބަނޑު އަންހެނަކު ބަލިވެ އިނީ ބޭނުން ވެގެން ކަމަށް ވިޔަސް، އަދި ނޫން ކަމުގައި ވިޔަސް، ތިބާއަށް ކޮންކަމެއް ހެއްޔެވެ؟

ވިހެއުމުގެ ބިރުވެރި ވާހަކަ ދެއްކުން

މިއީ އަލަށް ބަލިވެ އިންނަ އަންހެނެއް ގާތުގައި އެއްގޮތަކަށް ވެސް ދައްކައިގެން ވާނެ ވާހަކައެއް ނޫނެވެ. ތިބާއަށް ވިހެއުމުގައި އެޅި ވޭން އެހެން މީހަކަށް ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެންކަމުން ތިބާގެ ތަޖުރިބާ ހިއްސާ ކޮށްގެން މާބަނޑު މީހާ ބިރު ނުގަންނަވާށެވެ.

ނުރޮއްޗޭ!

މިއީ ވިހެއުމުގެ ވޭން ތަޖުރިބާ ކޮށްފައިވާ އަންހެނުން، އަލަށް ބަލިވެ އިންނަ އަންހެނުން ގާތުގައި އާއްމުކޮށް ބުނާ އެއްޗެކެވެ. ވިހާއިރު ބިރު ނުގަތުމަށާއި ނުރުއިމަށް ނަސޭހަތް ދެއެވެ.

ކޮންކަހަލަ ކުއްޖެއް ލިބެނީ؟

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްކަން ދަރިއެއް ލިބެން އުޅޭ އަންހެނަކަށް، ނުވަތަ ދެމަފިރިއަކަށް ނޭނގިއެއް ނުހުންނާނެއެވެ. އެހެން ނަމަވެސް، އެނގޭ ކޮންމެ ސުވާލެއްގެ ޖަވާބަކީ ދޭން ބޭނުންވާ ޖަވާބަކަށް ނުވެދާނެކަން ހަނދާން ކުރާށެވެ. އެހެންކަމުނ. ދަރިފުޅުގެ ޖިންސަކީ ކޮބައިތޯ މާބަނޑު އަންހެނެއްގެ ކައިރީގައި ނާހާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!